ބުރެވިމާގޭ ޒާހިރުގެ މޫނު ދެއްކުން މިއަދު 3:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި
ބުރެވިމާގޭ ޒާހިރުގެ މޫނު ދެއްކުން މިއަދު 3:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި

އިއްޔެ ރޭ އަވަހާރަވި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ބުރެވިމާގޭ މުހައްމަދު ޒާހިރުގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 3:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.

އުމުރުން 92 އަހަރުގައި ޒާހިރު އަވަހާރަވީ އިއްޔެ ރޭ އައިޖީއެމްއެޗުގަ އެވެ.

އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. ފަސްދާނުލާނުލާނީ ގަލޮޅު ސަހަރާގަައި ރަސްމީ އިއްޒަތުގަ އެވެ.

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިންނާއި އެ ފެންވަރުގެ ބޭފުޅުން ފަސްދާނުލަނީ ގަލޮޅު ސަރަހާގަ އެވެ.

ޒާހިރަކީ މެދުނުކެނޑި 63 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމަނިކުފާނު ފުރުއްވި ބައެއް މަގާމުތަކުގެ ތެރޭގައި ވަޒީރުލްއަޒަމްގެ ހާއްސަ ސެކްރެޓަރީކަން، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީކަން، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު އަދި ކަސްޓަމްސްގެ ވެރިޔާކަން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމު ވެސް ފުރުއްވި އެވެ. އޭގެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ފިޝަރީޒް މިނިސްޓްރީގެ ނައިބުކަން ކުރެއްވި އެވެ. އަދި، މިނިސްޓަ އޮފް ސްޓޭޓް ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.

ޒާހިރު ފުރުއްވި އެހެން މަގާމުތަކުގެ ތެރޭގައި، އެމް.ޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލަކަމާއި ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރުކަމާއި ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރުކަމުގެ އިތުރުން ރަޖިސްޓްރޭޝަން ޑިވިޒަންގެ ވަކީލުކަން ހިމެނެ އެވެ. އަދި ޒާހިރު ވަނީ ތިން އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެއީ، ޅ. އަތޮޅުވެރިކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަމާއި ތިލަދުންމަތީ އަތޮޅުވެރިކަމެވެ.

ޒާހިރު، އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ، ކަސްޓަމްސްގައެވެ. އެގޮތުން، ދެ ފަހަރެއްގެ މަތިން 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ މަގާމު އަދާކުރެއްވި އެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭނާ އަކީ މައުމޫންގެ ވެރިކަމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ވިލަރެސް ކުރެއްވި ބޭފުޅާ ވެސް މެ އެވެ.