17 މާޗް 2019 - 09:56

މެޑްރިޑް (މާޗް 17) – ޒައިނުއްދީން ޒިދާން އަލުން ހަވާލުވެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން ސެލްޓާ ވީގޯ އަތުން 2-0 އިން އެ ޓީމު މޮޅުވިއިރު، އެތުލެޓިކް ބިލްބާއޯ އަތުން 2-0 އިން ބަލިވެ އެތުލެޓިކޯ މެޑްރިޑަށް ލީގު ހޯދުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ.
މި މޮޅާ އެކު ރެއާލް މެޑްރިޑް މިވަނީ ތިން ވަނައިގައި 54 ޕޮއިންޓް ހަމަކޮށް، ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑާ ދެ ޕޮއިންޓަށް ގާތްކޮށްފަ އެވެ. އެތުލެޓިކޯ ބަލިވެފައިވާތީ، އެއް ވަނައިގައި 63 ޕޮއިންޓާ އެކު އޮތް ބާސެލޯނާ މިރޭ ރެއާލް ބެޓިސް އަތުން މޮޅުވެއްޖެ ނަމަ 10 ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. އެހެންވެ ލީގު ހޯދުމުގެ ރޭހުގައި އެތުލެޓިކޯ މިވަނީ ފަހަތަށް ޖެހިފަ އެވެ.
ރޭގެ މެޗުގައި ޒިދާން ވަނީ ފޯމުން ކަޓާފައިވާ ގޯލްކީޕަރު ތިބައޫ ކޯޓުއާގެ ބަދަލުގައި ކޭލާ ނާވަސް އަށް އެއް ވަނަ ކީޕަރުކަން ދީފަ އެވެ. އަދި އިސްކޯ އާއި ގަރެތު ބޭލް ވެސް ފުރަތަމަ އެގާރައިގައި ހިމެނި އެވެ. ގޯލްތައް ޖަހައިދިނީ އެ ދެ ކުޅުންތެރިންނެވެ.
'މި ކުޅުންތެރިން ކޮށްފައިވާ މަސައްކަތް އެއްވެސް މީހަކަށް ފޮހެނުލެވޭނެ. އަހަރެން ހުރިހާ ކުޅުންތެރިންނަށް ވެސް ބަރޯސާވާނަން،" ޒިދާން ބުންޏެވެ.
މިދިޔަ ތިން ސީޒަނުގައި މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޒިދާން އަލުން ގެނައީ އޭގެ ފަހުން ހަވާލުވި ދެ ކޯޗުން ކަމަށްވާ ހުލެން ލޮޕެޓީގާއި ސެންޓިއާގޯ ސޮލާރީ އަށް ވެސް އެކަށީގެންވާ ނަތީޖާ ނުނެރެވުމުންނެވެ. އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުންނާއި ސްޕެނިޝް ކަޕުން ކަޓައިފަ އެވެ.
ލީގުގައި ރެއާލް މެޑްރިޑް އޮތް މަގާމުގެ ގޮތުން ޒިދާނަށް އޮތް ޒިންމާއަކީ ގަދަ ހަތަރެއް ކަށަވަރުކުރުމުގެ އިތުރުން ބާކީ އޮތް 11 މެޗުން ޓީމުގެ ރޫހު އަލުން ރަނގަޅުކޮށް އާ ސީޒަނަށް ތައްޔާރުވުމެވެ.
'މެޗުގެ ކުރިން އަހަރެން ދެއްކީ ވަރަށް އާދައިގެ ވާހަކައެއް. އަހަރެން ބުނިން މެޗުން ހިތްހަމަޖެހުން ހޯދާށޭ. ކުޅޭށޭ، އެއްކޮށް ދުވާށޭ، ބޯޅަ ގެއްލުމުން އެންމެން އެކުވެގެން މަސައްކަތްކުރާށޭ. ބޯޅަ ލިބުމުން، ހަމަޖެހިލައިގެން ކުޅޭށޭ. އެއީ އަހަރެމެން ކުރި ކަމަކީ،" މެޑްރިޑަށް މިދިޔަ ތިން ސީޒަނުގައި ޗެމްޕިއަންސް ލީގު ހޯދައިދިން ޒިދާން ބުންޏެވެ.