16 މާޗް 2019 - 19:24

ބ. ދަރަވަންދޫ ކައިރީގައި ސްނޯކްލިން އަށް ގޮސް އުޅުނު ޖަރުމަނުގެ ޓޫރިސްޓެއްގެ ބޮލުގައި ޑިންގީ އަކުން ޖެހި މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން 25 އަހަރު އެ ފިރިހެން މީހާގެ ގައިގައި ޑިންގީން ޖެހިގެން މެންދުރު ފަހު 12:15 ހާއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. ދަރަވަންދޫގައި ފަރުވާ ދިނުުމަށް ފަހު އޭނާ މިހާރު ވަނީ އެ އަތޮޅު އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ، ޑިންގީން ޖެހިގެން ޓޫރިސްޓު މީހާ އަށް އަނިޔާވީ އެ ރަށް ކައިރީގައި އޮންނަ ޑައިވިން ޕޮއިންޓުގައި ސްނޯކްލިން ކުރަނިކޮށް ކަމަށެވެ. އެ ވަގުތު އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޑައިވް ކުރާއިރު ނުވަތަ ސްނޯކްލިން އަށް ގޮސް އުޅޭއިރު އާއްމުކޮށް އެ ސަރަހައްދެއްގައި އުޅަނދެއް މަޑުކޮށްގެން އޮންނާނެ އެވެ.
"ސްނޯކްލިންކޮށް ނިންމާފައި މައްޗަށް އަރަނިކޮށް ޑިންގީން ބޮލުގައި ޖެހި ފަޅައިގެން ދިޔައީ. އެ ވަގުތު ހަމަ އެ މަޑުކޮށްލައިފި،" މާޖިދު ވިދާޅުވި އެވެ.
އެ މީހާގެ ބޮލުން ދެ އިންޗިއެއްހާ ތަން ވަނީ ފަޅައިގެން ގޮސްފަ އެވެ. ނަމަވެސް ހާލު ސީރިއަސްއެއް ނޫނެވެ.