ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސްޓާ ޕްލަސް އިން މިރޭ އަނެއްކާ ވެސް އާ ސިލްސިލާއެއް ދައްކަން ފަށާނެ އެވެ.

މި ފަހަރު މި ގެނެސްދެނީ އެ ޗެނެލުން ދައްކާތާ އެންމެ ގިނަ ދުވަސްވީ ސިލްސިލާ ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހާ" އިން ކުރިފަޅުވައިގެން ގެނެސްދޭ "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" އެވެ. މީގެ ލީޑް ތަރިންނަކީ ރިއާ ޝަރުމާ އާއި ޝަހީރު ޝެއިގް އަދި ރިތުވިކް އަރޯރާ އެވެ.

ސްޓާ ޕްލަސް އިން ގެނެސްދިން ކާމިޔާބު ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގައި ކޮކީލާ މޯދީގެ ރޯލް ކުޅުނު ރުޕަލް ޕަޓޭލް ވެސް ސިލްސިލާގެ މުހިއްމު ރޯލަކުން ފެންނާނެ އެވެ.

"ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" އަކީ "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހާ" ގައި ކުރިން ކުޑަކުއްޖެއްގެ ރޯލު ކުޅުނު މިޝްޓީ ބޮޑުކޮށްގެން ގެނެސްދޭ ސިލްސިލާއެކެވެ. މިޝްޓީގެ ރޯލުން މި ފަހަރު ފެންނާނީ ރިއާ އެވެ. މި ސިލްސިލާގެ ބަތަލު ޝަހީރު އެންމެ ފަހުން ފެނިފައި ވަނީ ކަލާޒުން ގެނެސް ދިން ތާރީހީ ސިލްސިލާ "ޔޭ ދާސްތާނޭ މުހައްބަދު: ސަލީމް އަނާރުކަލީ" އިންނެވެ.

މިރޭ "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" ދައްކަން ފަށާ އިރު ކޮންމެ ހޯމަ ދުވަހުގެ ރެއަކުން ހުކުރު ދުވަހުގެ ރެއަށް އައު އެޕިސޯޑްތައް ގެނެސް ދޭނެ އެވެ.

ރާއްޖޭ ގަޑިން ސިލްސިލާ ދައްކާނީ 9:30 ގަ އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކޮށް، އަކްޝޭ ކުމާރު ބަތަލުގެ ރޯލް ކުޅޭ ކޮޕް ޑްރާމާ "ސޫރިޔާވަންޝީ" ގެ ބަތަލާގެ ރޯލަށް ޖެކްލީން ފެނަންޑޭޒް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ބަތަލާގެ ރޯލް ސްރީ ލަންކާ އަށް ނިސްބަތްވާ ބަތަލާ އަށް ދިން ނަމަވެސް މިކަން އަދި ފިލްމުގެ ޓީމުން ކަށަވަރުކޮށެއް ނުދެ އެވެ.

"ސޫރިޔާވަންޝީ" އަކީ މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ސިމްބާ" އަށް ފަހު، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި ރޯހިތުގެ ފިލްމު ކުންފުނި ގުޅިގެން ގެނެސްދޭ ދެވަނަ ފިލްމެވެ.

އަކްޝޭ އާއި ޖެކްލިން ކުރިން ވެސް ވަނި އެކީގައި މަސައްކަތްކޮށްފަ އެވެ. އެއީ 2016 ގައި ރިލީޒް ކުރި "ހައުސްފުލް 3" އާއި 2015 ގައި ކަރަން ޕްރޮޑިއުސް ކުރި "ބްރަދާޒް" ގަ އެވެ.

"ސޫރިޔާވަންޝީ" ބަތަލާއަކަށް ޖެކްލީން ހަމަޖައްސާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ ބަތަލާގެ ރޯލް ކެޓްރީނާ ކެއިފާއި ޕޫޖާ ހެގްޅޭ އަށް ވެސް ހުށަހެޅި ކަމަށް އަޑުތައް އަރާފައި ވަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ބަތަލާ އަށް މާ ހާއްސަ ރޯލެއް ކުޅޭކަށް ނުލިބޭނެ އެވެ. ފަހަރުގައި އެއީ ބަތަލުއާ އެކު ދެތިން ލަވައެއްގައި ފެނިލުން ކަހަލަ ކަމަކަށް ވެސް ވެދާނެ އެވެ.

"ސޫރިޔާވަންޝީ" ރިލީޒް ކުރާނީ އަންނަ އަހަރު ފިތުރު އީދުގަ އެވެ.

ސަންޖޭ ލީލާ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލް އާއި އެކްޓަރު ޖާވިދު ޖެފްރީގެ ފިރިހެން ދަރިފުޅު މީޒާން ޖެފްރީ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "މަލާލް" އަންނަ ޖޫން މަހުގެ 28 ގައި ރިލީޒް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ވެސް މިހާރު އެއްކޮށްހެން ނިމިފައިވާ އިރު، ފިލްމު މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގަ އެވެ. އަދި އަންނަ މަހު ފާހަގަ ކުރާ ހޯލީ ފެސްޓިވަލްގެ ތެރޭގައި "މަލާލް" ގެ ފަސްޓްލުކް ދައްކައިލަން ވެސް ބަންސާލީ ނިންމާފައިވާ ކަމަށްވެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މަރާޓީ ފިލްމުތައް ޑައިރެކްޓްކޮށްގެން މަގުބޫލުކަން ހޯދި މަންގޭޝް ހަޑޯލޭ އެވެ.

މި މަހުގެ 8 ގައި ރިލީޒް ކުރި އަމީތާބް ބައްޗަން އާއި ތާފްސީ ޕައްނޫގެ ތުރިލާ އަށް ވެސް ބެލުންތެރިން ދިން ތަރުހީބާ އެކު ހިޓެއްގެ ދަރަޖަ ލިބިއްޖެ އެވެ.

މި ފިލްމަކީ "ކަހާނީ" ފަދަ މޮޅެތި ފިލްމުތައް ގެނެސް ދިން ސުޖޯއި ގޯޝް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ބެލުންތެރިންގެ އިތުރުން ކްރިޓިކުން ތައުރީފު ވެސް ލިބުނު "ބަދުލާ" އާ ބެހޭ ގޮތުން ގިނަ ކްރިޓިކުން ބުނީ މިއީ ޝައުގުން ފުރިގެންވާ ކަހަލަ މޮޅު ސަސްޕެންސް ތުރިލާއެއް ކަމަށެވެ. އަދި ފިލްމުގެ ލީޑް ދެ ތަރިން ދެއްކި އެކްޓިން ވެސް މޮޅު ކަމަށް ބުނެފައިވެ އެވެ.

"ބަދުލާ" އަށް އިންޑިއާ އާއި އިންޑިއާގެ ބޭރުގެ މާކެޓްތަކުން އާދީއްތަ ދުވަހާ ހަމައަށް ވަނީ 77.4 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ. ސްކޮޓްލެންޑްގައި މަންޒަރުތައް ނެގި ފިލްމު ހަދަން ހަރަދު ކުރީ 10 ކްރޯޑެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ރަނގަކަށް ހިނގި ފިލްމުތަކަކީ "ބަދުލާ" ގެ އިތުރުން ޖެނުއަރީ 11 ގައި ރިލީޒް ކުރި ވިކީ ކޯޝަލްގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް"، ޖެނުއަރީ 25 ގައި ރިލީޒް ކުރި ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ"، މިދިޔަ މަހުގެ 14 ގައި ރިލީޒް ކުރި ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ގަލީ ބޯއި" އަދި މި މަހުގެ 1 ގައި ރިލީޒް ކުރި ކާތިކް އާރިޔަންގެ "ލޫކާ ޗުއްޕީ" އެވެ.