17 މާޗް 2019 - 07:26

މިއުޒިކުން ޗީޒްގެ ރަހަ އަށް ބަދަލު އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ސްވިޓްޒަލެންޑްގައި ކުރިއަށް ގެންދާ ދިރާސާ އިން ދައްކައިފި އެވެ.
މި ދިރާސާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ އިރު، ސްވިޓްޒަލެންޑްގެ ބާން ޔުނިވަސިޓީ އޮފް އާޓްސްގެ ޓީމުން ބުރާސްފަތި ދުވަހު ބުނީ މިއުޒިކުން ޗީޒްގެ ރަހަ އަށް ބަދަލު އަންނަކަން މިހާރު ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި މީގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ހިޕް-ހޮޕް މިއުޒިކް ކަމަަށް ވެސް ބުންޏެވެ.
ޗީޒްގެ ރަހައެއް މިިއުޒިކުން ބަދަލެއް އާދޭތޯ ބެލުމަށް އެކި ޖޯންރާތަކުގެ މިއުޒިކް ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިޕް-ހޮޕްގެ އިތުރުން މޮޒާޓާއި ރޮކް މިއުޒިކް ހިމެނެ އެވެ.
މި ދިރާސާއަކީ ސްވިޓްޒަލެންޑްގައި ޗީޒް ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައިވާ ބީޓް ވެމްފްލާ ފެށި ކަމެކެވެ. އޭނާ އާއި ބާން ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދާ ދިރާސާ އިން ނުކުތް ނަތީޖާ އަށް އިޝާރާތްކޮށް ބީޓް ބުނީ ދެން ޗީޒް ރަހަމީރު ކުރުމުގައި އޭނާ އެންމެ ބޮޑަށް ފޯކަސްކުރާނީ ހިޕް-ހޮޕް މިއުޒިކަށް ކަމަށެވެ.
ބީޓް ކުރިން ވެސް ބުނެފައިވާ ގޮތުގައި ޗީޒްގެ ރަހަޔަށް އަސަރުކުރަނީ ވައިގެ ތެތްކަމާއި ފިނިހޫނުމިނާއި ނިއުޓްރިއެންޓްސްގެ ސަބަބުން އެކަންޏެއް ނޫނެވެ. ހަމައެއާ އެކު މިއުޒިކް ބާނިތަކުން ވެސް ޗީޒްގެ ރަހަޔަށް އަސަރުކުރާނެ ކަމަށް ކުރިން ވެސް ގަބޫލުކުރާ ކަމަށް ބުންޏެވެ.
މި ދިރާސާގެ ނަތީޖާއާ ބެހޭ ގޮތުން، ސްވިޓްޒަލެންޑްގެ މަޝްހޫރު ޓީވީ ޝެފް ބެންޖަމިން ލޫޒޭ ރޮއިޓާޒް އަށް ބުނީ މިއުޒިކުން ޗީޒަށް އައިސްފައި ހުރި ބަދަލު އޭގެ ޓެކްސްޗާ އާއި ވަހާއި ރަހައިން ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށެވެ.
އެހެންވެ މިއީ މިއުޒިކާއި ޗީޒާ އޮތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ބުންޏެވެ.