18 މާޗް 2019 - 12:25

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޓްރާންސްޕޯޓް ބައިން މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާގައި އެ ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ޓްރާންސްޕޯޓުގެ ބައިން އެ ކުންފުންޏަށް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި 13 މިލިއަން ރުފިޔާގެ ގެއްލުންވެފައިވެ އެވެ. ހަތަރު ވަނަ ކުއާޓަރުގައި 30.4 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެ އެވެ. ދެ ކުއާޓަރުގައި ލިބުނު ގެއްލުން ޖުމްލަ 43 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ޓްރާންސްޕޯޓުން އެހާ ބޮޑު ގެއްލުމެއް ލިބިފައިވަނީ ބްރިޖާ އެކު ފެރީގެ ދަތުރުތައް މަދު ކުރުމުންނެވެ. އެގޮތުން އެމްޓީސީސީ އެކްސްޕްރެސް ހިދުމަތާއި އާންމު ފެރީގެ ހިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ. އަދި އޭސީ ފެރީ ދަތުރުކުރާ ވަރު ވަނީ މަދުކޮށްފަ އެވެ.
އެމްޓީސީސީ އަށް ހަތަރު ވަނަ ކުއާޓާގައި ޓްރޭޑިން މަސައްކަތްތަކުން 4.6 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު ކޮންޓްރެކްޓިން މަސައްކަތްތަކުން 1.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު ޑްރެޖިން މަސައްކަތްތަކުން ވަނީ އެވަރުގެ ފައިދާއެއް ލިބިފަ އެވެ. އެމްޓީސީސީ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވެސް ކޮންޓްރެކްޓިން މަސައްކަތުންނެވެ. އެގޮތުން 190 މިލިއަން ރުފިޔާގެ އާމްދަނީއެއް އެ މަސައްކަތުން ލިބިފައިވެ އެވެ. ލޮޖިސްޓިކް ޑިޕާޓްމެންޓުން ވެސް ވަނީ 2.2 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފަ އެވެ.
އެމްޓީސީސީ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 363 މިލިއަން ރުފިޔާ ލިބިފައިވާ އިރު ކުންފުންޏަށް ވަނީ 2.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާ އިރު 2.6 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. ތިން ވަނަ ކުޓާގައި ފައިދާގެ ގޮތުގައި ލިބުނީ ތިން ލައްކަ ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާ ބަލާއިރު 2017 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާގައި ލިބުނު ފައިދާ ގާތްގަނޑަކަށް 94 މިލިއަން ރުފިޔާގެ ދަށަށް ގޮސްފައިވެ އެވެ. އެ އަހަރުގެ ފަހު ކުއާޓަރުގައި ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 97.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އާމްދަނީ ދަށްވެފައިވާ އެންމެ ބޮޑު ސަބަބަކީ ކުންފުނީގެ ހަރަދުތައް އިންތިހާ އަށް ބޮޑުވުމެވެ.