ހީނާ ހާން "ކަސޯޓީ" ގެ ކޮމޮލިކާގެ ރޯލުން ގެއްލެނީ
ހީނާ ހާން "ކަސޯޓީ" ގެ ކޮމޮލިކާގެ ރޯލުން ގެއްލެނީ

ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ "ކަސޯޓީ ޒިންދަގީ ކޭ" އާ ސީޒަނުގައި ކޮމޮލިކާގެ ރޯލް ކުޅޭ ބަތަލާ ހީނާ ހާން އެ ސިލްސިލާ އިން ވަކިވާން ތައްޔާރުވެއްޖެ އެވެ.

ޑީއެންއޭ އިން ބުނި ގޮތުގައި ހީނާ ސިލްސިލާ ދޫކޮށްލާ މައިގަނޑު އެއް ސަބަބަކީ ބޮލީވުޑްގެ ޑައިރެކްޓަރު ވިކްރަމް ބަޓްގެ ފިލްމަކުން ފުރުސަތު ލިބުމެވެ. ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން ގެވެހި އަންބެއްގެ ރޯލް ކުޅެގެން ބެލުންތެރިންގެ ލޯބި ހޯދި ބަތަލާ މިހާރު ވެސް އަންނަނީ "ލައިންސް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ހީނާ އަށް ލިބުނު ވިކަރަމްގެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

"ރާޒް" ފަދަ ފިލްމުތައް ގެނެސް ދިން ވިކްރަމް މި ފަހުން އަންނަނީ މަޝްހޫރު ޓީވީ ބަތަލާއިންނަށް އޭނާގެ އުފެއްދުންތަކުން ފުރުސަތު ދެމުންނެވެ. އެގޮތުން "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ" އިން ވިދައިލި ބަތަލާ ނިއާ ޝަރުމާ އާއި "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" އިން ވިދައިލި ސާނިޔާ އިރާނީއާ އެކު ވިކްރަމް ވަނީ ވެބް ސީރީޒްތަކެއް ގެނެސް ދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޮމޮލިކާގެ ރޯލް ހީނާ ދޫކޮށްލާ ސަބަބުތަކުގެ ތެރޭގައި "ކަސޯޓީ" ގެ ޓީމާއި އޭނާގެ ގުޅުން އެހާ ރަނގަޅު ނުވުން ހިމެނެ އެވެ. އެގޮތުން އޭގެ ލީޑް ބަތަލާ އެރިކާ ފެނަންޑޭޒާއި ބަތަލު ޕާތު ސަމްތާނާއި ސިލްސިލާގެ ޓެކްނިޝަނުންނާ ވެސް ހީނާގެ ގުޅުން ކުޑަކަމުން އޭނާއާ އެކު މަސައްކަތް ކުރަން ދަތިވެފައިވާ ކަމަށް ބައެއް ނޫސްތަކުން ބުންޏެވެ.

ހީނާ "ކަސޯޓީ" އިން ވަކިވާތީ ކޮމޮލިކާގެ ރޯލް ދެން ކުޅޭނެ ބަތަލާއަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ސުވާލަކީ އެ ރޯލް ދެން ކުޅޭނީ ކޮން ބަތަލާއެއް ހެއްޔެވެ؟