17 މާޗް 2019 - 23:30

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަސްޓަމްސްގެ ދާއިރާއިން ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ވިދާޅުވެއްޖެ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ ވަރަށް މުހިއްމު ބައެއް ކަމަށާއި އެފަދަ ވިޔަފާރިތައް ކުރިއެރުމަކީ އޭގެ ސަބަބުން ރައްޔިތުންނަށާ ގައުމަށް ގިނަގުނަ ފައިދާ ކުރާނެ ކަމެއްކަމަށް ފާހަގަކުރެވޭ ކަމަށެވެ.
ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށާއި ކަސްޓަމްސް އިން ވިޔަފާރިވެރިންގެ ހިޔާލާ އެއްގޮތަށް ހިދުމަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ވޯކްޝޮޕްގައި 17 ބައިވެރިން ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުމުގައި އިމްޕޯޓް އެކްސްޕޯޓު ކުރުމަށްޓަކައި ކަސްޓަމްސްގައި ރަޖިސްޓްރީ ކުރުމާއި މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުމާއި މުދަލުގެ އަގު ފާސްކޮށް ޑިކްލަރޭޝަން ޕްރޮސެސް ކުރުމުގައި އަމަލު ކުރަމުންދާ ގޮތްތަކާއި ރިސްކު މެނޭޖްމެންޓް ސިސްޓަމް "ހިރާސް ނިޒާމު"ގެ ދަށުން މުދަލުގެ ޑިކްލަރޭޝަންތައް ޗެނަލް ވަމުންދާ ގޮތުގެ މައުލޫމާތުދީފައިވެ އެވެ.