15 މާޗް 2019 - 19:36

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ޖީހާން މަހްމޫދަށް ކެމްޕެއިން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އުފަން ރަށް ޅ. ހިންނަވަރަށް މިއަދު ވަޑައިގެންފި އެވެ.

މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ހިންނަވަރަށް ވަޑައިގެންނެވި ދެ ވަނަ ފަހަރެވެ. އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން، ގިނަ ބަޔަކު މަރުހަބާ ދެންނެވި އެވެ. އެރަށަށް ވަޑައިގެން ރައީސް ވަނީ ދުޅަހެޔޮ ހަށިހެޔޮ އީދުގެ ފުޓްސަލް މުބާރާތް އިފްތިތާހުކޮށް ދެއްވައިފަ އެވެ.

ފަސް ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިންނަވަރަށް ރައީސް ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށުގެ ބަނދަރުގެ ބޮޑު ސަރަހައްދަކަށް މީހުން ނުކުތެވެ. އޭގެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާގެ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ހިންނަވަރު ދާއިރާގެ މެމްބަރުކަން ރައީސް ވަނީ 25 އަހަރު ކުރައްވައިފަ އެވެ.
ހިންނަވަރަށް އުފަން ޖީހާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާއާ ގުޅުން ހުރި ބޭފުޅެކެވެ. ޖީހާންގެ ހިދުމަތް ފެއްޓެވީ އެޗްއާރުސީއެމްގެ އާދައިގެ ވަޒީފާއަކުންނެވެ. އެޗްއާރުސީއެމްގައި ނުވަ އަހަރު ހިދުމަތްކުރެއްވި އިރު އޭނާ އެ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އިންސާނީ ހައްގުތަކުގެ ދިފާއުގައި ޖީހާން އަބަދުވެސް މަސައްކަތްކުރައްވާ އިރު، އޭނާ މިވަގުތު ކުރިއަށް ގެންދަވަނީ އޭނާގެ ޕީއެޗް.ޑީގެ ކިޔެވުމެވެ. މަޖިލިހަށް އެމްޑީޕީގެ ސިޔާސަތުތައް އެކުލަވާލުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
ހިންނަވަރު ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ނާޒިމް ނުކުންނަވާ އިރު، އެމްއެލްއެސްޑީގެ ޓިކެޓުގައި ނުކުންނަވަނީ ޒިޔާދު ރަޝީދެވެ. އެ ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކެންޑިޑޭޓަކު ނުނެރެ އެވެ.