29 އޯގަސްޓް 2016 - 08:20

މީގެ 18 އަހަރު ކުރިން ރިލީޒް ކުރި އެޓާނަލް ޕިކްޗާސްގެ ކާމިޔާބު ފިލްމް "އަމާނާތް" ބަލާލާ ހިތުން ތިބި މީހުން އަދިވެސް ބައިވަރެވެ. ހިތްތަކާ ކުޅެލި އެ ފިލްމުގެ ލަތައް އެހާމެ ހިތްގައިމުވެފައި އަޑު އަހާލަން ފަސޭހަ އެވެ.

ދިވެހިންގެ ތެރޭގައި އަދިވެސް އަމާނާތުގެ ލަވަތައް މަޝްހޫރެވެ. މި ފިލްމް ބަލާލަން ބޭނުންވެފައި ތިބި އެތައް ބަޔަކަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު ނިޔާޒް (ޓެޑްރީ) މީގެ ފަސް ވަރަކަށް މަސް ކުރިން ވަރަށް އުފާވެރި ހަބަރެއް ދީފައިވެ އެވެ. ޓީވީއެމުން ގެނެސް ދިން "މޯލްޑިވިއަން އައިޑޮލް" ގެ ހާއްސަ ޖަޖެއްގެ ގޮތުގައި އެޕްރީލް މަހުގެ ތެރޭގައި ޓެޑްރީ ބައިވެރިވި ރޭ "އަމާނާތް" އަލުން ސްކްރީނަށް ގެންނާނެ ކަމަށް ބުންޏެވެ.
އެހެންވެ އެ ފިލްމަށް އިންތިޒާރު ކުރަމުން އަންނަ އެތައް ބަޔަކު ތިބީ ސްކްރީނަށް އެ ފިލްމް އަންނާނެ އިރަކަށް ބަލަބަލަ އެވެ.
ޓެޑްރީ ބުނީ "އަމާނާތް" ސްކްރީނަށް ނުގެނެވިގެން އުޅެނީ އޮލިމްޕަހުން ޖާގަ ނުލިބިގެން ކަމަށެވެ.
އެހެންވެ މި އަހަރު އެ ފިލްމް އަލުން ފެންނާނެކަން އަދިވެސް ޔަގީނެއް ނޫނެވެ.
މި އަހަރަކީ އޮލިމްޕަހަށް ވަކިން ބާރު ބޮޑު އަހަރެކެވެ. ފުލުފުލުން އަންނަނީ ފިލްމުތައް ވެސް އަޅުވަމުންނެވެ. އަދި އެތަނުގައި އެހެން އިވެންޓްތައް ވެސް ބާއްވާތީ އޮލިމްޕަސް ހޯދުމަކީ ފަސޭހަ ކަމަަކަށް ނުވެ އެވެ.
މި އަހަރުގެ ބާކީ ހަތަރު ވަރަކަށް މަސް އޮތް އިރު ކިޔޫގައި މިހާރު ވެސް ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ފާތުމަތު ނަހުލާގެ ފިލްމް "4426" އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ "ބައިވެރިޔާ" އާއި ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" ހިމެނެ އެވެ.
މީގެ އިތުރުން މި އަހަރު އަންނާނެ ކަމަށް ލަފާކުރެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" އާއި އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ "ދޭތީ އަނިޔާ" އަދި މުހައްމަދު އަބޫބަކުރު (މާއެނބޫ) ގެ "ނޭދެން ވަކިވާކަށް" ހިމެނެ އެވެ.
އާ ފިލްމުތަކެއް ކިޔޫގައި ހުރުމާ އެކު "އަމާނާތް" ބެލުންތެރިންނަށް އަލުން ބަލާލަން ލިބޭނެ އިރެއް ނޭނގެ އެވެ. ތިބެން ޖެހެނީ އިންތިޒާރީއެއްގަ އެވެ.
އެ ފިލްމަކީ މިހާރުގެ މަޝްހޫރު ސްކްރީން ރައިޓަރު މަހުދީ އަހުމަދު ޑައިރެކްޓް ކުރި ފުރަތަމަ އަދި ފަހު ފީޗާ ފިލްމް ވެސް މެ އެވެ.
މާލެ އާއި އައްޑޫގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ޓެޑްރީގެ "ދެރިޔާ" އިން ވިދާލި އަލީ ހާލިދާއި ފާތުމަތު ރަމީޒާގެ އިތުރުން ޖަމްޝީދާ އަހުމަދެވެ. މީގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ތިން ކުޑަކުދިން ފެނިގެންދެ އެވެ.
އަމާނާތަކީ ޝޭކަރު ކަޕޫރު 1983 ގައި ޑައިރެކްޓް ކުރި "މާސޫމް" އަސްލަކަށް ބަލައިގެން ހަދާފައިވާ އަސަރު ގަދަ އާއިލީ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އެރިކް ސޭގަލްގެ މަޝްހޫރު ވާހަކަ "މޭން، ވުމަން އެންޑް ޗައިލްޑް" އަށެވެ.
އަމާނަތަކީ ހަމައެކަނި ބެލުންތެރިންނަށް ކަމުދިޔަ ފިލްމެއް އެކަންޏެއް ނޫނެވެ. އެ ފިލްމް ވަނީ ގައުމީ ފިލްމް ފެސްޓިވަލްގައި 12 އެވޯޑް ވެސް އުފުލާލައިފަ އެވެ.