ކޮންގްރެސްގެ ނިންމުން ޓްރަމްޕް ފުރަތަމަ ފަހަރަށް ވީޓޯ ކުރައްވައިފި
ކޮންގްރެސްގެ ނިންމުން ޓްރަމްޕް ފުރަތަމަ ފަހަރަށް ވީޓޯ ކުރައްވައިފި

ވޮޝިންޓަން (މާޗް 16) - މެކްސިކޯގެ ބޯޑަރުގައި ފާރު ރޭނުމަށް އިތުރު ފައިސާ ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި އިމަޖެންސީ އުވާލުމަށް ކޮންގްރެސް އިން ފާސްކޮށްފައި ވަނިކޮށް އެ ނިންމުން ޓްރަމްޕް ވީޓޯ ކުރައްވައިފި އެވެ.

"ގަރާރުތައް ފާސްކުރުމުގެ މިނިވަންކަން ކޮންގްރެސް އަށް އޮންނާނެ. އެ ނިންމުންތައް ވީޓޯ ކުރުމުގެ ބާރު އަޅުގަނޑަށް ވެސް އޮވޭ. އެ ނިންމުން ވީޓޯ ކުރަން އަޅުގަނޑު ފަޚުރުވެރިވޭ،" ޓްރަމްޕް ވިދާޅުވި އެވެ. "ރައީސެއްގެ ހައިސިއްޔަތުން ގައުމު ދިފާއު ކުރުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބު."

މިއީ ޓްރަމްޕުގެ ރިޔާސީ ދައުރުގައި ކުރެއްވި ފުރަތަމަ ވީޓޯ އެވެ.

ޓްރަމްޕުގެ ވީޓޯ ބަދަލު ކުރެވޭނީ ކޮންގްރެސްގެ ދެ ގޭގެ ތިންބައިކުޅަ ދެބައި ތާއީދާ އެކު އެވެ. ހައުސްގެ ސްޕީކަރު ނޭންސީ ޕެލޯސިއޯ ވިދާޅުވީ ވީޓޯއާ ގުޅޭ ވޯޓު މާޗް 26 ގައި ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެމެރިކާގެ ދެކުނުގެ ސަރަހައްދުގައި މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ރިޔާސީ ވައުދެކެވެ. އިންތިޚާބުގައި ވޯޓުލާން ރައްޔިތުން ނުކުތުމަށް ދޮޅު އަހަރަށްވެފައިވާ އިރު ފާރު ރާނަން ބޭނުންވާ ފައިސާ ހޯއްދަވަން ކޮންމެ ގޮތަކުން ނަމަވެސް ޓްރަމްޕް ބޭނުންވެ އެވެ. ކޮންގްރެސް އިން އެކަމަށް އެންމެ ބޮޑަށް ހުރަސް އަޅަނީ އިދިކޮޅު ޑިމޮކްރެޓުންނެވެ. ނަމަވެސް ޓްރަމްޕުގެ ޕާޓީގެ 12 މެންބަރަކު ވެސް ވަނީ އިމަޖެންސީ އުވާލުމަށް ތާއީދުކޮށް ވޯޓު ދީފަ އެވެ.

ޓްރަމްޕުގެ އިމަޖެންސީ ނިމުމަކަށް ގެނައުމަށް ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ވޯޓު ދިނީ މިދިޔަ މަހު އެވެ. އެ ނިންމުމަށް ސެނެޓުގައި ބުރާސްފަތި ދުވަހު އެހި ވޯޓު ފާސްކުރީ 59-41 އިންނެވެ.

ވީޓޯއާ ދެކޮޅަށް ކޮންގްރެސްގައި ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދަން ސެނެޓުގެ 67 ވޯޓު ޑިމޮކްރެޓުންނަށް ބޭނުންވާނެ އެވެ. ސެނެޓުގެ ރިޕަބްލިކަން 53 މެންބަރުންގެ ތެރޭން 12 މެންބަރުންގެ ތާއީދު އިމަޖެންސީ އުވާލަން ލިބުނު ނަމަވެސް ވީޓޯ ކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.