17 މާޗް 2019 - 07:28

ޗުލްބުލް ޕާންޑޭ ކިޔާ ލާނެއް ފުލުހެއްގެ ރޯލް ސަލްމާން ހާން ކުޅޭ ފިލްމު "ދަބަންގް" ފްރެންޗައިޒްގެ ތިން ވަނަ ބައި މި އަހަރު ގެނެސްދޭނެކަން ކަށަވަރުކޮށް ދީފަ އެވެ.
"ދަބަންފް ރިލޯޑެޑް" ގެ ނަމުގައި ސަލްމާން ކުރިއަށް ގެންދާ ޓުއާގެ ތެރެއިން ދުބާއީގައި ބާއްވާ ޝޯތަކުގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސެއްގައި ސަލްމާން ބުނީ "ދަބަންގް 3" ގެ މި އަހަރުގެ ޑިސެމްބަރަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެކަމަކު ރިލީޒް ކުރާނެ ސީދާ ތާރީހެއް ހާމައެއް ނުކުރެ އެވެ.
"ދަބަންގް 3" ގެ ޝޫޓިން އަންނަ މަހުގެ 1 ގައި ފަށާ ވަނީ ރާވައިފަ އެވެ. މި ފަހަރު ފިލްމު ޑައިރެކްޓް ކުރަނީ ސަލްމާނާ އެކު "ދަބަންގް ރިލޯޑެޓް ޓުއާ" ގައި ވެސް ބައިވެރިވާ ޕްރަބޫދޭވާ އެވެ. ސަލްމާން 2007 ގައި ކުޅުނު "ވޯންޓެޑް" ގެ ޑައިރެކްޓަރަކީ ވެސް ޕްރަބޫދޭވާ އެވެ.
ސަލްމާންގެ ކޮއްކޮ އަރްބާޒް ހާން ފްރޮޑިއުސްކޮށް، އޭނާ ވެސް މުހިއްމު ރޯލެއް ކުޅޭ "ދަބަންގް" ގެ ފުރަތަމަ ބައި ރިލީޒް ކުރީ 2010 ގަ އެވެ. އެ ފިލްމު ޑައިރެކްޓް ކުރީ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ ކޮއްކޮ އަބިނާވް ކެޝަޕެވެ. އަދި 2012 ގައި ރިލީޒް ކުރި "ދަބަންގް 2" ޑައިރެކްޓް ކުރީ އަރްބާޒެވެ.
މި ފްރެންޗައިޒަކީ ބަތަލާ ސޮނާކްޝީ ސިންހާގެ ބޮލީވުޑްގެ ފެށުމެވެ. ތިން ވަނަ ބައިގެ ބަތަލާގެ ރޯލުން ވެސް އޭނާ ފެންނާނެ އެވެ.
"ދަބަންގް 3" ގެނެސް ދޭން އުޅޭތީ މީގެ ކުރިން ބައެއް މީހުން ވަނީ ސަލްމާން އެކަން ހުއްޓައިލަން ޓްވިޓާގައި ގޮވާލައިފަ އެވެ. ސަބަބަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ތުރިލާތަކުގެ ތެރޭގައި ހިމެނޭ "ރޭސް" ގެ ތިން ވަނަ ބައި، އޮއްޓަރެއް ނެތް ސްކްރީންޕްލޭއަކާ އެކު، ރެމޯ ޑި ސޫޒާ ލައްވައި ޑައިރެކްޓް ކުރުވައިގެން އެ ފްރެންޗައިޒަށް ބެލުންތެރިން ކުރި އުންމީދު ފެނަށް ދުއްވައިލުމެވެ.
އެހެންވެ "ދަބަންގް 3" އަކީ ވެސް އެއްޗަކަށްވާ ކަހަލަ ފިލްމަކަށް ނުވާނެ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުުރި "ރޭސް 3" އަށް ފަހު، ސަލްމާން ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނީ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އިންނެވެ.