16 މާޗް 2019 - 11:37

ކްރައިސްޗާޗް (މާޗް 16) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތަށް ހުކުރު ދުވަހު ހުކުރު ވަގުތު ދިން ބަޑީގެ ހަމަލާގެ ޝިކާރައަކަށްވި ފުރަތަމަ މީހާގެ ފަހު ބަހަކަށް ބުނެވުނީ "ހެލޯ ބްރަދާ" އެވެ.

ހަމަލާ ދިން މީހާ ލައިވް ކުރަމުން ދިޔަ މަންޒަރުތަކުން ފެންނަ ގޮތުގައި ހަމަލާ ދިން މީހާ މިސްކިތަށް ވަންނަމުން ދިޔަ އިރު އޭނާއާ ފުރަތަމަ ބައްދަލުވި މީހާ ބުނެލާ އަޑު އިވުނީ "ހެލޯ ބްރަދާ" އެވެ. އެ މަރުހަބާގެ ރައްދަކަށްވީ ފުލުފުލާ ތިން ވަޒަން ޖަހައި އޭނާ މި ދުނިޔެއާ ވަކިކޮށްލުމެވެ.

ހަމަލާގައި ފުރަތަމަ މަރުވި މީހާ ކަމަށް ބެލެވެނީ 1980 ގެ އަހަރުތަކުގައި ނިއު ޒީލެންޑަށް ހިޖުރަކުރި އަފްޣާނިސްތާން މީހެއް ކަމަށްވާ 71 އަހަރުގެ ދާއޫދު ނަބީ އެވެ. އޭނާގެ ދަރިފުޅު އުމަރު ނަބީ ވަނީ ބައްޕަގެ ފޮޓޯއެއް އާއްމުކޮށްފަ އެވެ.
އަލް ނޫރް މިސްކިތުގެ އިތުރުން ލިންވުޑް މިސްކިތުގައި ދިން ހަމަލާގައި ވަނީ 49 މީހުން މަރުވެފަ އެވެ. ހަމަލާގައި ޒަޚަމްވި 42 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ ތެރޭގައި ދެ އަހަރާއި ހަތަރު އަހަރުގެ ކުޑަ ކުދިން ވެސް ހިމެނެ އެވެ. ހަމަލާގައި ވަނީ ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ އަދި އިންޑޮނީޝިއާ މީހުން ވެސް މަރުވެފަ އެވެ.
އޮސްޓްރޭލިއާގެ މެލްބަންގައި ދިރިއުޅޭ އަޒީޒް ހެލޫ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި ބަޑީގެ ކުރިމަތީގައި ވެސް ރުޅި އިސްނުކޮށް ކެތްތެރިކަމާ އެކު މަރުހަބާ ކިޔާފައި އެވަނީ ރީތި ބަސްތަކަކުން ކަމަށެވެ.
ހުކުރު ދުވަހުގެ މެންދުރު ނިއު ޒީލެންޑުގެ ގަޑިން 13:40 ގައި ފުރަތަމަ ހަމަލާދޭން ފެށީ އަލް ނޫރު މިސްކިތަށެވެ. އެ މިސްކުތަށް ފަސް މިނިޓެއްހާ އިރު ވަންދެން ހަމަލާ ދިނުމަށް ފަހު އޭނާ ދެން ދިޔައީ ފަސް ކިލޯ މީޓަރު (ތިން މޭލު) ދުރުގައިވާ ލިންވުޑް މިސްކިތަށެވެ.
މިސްކިތަށް ހަމަލާ ދިން އޮސްޓްރޭލިއާގެ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ނަމަކަށް ކިޔާ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.
ނިއު ޒިލެންޑުގެ 4.25 މިލިއަންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 1.1 ޕަސެންޓެވެ.