16 މާޗް 2019 - 12:13

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ބުރެވިމާގޭ މުހައްމަދު ޒާހިރު އަވަހާރަވެއްޖެ އެވެ.
އުމުރުން 92 އަހަރުގައި ޒާހިރު އަވަހާރަވީ ރޭ އައިޖީއެމްއެޗްގަ އެވެ.
ޒާހިރު ވަނީ މެދުނުކެނޑި 63 އަހަރު ދައުލަތަށް ހިދުމަތް ކުރައްވައި އިސް މަގާމުތަކެއް އަދާކުރައްވައިފި އެވެ.
އޭނާ ފުރުއްވި ބައެއް މަގާމުތަކުގެ ތެރޭގައި ވަޒީރުލްއަޒަމްގެ ހާއްސަ ސެކްރެޓަރީކަން، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީކަން، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު އަދި ކަސްޓަމްސްގެ ވެރިޔާކަން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމު ވެސް ފުރުއްވި އެވެ. އޭގެފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ފިޝަރީޒް މިނިސްޓްރީގެ ނައިބުކަން ވެސް ކުރެއްވި އެވެ. އޭގެފަހުން، ޕްރިންސިޕަލް ކަލެކްޓަ އޮފް ކަސްޓަމްސް ކަމުގެ މަގާމާއި، މިނިސްޓަ އޮފް ސްޓޭޓް ކަމުގެ މަގާމު ވެސް ހިމެނެ އެވެ.
ޒާހިރު ފުރުއްވި އެހެން މަގާމުތަކުގެ ތެރޭގައި، އެމް.ޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލަކަމުގެ މަގާމާއި، ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި ޝިޕިން ޑިޕާޓްމަންޓުގެ މެނޭޖަރު ކަމުގެ މަގާމާއި ރަޖިސްޓްރޭޝަން ޑިވިޒަންގެ ވަކީލު ކަމުގެ މަގާމު ހިމެނެއެވެ. އަދި އޭނާ ވަނީ ތިން އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެއީ، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަމާއި، ތިލަދުންމަތީ އަތޮޅުވެރިކަމެވެ.
ޒާހިރު، އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ، ކަސްޓަމްސްގައެވެ. އެގޮތުން، ދެ ފަހަރެއްގެ މަތިން 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ މަގާމު އަދާކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ޒާހިރު ކުރެއްވި އެވެ.