އަނބިމީހާ މަރުވީ ނުކުޅެދޭ ފިރިމީހާގެ ސަލާމަތުގައި އުޅެނިކޮށް
އަނބިމީހާ މަރުވީ ނުކުޅެދޭ ފިރިމީހާގެ ސަލާމަތުގައި އުޅެނިކޮށް

ކްރައިސްޗާޗް (މާޗް 17) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތަށް ހުކުރު ދުވަހުގެ ހުކުރު ވަގުތު ބަޑިން ދިން ހަމަލާތަކުގައި މަރުވި 50 މީހުންގެ ތެރޭގައި ހިމެނޭ ހުސްނާ އަހުމަދަކީ ހިތްވަރުގަދަ މީހެއް ކަމަށް އޭނާގެ ފިރިމީހާ ފަރީދު އަހުމަދު ބުނެފި އެވެ.

އަނބިމީހާ މަރުވީ ނުކުޅެދޭ ފިރިމީހާގެ ސަލާމަތުގައި އުޅެނިކޮށް
އަނބިމީހާ މަރުވީ ނުކުޅެދޭ ފިރިމީހާގެ ސަލާމަތުގައި އުޅެނިކޮށް

ފަރީދު ބުނީ މިސްކިތުގައި ބަޑިޖަހަން ފެށުމާ އެކު ހުސްނާ، 44، އަވަސްވެ ގަތީ އަންހެނުންނާއި ކުޑަކުދިންގެ ހޯލުގައި ތިބި މީހުން ނެރެ އެ މީހުންނަށް ރައްކާތެރިކަން ދިނުމަށް ކަމަށެވެ.

"އޭރު އޭނާ ދިޔައީ މީހުން ނުކުތުމަށް ހަރު އަޑުން ގޮވަމުން. އެތައް އަންހެނުންނާއި ކުދިން އޭނާ ސަލާމަތް ކުރި،" ފަރީދު ކިޔައިދިނެވެ. "އޭނާ އައީ އަހަރެން ކޮބައިތޯ ބަލަން. އަހަރެން އިނީ ފުރޮޅުލީ ގޮނޑީގައި. ހުސްނާ ގަޔަށް ބަޑި ޖެހީ އަހަރެން ސަލާމަތް ކުރަން އަންނަނިކޮށް."

ފަރީދު، 59، ބުނީ އޭނާ ސަލާމަތްވީ ނަސީބުން ކަމަށެވެ. ބަޑި ހިފައިގެން ހުރި މީހާ ފޯކަސް ހުރީ އެހެން މީހުންނަށް ހަމަލާ ދިނުމަށް ކަމަށް އޭނާ ބުންޏެވެ.

"އޭނާ ދިޔައީ އެކަކު ގަޔަށް ދެ ފަހަރު ނޫނީ ތިން ފަހަރަށް ވެސް ހަމަލާ ދެމުން. މަރުވެގެން ވެއްޓިފައި ތިބި މީހުންގެ ގަޔަށް ވެސް އޭނާ ބަޑި ޖެހި،" ފަރީދު ބުންޏެވެ.

ފަރީދު ބުނީ މިސްކިތުން އޭނާ އަށް ނުކުމެވުނު ފަހުން އަނބިމީހާ ނުފެންނަ ކަމަށެވެ. އަދި ހުސްނާ މަރުވެފައިވާ ކަން އެނގުނީ ރައްޓެއްސަކު ދެއްކި ފޮޓޯއަކުން ކަމަށެވެ.

ފަރީދު ބުނީ ބަޑި ޖެހި މީހާ އަށް އޭނާގެ ހިތުގައި ޒާތީ ކަމެއް ނެތް ކަމަށާއި އެ މީހާ އަށް މައާފްކޮށްފައިވާ ކަމަށެވެ.

"އެންމެ ރަނގަޅު ގޮތަކީ އޭނާ އަށް މައާފްކޮށް، އޭނާ އަށް ހެޔޮ މަގަށް އުޅެވޭތޯ ދުއާ ކުރުން،" ބަޑި ޖެހި އުމުރުުން 28 އަހަރުގެ މީހާއާ ބެހޭ ގޮތުން ފަރީދު ބުންޏެވެ.