ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މި މަހުގެ 29 ގައި ރިލީޒްކުރާ ފިލްމު "ނޯޓްބުކް" އަށް ސަލްމާން ހާން ކިޔައިދީފައިވާ ލަވައިގެ ޓީޒާއެއް ދައްކާލައިފި އެވެ.

"މޭ ތާރޭ" ގެ ނަން ދީފައިވާ މި ލަވައަކީ ބޮލީވުޑްގެ އެތައް ފިލްމަކަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ އަޑުން ކުރިން ރިކޯޑް ކުރި ލަވައެކެވެ.

ނަމަވެސް މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ހަނގުރާމަވެރިންގެ ބަޔަކު އިންޑިއާގެ ސިފައިންނަށް ހަމަލާދީ 42 މީހަކު މަރައިލި ހާދިސާއާ ގުޅިގެން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ހޫނުގަނޑުގައި އާތިފްގެ ލަވަ "ނޯޓްބުކް" ގައި ނުހިމަނަން ނިންމައި ސަލްމާންގެ އަޑުން ލަވަ ރިކޯޑް ކުރީ އެވެ. އޭނާ މީގެ ކުރިން ވެސް ލަވަ ކިޔާފައިވެ އެވެ.

"ނޯޓްބުކް" އަކީ ސަލްމާން ޕްރޮޑިއުސްކޮށް، އާ ދެ ތަރިއަކު ބޮލީވުޑަށް ނެރޭ ފިލްމެކެވެ. އެއީ ޕްރަނޫޓާން ބޭލް އާއި ޒަހީރު އިގްބާލެވެ.

މި ފިލްމުގެ ޕްރޮމޯޝަނުގެ ތެރެއިން ތިން ލަވައެއް މިހާތަނަށް ވަނީ ދައްކާލައިފަ އެވެ. އެއީ "ނައި ލަގްދާ" އާއި "ލައިލާ" ގެ އިތުރުން "ބުމްރޯ" އެވެ. "ބުމްރޯ" އަކީ 2000 ވަނަ އަހަރު ރިލީޒް ކުރި ރިތިކް ރޯޝަނާއި ޕްރިތީ ޒިންތާގެ ފިލްމު "މިޝަން ކަޝްމީރު" ގައި ހިމެނޭ ލަވައެކެވެ. މި ފަހަރު "ނޯޓްބުކް" ގައި ލަވަ ހިމަނާފައި ވަނީ ތަފާތު ގޮތަކަށެވެ.

ޓީ ސީރީޒުން މިދިޔަ ނޮވެމްބަރު މަހު އިއުލާންކުރި ފިލްމު "މަރުޖާވާ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ" ގެ ޑައިރެކްޓަރު މިލަޕް މިލަން ޒާވޭރީ ޑައިރެކްޓް ކުރާ ފިލްމެކެވެ. "މަރުޖާވާ" ގެ ތަރިންނަކީ ސިދާތު މަލްއުތުރާ، ރަކުލް ޕްރީތު ސިންގް އަދި ރިތޭޝް ދޭޝްމުކެވެ.

ރިތޭޝް ފިލްމުގައި ފެނިގެން ދާނީ އިސްކޮޅުން ކުރު ވިލަންއެއްގެ ރޯލުންނެވެ. "މަރުޖާވާ" އަކީ، އަންނަ މެއި މަހުގެ 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވާ ތާރާ ސުތާރިއާގެ ދެވަނަ ފިލްމެވެ.

ސިދާތާއި ރަކުލް ކުރިން ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "އައްޔާރީ" ގައި މަސައްކަތްކޮށްފަ އެވެ.

"މަރުޖާވާ" ރިލީޒް ކުރާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 2 ގަ އެވެ.

ޑައިރެކްޓަރު މޯހިތު ސޫރީގެ އައު ފިލްމު "މަލަންގް" ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

ބަދަލު ހިފުމުގެ ވާހަކައަކަށް ބިނާކޮށް ހަދާ މި ފިލްމުގެ ތަރިންނަކީ އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓްނީ އާއި ކުނާލް ކޭމޫގެ އިތުރުން އަނިލް ކަޕޫރެވެ. އަނިލް ފިލްމުގައި ފެނިގެން ދާނީ ވިލަންއެއްގެ ރޯލުން ކަމަށްވެ އެވެ.

އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ "މަލަންގް" އަކީ ޓީ ސީރީޒާއި ލަވް ރަންޖަންގެ ލަވް ފިލްމްސް ގުޅިގެން ހަދާ ފިލްމެކެވެ.

ކުރީގެ ބަތަލާ އުދިތާ ގޮސްވާމީއާ ކައިވެނިކޮށްގެން ދެ ދަރިން ވެސް ތިބި މޯހިތު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2017 ގެ "ހާފް ގާލްފްރެންޑް" އެވެ.

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް ދާދި ފަހުން ސަންޝައިންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހެދުމަށް ފަހު، ބެލުންތެރިންނަށް އުފެއްދުންތަކެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އޭނާ ވަނީ ކުރަހާފައިވާ ކުޑަ އަންހެން ކުއްޖަކާއި ޕަޕީއެއް ކޯރެއްގެ އައްސޭރީގައި އޮތް ގަލެއްގެ މަތީގައި އިށީނދެގެން ތިބޭ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އޭގެ ކެޕްޝަނުގައި އާލިއާ ބުނި އޭނާއަކީ ކުޑައިރު މަންމަ ލައްވައި ވަރަށް ގިނައިން ވާހަކަ ކިޔުއްވި މީހެއް ކަމަށާއި އެ ވާހަކަތައް އަލުން ކިޔައި، އޭގެ ހަނދާންތައް އަދިވެސް އާ ކުރާ ކަމަށެވެ.

އެގޮތަށް ކުޑައަންހެން ކުއްޖަކާއި ކުއްތާއެއްގެ ވާހަކަ ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އާލިއާ ގެނެސް ދޭން މި އުޅެނީ ފިލްމެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.