18 މާޗް 2019 - 07:33

މިތުން ޗަކްރަބަތީއަކީ ކިތަންމެ މަގުބޫލު އެކްޓަރަކަށް ވިޔަސް، އޭނާގެ ފިޔަވަޅު މަތިން ބޮލީވުޑަށް ނުކުތް ދޮށީ ދަރިފުޅު މަހާކްޝޭ ޗަކްރަބަތަކީ އަކީ ބެލުންތެރިންގެ ލޯބި ލިބުނު އެކްޓަރެއް ނޫނެވެ. ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ވެސް މިހާތަނަށް ލިބިފައި ނުވާ މަހާކްޝޭ، 34، ގެ ފިލްމުތަކުގެ ކިރިޔާ ވެސް ބެލުންތެރިންނަށް ކަމުދިޔަ ފިލްމަކީ ވިކްރަމް ބަޓް 2011 ގައި ގެނެސް ދިން ބިރުވެރި ފިލްމު "ހޯންޓެޑް 3ޑީ" އެވެ.
އަންނަ މެއި މަހު ރިލީޒްކުރާ، ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯގެ ފިލްމު "މެންޓަލް ހޭ" ގެ ކިޔާގެ ރޯލަކުން އޭނާ އެނބުރި ސްކްރީނަށް އަންނަ އިރު، ހަގު ފިރިހެން ކޮއްކޮ ނަމާޝީ ޗަކްރަބަތީ މިހާރު އަންނަނީ ބޮލީވުޑަަށް ނުކުންނަން ތައްޔާރުވަމުންނެވެ.
ނަމާޝީ އަކީ މިތުންގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ހަގު ފިރިހެން ދަރި އެވެ. އޭނާގެ ދެން ތިބެނީ އުމޭޝީ ޗަކްރަބަތީ ކިޔާ ފިރިހެން ދަރިއަކާއި ޑިޝާނީ ޗަކްރަބަތީ ކިޔާ އަންހެން ދަރިއެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެމެރިކާގައި އެކްޓިން ކިޔާފައިވާ ނަމާޝީއަކީ ބައްޕަ މިތުން ފަދައިން ނެށުމާއި އެކްޓް ކުރުމަށް ވަރަށް ލޯބި ކުރާ ޒުވާނެކެވެ. އެހެންވެ އޭނާ ބޮލީވުޑަށް ނުކުންނަ ފިލްމު ވެސް ވެގެން ދާނީ ނެށުމަށް ވަރަށް ބޮޑަށް ފޯކަސް ކުރާ ފިލްމަކަށް ކަމަށް އެ ނޫހުން ބުންޏެވެ. ނަމަވެސް ނަމާޝީގެ އަލަތު ފިލްމަކީ ކޮބައި ކަމެއް އަދި އޭނާ ކުޅޭ ފުރަތަމަ ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ.
މިތުންގެ އާއިލާގެ ގާތް މީހަކާ ހަވާލާދީ ހަންގާމާ އިން ބުނި ގޮތުގައި ނަމާޝީ ވަނީ އަލަތު ފިލްމުގެ ތައްޔާރީތައް ވާން ފަށައިފަ އެވެ. އަދި އެހެންވެ މާ ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް ލޯންޗް ކުރާނެ ކަމަށްވެ އެވެ.
މީގެ ކުރިން އަޑު އަރާފައިވާ ގޮތުން މިތުންގެ އަންހެން ދަރި ޑިޝާނީ ވެސް ވަނީ ބޮލީވުޑަށް ނުކުންނަން ނިންމައިފަ އެވެ. އަދި އޭނާ ލޯންޗް ކުރާނީ މިތުންއާ ގާތް ގުޅުމެއް އޮންނަ ސަލްމާން ހާން ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، ފަހުން ޑިޝާނީ ބޮލީވުޑް ދަތުރާ ބެހޭ ވާހަކަތަކެއް ނުދެކެވެ އެވެ.
ސުވާލަކީ މިތުން އިންޑިއާގެ ސިނަމާ އިން ހޯދި މަގުބޫލުކަމާއި ލޯބި އޭނާގެ އެއްވެސް ދަރިއަކަށް ހޯދިދާނެތޯ އެވެ؟ އަދި ދަރިންނަށް ބައްޕަގެ ލެގަސީއާއިގެން ކިހާ ކިހާ ހިސާބަކަށް ދެވިދާނެތޯ ބަލައިލަން ޔަގީނުން މިތުންގެ ފޭނުން ވެސް ބޭނުން ވާނެ އެވެ.
އެހެންވެ ނަމާޝީގެ އަލަތު ފިލްމަކީ ވެސް ބެލުންތެރިން އިންތިޒާރު ކުރާނެ ފިލްމަކަށް ވާނެ އެވެ. ދާދި ފަހުން އެކްޓަރު ގޯވިންދާއާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓާގައި ހިއްސާ ކުރަމުން އޭނާ ބުނީ ބައްޕަ އަށް ފަހު، އެކްޓަރަކަށް ވާން އެންމެ ބޮޑަށް އިންސްޕަޔާވި މީހަކީ ގޯވިންދާ ކަމަށެވެ.