17 މާޗް 2019 - 07:30

"ގޭމް އޮފް ތުރޯންސް" ގެ އަހުލުވެރިން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަނީ އަންނަ މަހުގެ 14 އަށެވެ. އެއީ މި ސިިލްސިލާގެ ފަހު ސީޒަން ދައްކަން ފަށަން ނިންމާފައި އޮތް ތާރީހެވެ.
ހަ އެޕިސޯޑުން "ގޭމް އޮފް ތުރޯންސް" ގެ އަށް ވަނަ، އަދި ފަހު ސީޒަން ނިންމައިލާ އިރު، އެޗްބީއޯ އިން މިހާރު ވަނީ ފޭނުން އުފާވާ ކަހަލަ އިތުރު މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ. އެގޮތުން އެޕިސޯޑްތަކުގެ ދިގުމިނާއި އެޕިސޯޑްތައް ތާވަލުކޮށްފައިވާ ތާރީހުތައް ވެސް މިހާރު މި ވަނީ ހިއްސާކޮށްފަ އެވެ.
އެގޮތުން ފަހު ސީޒަނުގެ ފުރަތަމަ އެޕިސޯޑްގެ ދިގުމިނަކީ 54 މިނިޓެވެ. އެޕްރީލް 21 ގައި ދައްކާ ދެވަނަ އެޕިސޯޑް ދެމިގެން ދާނީ 58 މިނިޓަށެވެ.
ފަހު ހަތަރު އެޕިސޯޑްވެގެން ދާނީ އެވްރެޖް ފީޗާ ފިލްމެއް ބަލައިލުން ކަހަލަ ކަމަކަށެވެ. އެގޮތުން ތިން ވަނަ އެޕިސޯޑް އެޕްރީލް 28 ގައި ގެނެސްދޭ އިރު، އޭގެ ދިނު މިނަކީ 1:22 މިނިޓެވެ. މެއި 5 ގައި ދައްކާ ހަތަރު ވަނަ އެޕިސޯޑަކީ 1:18 މިނިޓެވެ.
މެއި މަހުގެ 12 ވަނަ ދުވަހު ދައްކާ ފަސް ވަނަ އެޕިސޯޑާއި މެއި މަހުގެ 19 ވަނަ ދުވަހުގެ ހަ ވަނަ އެޕިސޯޑަކީ 1:20 މިނެޓްގެ ދިގުމިނުގެ އެޕިސޯޑުތަކެވެ.
މިދިޔަ މަހު އެޗްބީއޯގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދިން ރިޗަޑް ޕްލެޕާ ވެރައިޓީ އަށް ބުނި ގޮތުގައި "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަނަށް ބެލުންތެރިން ކުރާ އުންމީދުތައް ވަރަށް ވެސް ބޮޑުވާނެތީ ކުރިއަށް ވުރެ ދިގުކޮށް އެޕިސޯޑްތައް ގެނެސް ދޭން ނިންމުމަކީ ފޭނުން އުފާވާނެ ކަމެކެވެ.
އޭނާ ވަނީ ސިލްސިލާގެ ފަހު ސީޒަނަށް ކޮށްފައި ހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ވެސްކޮށްފަ އެވެ.
"އަހަރެން މިހާރު މި ބަލައިފިން ސީޖީއައީ [ކޮމްޕިއުޓާ-ޖެނެރޭޓެޑް އިމެޖެރީ] އާ ވެސް ނުލައި ދެ ފަހަރަށް. އަހަރެން ކޮސްވި މިއަށް ކޮށްފައި ހުރި މަސައްކަތްތައް ފެނުނީމަ،" އޭނާ ބުންޏެވެ. "އެހެންވީމާ ސީޖިއައިއާ އެކު މީތި ފުރިހަމަވާނެ ވަރު ވިސްނާލާ. އަހަންނަށް ވަރަށް ޔަގީން ބެލުންތެރިން އުންމީދު ކުރާ ވަރަށް ވުރެ ފުރިހަމަ އެއްޗަކަށް ގޭމް އޮފް ތުރޯންސްގެ ފަހު ސީޒަން ވާނެ. މީގެ ހާދިސާތަކއި މަންޒަރުތައް ގެނެސްދީފައިވާ ގޮތާއި ތަރިންކޮށްފައިވާ މަސައްކަތަކީ ވެސް ހަމަ ޖާދޫއެއް ކަހަލަ ކަމެއް."
ދެހާސް އެގާރައިގައި ދައްކަން ފެށި "ގޭމް އޮފް ތުރޯންސް" ގެ ފުރަތަމަ ހަތް ސީޒަނާ އެކު ޖުމްލަ 67 އެޕިސޯޑް ގެނެސް ދީފައިވެ އެވެ.
އަށް ވަނަ ސީޒަނުން މި ވާހަކަ ނިންމައިލި ނަމަވެސް "ގޭމް އޮފް ތުރޯންސް" ފެށުން 300 އަހަރު ކުރިއަށް ގެންގޮސް މީގެ ޕްރިކްއެލް ގެނެސް ދޭން އެޗްބީއޯ އިން ވަނީ ނިންމައިފަ އެވެ.