17 މާޗް 2019 - 07:31

ރޭޕް ކުރުމާއި ޖިންސީ ގުޅުންތަކާ ބެހޭ ގޮތުން މީގެ އަހަރުތަކެއް ކުރިން ކުރި ޓްވީޓްތަކެއް އަލުން ތިލަވެ، ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމުން "ގާޑިއަން އޮފް ދަ ގެލެކްސީ" ގެ ޑައިރެކްޓަރު ޖޭމްސް ގަން އެ ސީރީޒްގެ ތިން ވަނަ ފިލްމުގެ ޑައިރެކްޝަނުން ވަކިކޮށްފައި ވަނިކޮށް، އަލުން އޭނާއާ އެ މަސައްކަތް ޑިޒްނީ ސްޓޫޑިއޯސް އިން ހަވާލުކޮށްފި އެވެ.
ވެރައިޓީން ބުނީ ގާޑިއަން އޮފް ދަ ގެލެކްސީ" ގެ ތިން ވަނަ ބައި ޖޭމްސްއާ ހަވާލުކުރީ، މި ސިރީޒް ގެނެސްދޭ ޑިޒްނީގެ ޗެއާމަން އެލަން ހޯން، ޖޭމްސްއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކަކަށް ފަހު ކަމަށެވެ.
އަދި ޓްވީޓްތަކުގެ މައްސަލާގައި އޭނާ މައާފަށް ވެސް އެދިފައިވާ އިރު ޑިޒްނިން އަލުން ފުރުސަތު ދިނުމުން ޖޭމްސް ވަނީ މިކަމުގައި އޭނާ އަށް އެހިތެރިވެދިން ހުރިހާ އެންމެންނަށް ޓްވިޓާގައި ޝުކުރު އަދާކޮށްފަ އެވެ.
އަނެއްކޮޅުން އޭނާ ލައްވައި ފިލްމު ޑައިރެކްޓް ނުކުރުވަން މިދިޔަ އަހަރުގެ މެދު ތެރޭގައި ޑިޒްނީން ނިންމުމުން އެ ނިންމުން ބަދަލު ކުރަން ގޮވާލައި "ގާޑިއަން އޮފް ދަ ގެލެކްސީ" ގެ ފޭނުން ވަނީ ޕެޓިޝަނެއްގައި ސޮއި ވެސް ކޮށްފަ އެވެ.
"ގާޑިއަންސް އޮފް ދަ ގެލެކްސީ" އަކީ 2014 އިން ފެށިގެން ޑިޒްނީ އާއި މާވެލް ސްޓޫޑިއޯސް، ޖޭމްސް ލައްވައި ޑައިރެކްޓް ކުރުވައިގެން ގެނެސްދޭ ސީރީޒެކެވެ. މީގެ ދެވަނަ ބައި ރިލީޒްކޮށްފައި ވަނީ 2017 ގަ އެވެ.
"ގާޑިއަން އޮފް ދަ ގެލެކްސީ 3" އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި މި ފިލްމުގެ ޑައިރެކްޝަން އޭނާއާ އަލުން ހަވާލު ކުރި އިރު، ޑީސީގެ "ސުއިސައިޑް ސްކޮޑް" ގެ ސީކްއެލް ވެސް ޑައިރެކްޓް ކުރާނެ ކަމަށް ބެލެވެނީ ޖޭމްސް އެވެ.
ދެހާސް އެކާވީހުގައި ރިލީޒް ކުރާ އެ ފިލްމުގެ ޑައިރެކްޝަން އޭނާ އަށް ވަނީ ހުށަހަޅައިފަ އެވެ. ދެހާސް ސޯޅައިގައި ރިލީޒް ކުރި "ސުއިސައިޑް ސްކޮޑް" ޑައިރެކްޓް ކުރި ޑޭވިޑް އޭޔާ އެވެ.