ދިހައެއް: ބައްޕައަށްޓަކައި
ދިހައެއް: ބައްޕައަށްޓަކައި

ކޮންމެ އިންސާނަކަށް ވެސް ކުށްކުރެވެ އެވެ. އެ ކުށުގެ އަދަބު ވެސް ލިބެން ޖެހެ އެވެ. އެކަމަކު ކޯޓުތަކުން ކުރާ ހުކުމަކާ ނުލައި އަދަބެއް ނުދެވޭނެ އެވެ. ކުށެއް ކޮށްފި ނަމަ އެކަން ބަލާނެ މުއައްސަސާތައް ހުރީ ގާއިމްކޮށްފަ އެވެ. ފުލުހުންނެވެ. ޕްރޮސެކިއުޓަ ޖެނެރަލެވެ. އެއިން އެއްވެސް ތަނަކާ ބެހުމެއް ނެތި، ބަޔަކު އަމިއްލަ އަށް އަނެކެއްގެ ކުށަށް އަދަބު ދޭން ދިމާކޮށްފި ނަމަ ގައުމު ވެއްޓޭނީ ހަމަނުޖެހުމެއްގެ ތެރެއަށެވެ.

އަހުމަދު މައުސޫމްއާ މިހާރު ކުރިމަތިވެފައި ވަނީ އެ މައްސަލަ އެވެ. އޭނާގެ ބައްޕަ އަށް އަނިޔާދިން ބަޔަކު އެކަން ކުރީ، ގާނޫނުތަކާ ހިލާފަށް، އިންސާނިއްޔަތުކަމާ ވެސް ދިމާ އިދިކޮޅަށެވެ. ވީނުވީ ގޮތެއް ނޭނގި ގެއްލުނުތާ ހަ ދުވަސް ވި އެވެ. އެ ހަ ދުވަހުގެ ތެރޭގައި އެތައް ބިރެއް ދައްކައި، އެތައް އުނދަގުލެއް ބައްޕަ އަށް ކޮށްފައި ހުންނާނެކަން އޭނާ އަށް ޔަގީނެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ބައްޕަ ކުއްލިއަކަށް މަރުވީ، ރަހީނުކޮށް، ބޭޒާރުކުރުމުގެ ހިތާމައިގަ އެވެ. ބައްޕަ އަށް ވެސް އޮތީ ބޮޑު ކުށެއް ކުރެވިފަ އެވެ. އެ ކުށަށް ރައްޔިތުން ވެސް މައާފެއް ނުކުރާނެ އެވެ. އޭނާ އެކަން ދިފާއެއް ނުކުރެ އެވެ. އެކަމަކު އަދަބު ދޭން ޖެހޭނީ، އޭނާ ގަބޫލުކުރާ ހަމަތަކުން ނަމަ، އެ އޮންނަ އުސޫލުތަކުގެ ތެރެއިންނެވެ.

އޭނާގެ ބައްޕަ އަކީ ރާއްޖޭގައި އާދައިގެ މީހެއް ނޫނެވެ. ބައްޕަގެ ބައެއް އަމަލްތަކާ މެދު އޭނާ ހިތްހަމަނުޖެހުނަސް ބައްޕަ ދެކެ ވާ ލޯބިން ހިތް އޮތީ ފުރިފަ އެވެ. އެއީ އެހެން އިންސާނަކަށް އޭނާގެ އަތުން ފޭރިގަނެވޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން ބައްޕަގެ މަރާ އެކު އޭނާގެ ކުރިމައްޗަށް އެހެން ޒިންމާއެއް އަތުވެއްޖެ އެވެ؛ ބައްޕަ އަށް އަނިޔާކުރި މީހުން ހޯދުމެވެ.

ފައިސާ ހުރިއްޔާ އެކަން ކުރެވޭނެ އެވެ. އެކުވެރިން ތިބިއްޔާ އެކަމަށް މަގުފަހިވާނެ އެވެ. ބާރު އޮތިއްޔާ އާންމު އުސޫލުތައް ފޫދުއްވާލެވޭނެ އެވެ. އެ ތިން ބައި ވެސް އޭނާ އަށް އޮތީ ފުރިހަމަވެފަ އެވެ. ހަމައެކަނި މައްސަލަ އަކީ ވަގުތެވެ. އެކަން ހާސިލްވާނެ ދުވަހެކެވެ.

ބައްޕަގެ ބޮޑު އޮފީހުގައި، ބައްޕަގެ ގޮނޑީގައި އޭނާ އިށީދެ އިނީ، އޭނާގެ ދައުވަތަކަށް އަންނަ މީހެއްގެ އިންތިޒާރުގަ އެވެ. އެމީހަކު އަންނަން އޮތީ ދޭއް ޖަހާއިރު އެވެ. ގަޑިން މިހާރު 1:50 އެވެ.

އޭނާ އާއި އޭނާގެ ދެ ކޮއްކޮއާ އެކު ބައްޕަ އާއި މަންމަ، ލަންޑަންގެ ގޭ ކުރިމަތީގައި ނަގާފައި ހުރި ފޮޓޯގަނޑު އެ ބޮޑު މޭޒު މަތީގައި ބަހައްޓާފައި ހުއްޓެވެ. އެ ނޫން އެހެން އެއްވެސް ފޮޓޯއެއް އެ އޮފީހުގައި ވެސް ނެތެވެ. ބައްޕަ އާއި އޭނާއާ ދެމެދު ދުރުމިނެއް އޮތަސް، ބައްޕަ އަށް ވެސް އެންމެ މުހިންމީ އާއިލާކަން، އެ ފޮޓޯގަނޑުން އެނގެ އެވެ.

ބައްޕަގެ ނުރުހުގައި މައުސޫމް ވަނީ ބައެއް ކަންކަން ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސައުދީ އަރަބިއްޔާ އަށް ގޮސް ދީނީ އިލްމު ހާސިލްކުރުމެވެ. އެއީ އިސްލާމް ދީން ދެކެ ލޯބިން އޭނާ ކުރި ކަމެކެވެ. އެއްގޮތަކަށް ވެސް ދީނީ ގޮތުން ހައްދުފަހަނައެޅުމުގެ މަގުސަދެއް އެއަކު ނެތެވެ.

ބައްޕަ ބޭނުންވީ ވިޔަފާރީގައި އުޅޭށެވެ. ހަމައެކަނި ބައްޕަ ބޭނުން ގޮތަކަށް އޭނާގެ ދިރިއުޅުން ވެސް ބައްޓަން ކުރާށެވެ. އެކަމަކު ކާފަ ދަސްކޮށްދިނީ މުޅިން އެހެން ފިލާވަޅެކެވެ. އޭނާ އަށް ޖެހިލެވުނީ ކާފަގެ ކޮޅަށެވެ. އޭނާ އަށް ގަބޫލުކުރެވުނީ ދެ ދުނިޔޭގެ ސަލާމަތް ވެސް އޮތީ، ބައްޕަ އަށް ވުރެ ބޮޑަށް ކާފަ ހިނގި މަގުން ގޮސްގެން ކަމެވެ.

ކާފަ މަރުވީ ނިދީގައި، ހިނިތުންވެގެން އޮވެ އެވެ. ކާފަގެ އެ ރީތި ހިނިތުންވުމަކީ ދުނިޔެ އަށް ދޫކޮށްލި ފަހު ނޭވާގައި ވެސް ޝަކުވާއެއް، ހިތްހަމަނުޖެހުމެއް، މަރު ދެކެ ބިރެއް ނެތްކަމުގެ ހެއްކެކެވެ.

އޭގެ ދެ ރޭ ކުރިން ކާފަ އޭނާގެ ކިބައިން އެދުނީ އިމާމުވެ ދަމުނަމާދުކޮށްދިނުމަށެވެ. އޭނާ ގުރުއާން ހިތުދަހެވެ. އެހާ ރީތިކޮށް ގުރުއާން ކިޔަވަ އެވެ. އެއީ އޭނާ ސައުދީގައި ހަދަމުން އައި ކޯހުގެ ފަހު އަހަރުގެ މެދުތެރޭ ޗުއްޓީ ދުވަސްވަރެވެ.

"މިރޭ ކާފަ ބޭނުން ދަރިފުޅުގެ ފަހަތުގައި ދަމުނަމާދުކޮށްލަން،" ރޭގަނޑުގެ ކެއުމަށް ފަހު ކާފަޔާ އެކު، ކާފަގެ މުސްކުޅި އުނދޯލީގައި އިންދާ ބުންޏެވެ.

ކައި ނިމިގެން ކާފަގެ އާދައަކީ މުއްސަނދި ދުފުންގަނޑެއް ދުފުމެވެ. އޭގައި އިންޑިއާގެ އެކި ވައްތަރުގެ ސާމާނު ހުރެ އެވެ. އެ ދުފުންގަނޑު ކާފަ ނުދުފާ ހަނދާނެއް އޭނާގެ ނެތެވެ. ދިވެހިންނަށް އިންޑިއާގެ އެ އުފެއްދުންތައް ފެނުނީ އަދި މާ ފަހުންނެވެ.

އެރޭ ވެސް ކާފަ ދުފަމުން ދިޔައީ އެހާ މީރުކޮށެވެ. އޭނާ އަށް ވެސް އެ ދުފުންގަނޑު އެހާ މީރުވާނެ ނަމައޭ އޭރު ހިތަށްއަރަ އެވެ. އެކަމަކު ކާފަ ދޭ ހުރިހާ އެއްޗެއް އަޅައިގެން ދުފާލާ ކޮންމެ ފަހަރަކު ބޯއަނބުރައިގަނެ އެވެ. އެހެންކަމުން އޭނާ ކަނީ ހަމައެކަނި ފޯއްކޮޅަކާއި ބިލެތްކޮޅެކެވެ.

"ކާފަ ބޭނުން ގޮތެއް،" ބޮޑު ބާލީހެއްގައި ބޯ އަޅާލައިގެން އޮވެ، ދުފުމުގެ މީރުކަން ހޯދަމުން ދިޔަ ކާފަ އަށް އޭނާ ޖަވާބު ދިނެވެ.

"ކާފަތަ ގޮވާނީ ނޫނީ ދަރިފުޅު އަމިއްލަ އަށް ހޭލާނީތަ؟" އެއީ ކާފަގެ އާންމު ސުވާލެވެ.

"އަހަރެން ހޭލާނަން،" ކާފަ ބޭނުންވާނީ ސީދާ އެ ޖަވާބުކަން އެނގޭތީ އޭނާ ބުންޏެވެ.

ދަންވަރު 1:30 ގައި އޭނާ ހޭލި އެވެ. ކާފަގެ ކޮޓަރީގެ ދޮރު ހުޅުވާލި އިރު، އެ ބޮޑު ކޮޓަރީގެ މެދުގައި ވަނީ މުސައްލަތައް ފަތުރާފަ އެވެ. ކާފަ ހުރީ ތައްޔާރުވެގެންނެވެ.

ދަމުނަމާދު ނިމުމާ އެކު ކާފަ ބުނީ އިށީދެ އިނުމަށެވެ. ކުޑައިރު ވެސް، ބައެއް ރޭރޭ އޭނާ ދަމުނަދާމަށް ނަގާފައި، އެގޮތަށް މުސައްލަ މަތީ އިރުގަނޑެއް ވަންދެން ބައިންދާނެ އެވެ. ދެން ދޭނީ ނަސޭހަތެވެ. އެހެންކަމުން އެރޭ ވެސް ކާފަގެ މަގުސަދަކީ ވަރުގަދަ ނަސޭހަތެއް ދިނުންކަން އޭނާ އަށް އެނގުނެވެ.

"ދަރިފުޅު ބުނެބަލަ ކާފަގެ އުމުރުން މިހާރު ކިތައް އަހަރު؟"

"އަށްޑިހަ ފަހެއް،" ކާފަގެ ސުވާލާ އެކު އޭނާ ޖަވާބު ދިނެވެ.

"ހަމަ ބަރާބަރު. ތިއީ ކާފަގެ ދަރިއަކީ،" އެހެން ބުނެފައި، އޭނާއާ ދިމާއަށް، ކާފަ ވަރަށް ފުންކޮށް ބަލަން އިނެވެ. އޭނާ ވެސް އިނީ އެވެ. ކާފަގެ ތުނި ނުރަ އިސްތަށިގަނޑާއި، ތުނި ނުރަ ތުނބުޅި އާއި ކުދިކުދި ރޫތަކެއް ހުރި ދޮން މޫނާއި، ތޫނު ދެ ލޮލުން އޭނާ އަށް ފެނުނީ ހަރުދަނާ، ވަރުގަދަ ޝަހުސިއްޔަތެކެވެ. އެއީ އެ އާއިލާގެ އެންމެ ވަރުގަދަ ތަނބެވެ. ކުޅަދާނަ ސިކުނޑިއަކާއި ވިޔަފާރީގެ ވިސްނުމެވެ. ދީން ދެކެ އިންތިހާ އަށް ލޯބިވުމާއި ދީލަތިކަމުގެ ނަމޫނާ އެވެ.

"ކާފަ އަށް މި ދުނިޔެ އިން ބޭނުން އެކައްޗެއް ވެސް މިހާރަކު ނެތް. ކާފަ އަށް ދުނިޔެ ފުރިހަމަވިތާ ކިތައްމެ ދުވަހެއް. އެކަމަކު ދަރިފުޅުގެ ބައްޕަ އަށް މި ދުނިޔެ ނޫން އެހެން އެއްޗެއް އަދިއެއް ނުފެނޭ. އެއީ ކާފަ ދެރަވާ ހަމައެކަނި ތަންކޮޅަކީ. ކާފަ ނުބުނާ ކަމަކަށް ނުވާނެ. ކާފަ ދިން ނަސޭހަތްތައް އެނގޭނީ ކާފައަށް. އެކަމަކު އޭނާގެ ނެތް ވިޔަފާރި އާއި ބާރު ނޫން އެހެން އެދުމެއް. ދަރިފުޅު ބަލާތި އެކަން ބަދަލުކުރެވޭތޯ،" ކާފަ، ވަރަށް މަޑުމަޑުން ވާހަކަ ދައްކަމުން ދިޔަ އެވެ.

"ކާފަގެ ދުއާއެއް ދަރިފުޅު ދީނީ އިލްމުވެރިޔަކަށް ވުމަކީ. ދީން އެނގިގެން ދަރިފުޅުގެ ހަޔާތަށް ލިބޭނީ ރަނގަޅެއް. ވިޔަފާރި ވެސް ހިންގޭނެ، މުއްސަނދި ވެސް ވެވޭނެ. އެކަމަކު ދީން ފުރަތަމަ އެއްޗަކީ. ދީނީ ކަންކަމުގެ މަތިން ހަނދާން ނެތިއްޖެއްޔާ ދުނިޔެ ރަނގަޅެއް ނުވާނެ. ދަރިފުޅު ޖެހޭނެ ކިޔަވައި ނިމިގެން އައިސް ވެސް އިމާމުވެ ނަމާދުކުރަން. ދަރިފުޅަށް އެބަ ހުރި އިރާދަކުރެއްވީތީ ރީތި މަހުރަޖެއް ދެއްވާފައި. ކާފަ ހާދަ އުފަލެކޭ މިވަނީ. ދަރިފުޅުގެ ތި ކިޔެވުން އެހެން މީހަކަށް ނުކިޔެވޭނެ."

ކާފަގެ ވާހަކަތައް އަޑުއަހަން އޭނާ އިނީ ނިދީގެ ކަންފުޅެއް ވެސް ނެތި އެވެ. އޭނާ އަށް ކާފަގެ ނަސޭހަތް އަބަދުވެސް ހިތްގައިމެވެ. އޭނާގެ ނިދި ފިލަ އެވެ. އޭނާ އެ ވާހަކަތައް އަޑުއަހާ ހިތްވެ އެވެ.

"ކާފަ ބުނާނީ ލާރި ކިތައްމެ ވަރަކަށް ލިބުނަސް ދީލަތިކަން ހަނދާން ނައްތާނުލައްޗޭ. ތިމާގެ އަމިއްލަ ދިރިއުޅުމަށް ވުރެ އެހީތެރިކަން ބޭނުން މީހުން މާ މުހިންމުވާނޭ. ކާފަ އަށް ދުވަހަކު ވެސް ލާރި މަދެއް ނުވޭ. މީހަކަށް ކިތައްމެ ބޮޑު އެހީއެއް ދިނަސް، އުނިވާހެނެއް ހިއެއްނުވޭ. ﷲ ދެއްވާނީ، ﷲ އިތުރުކުރައްވާނީ. ދުވަހަކު ވެސް ދަރިފުޅު ނުވާނެ ދަހިވެތިވެގެންނެއް،" އެހާ ހިސާބަށް ކާފަ ވާހަކަ ދެއްކީ އޭނާގެ ކަނާތުގެ އަތްތިލާގައި ހިފަހައްޓާލައިގެން އިނދެ އެވެ.

"ދަރިފުޅު ހަނދާން އެބަ ހުރިތަ ފިއްލަދޫ ދަލޭކަދައިތަ މަތިން؟" ކާފަ ދެން އެހީ އެ ސުވާލެވެ.

"އާނ، ކިހިނެއް ހަނދާން ނެތޭނީ؟" އޭނާ ބުންޏެވެ.

"ކާފަގެ ބައްޕަ ވެސް، ކާފަގެ ކާފަ ވެސް، ދަލޭކަދައިތަގެ ގެއަށް ޒިޔާރަތްކުރާނެ. އެއީ އާދައިގެ އާއިލާއެއް ނޫން އިނގޭ. އެއީ އިލްމުވެރި، މީހުންގެ ސިއްރުތައް އެނގޭ ބައެއް،" ކާފަ ބުންޏެވެ.

އޭނާ އަށް އެކަން އެނގެ އެވެ. ކާފައާ އެކު އޭނާ ފުރަތަމަ ފަހަރަށް އެގެއަށް ފިޔަވަޅު އެޅި ރޭ ވެސް، "އާނ، މިހިރީ އާއިލާގެ އަލި ގަދަ ތަރިއޭ" ބުނި އަޑު އޭނާގެ ކަންފަތަށް މިހާރު ވެސް އިވޭ ފަދަ އެވެ. ދަލޭކަދައިތަ އިނީ އެގޭ ތެރޭގައި ހުރި އަށިމަތީގަ އެވެ.

"މި ސޮރު ދީން ކިޔަވާނެ، މި ސޮރު ގުރުއާން ހިތުދަސްކުރާނެ"އޭ ބުނެލީ، އިސްތަށިގަނޑުގައި ފިރުމާލަމުންނެވެ. އޭނާގެ ބޮލަށް އަރައިގެން ދިޔަ ފިނިގަނޑުގެ އިހުސާސް، އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު ކުރެވެ އެވެ.

އެއީ އޭނާގެ އުމުރުން 15 އަހަރުގެ ހަނދާނެކެވެ.

ކާފަގެ ކޮޓަރީގައި، ރޭގަނޑުގެ ހިމޭންކަމުގައި، އެހެން ގިނަ އިންސާނުން ނިދީގެ އަރާމުގައި ތިބި ވަގުތު، ކާފަ އޭނާގެ އަތުގައި ހިފައިގެން އިނީ މުޅިން އެހެން ވާހަކައެއްގަ އެވެ.

"ދަލޭކަދައިތަގެ އެހީތެރިކަން ދަރިފުޅަށް ވެސް ޖެހޭނެ. އެދުވަހަކުން ދަރިފުޅު ޖެހިލުންނުވާތި އެގެއަށް ދާން. އާއިލާ އަށް ބޮޑު ކަމެއް ދިމާވިޔަސް، ދަރިފުޅަށް ބޮޑު ކަމެއް ދިމާވިޔަސް، ލަފައެއް ހޯދަންޏާ އެންމެ ފުރަތަމަ މީހަކީ ދަލޭކަދައިތަ،" އެހެން ބުނިއިރު، ކާފަގެ މޫނުމައްޗަށް ވެރިފައި ވަނީ ރީތި ހިނިތުންވުމެކެވެ.

އެހާ ހިސާބުން ކާފަގެ ވާހަކަ ނިމުނީ އެވެ. އޭގެ ދެ ރޭ ފަހުން ކާފަ މި ދުނިޔެ އަށް ދޫކޮށްލި އެންމެ ފަހު ނޭވަޔާ އެކު މޫނުމައްޗަށް އެ ހިނިތުންވުން ފަތުރުނެވެ.

އޭނާގެ އިސްކޮޅުގައި ހަ ފޫޓެވެ. ބައިމަތި ފުޅަލެވެ. އެ އިސްކޮޅަށް ބަރާބަރު، ފަތި ހަށިގަނޑެކެވެ. އޭނާގެ ކަޅު ތުނބުޅި ހުރީ ތުނިކޮށް ކޮށާފަ އެވެ. އިސްތަށިގަނޑު ފަންވެފައި، ބޮލެވެ. އުމުރުން 40 އަހަރެވެ. އޭނާގެ ހަގަށް ތިބި އަންހެން ދެ ކޮއްކޮގެ އުމުރު އުޅެނީ 37 އަދި 34 ގަ އެވެ. އޭނާގެ ފިރިހެން ތިން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.

ބައްޕަ މަރުވުމާ އެކު އާއިލާގެ ހުރިހާ ޒިންމާއެއް މިހާރު އޮތީ އޭނާގެ ބޮލުގައި އެޅިފަ އެވެ. އެއީ އޭނާ ހީކުރި ވަރަށް ވުރެ މާ ބޮޑު ވިޔަފާރިއެކެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް އޮތީ ފެތުރިފަ އެވެ. އެކަމަކު އެ ހުރިހާ ކަމެއް ސިކުނޑީގެ އެއްފަރާތުގައި ބާއްވައިގެން، އޭނާ އެންމެ ބޮޑަށް ރާވަމުން ދިޔައީ އޭނާގެ ބައްޕަ ވަގަށް ނަގައި، ހަ ދުވަސް ވަންދެން ހިފެހެއްޓި އަދި އެންމެ ފަހުން މުޅި ރާއްޖެ އަށް ބޭޒާރުކުރި މީހުން ހޯދާށެވެ.

މިހާރު ވެސް އެއް ކަމެއްގައި ފުލުހުންނަށް ވަނީ ކުރި ލިބިފަ އެވެ. ބޮޑު މަރުތޭލަކުން ތަޅާ، ލޯބިވެރިޔާ އާއި ގާތް ރަހުމަތްތެރިޔާ މަރާލުމުން އުމުރަށް ޖަލަށް ލާފައި ހުރި ޔާސިރު ނަމަކަށް ކިޔާ ގައިދީ އެވެ. ފުލުހުން ގެންދަނީ އޭނާއާ ސުވާލުކުރަމުންނެވެ. ފުލުހުން ލަފާކުރާ ގޮތުގައި ޔާސިރަށް ކޮންމެވެސް ކަމެއް އެނގެ އެވެ. ނަމަވެސް މިހާތަނަށް އިތުރު މަގެއް ކޮށޭ ކަހަލަ ބަހެއް ޔާސިރުގެ ދުލަކަށް ނާދެ އެވެ.

އޭނާގެ އިންޓަކަމް ރިންގުވާން ފެށި އެވެ. ފޯނު ނަގައި "އޯކޭ، ގޮވައިގެން އާދޭ!" އޭ ބުނެފައި ބޭއްވި އެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ގޮނޑިން ތެދުވި އެވެ. ދޮރު ހުޅުވާލަދިން އަންހެން ކުއްޖާއާ އެކު އެތަނަށް ވަނީ ފާތިރެވެ.

"އައްސަލާމް އަލައިކުމް، ފާތިރު، ކިހިނެއް؟" މައުސޫމް، ބާރަށް ހިނގާފައި ގޮސް އަތް ދިއްކޮށްލި އެވެ. ފާތިރު، ހިނިތުންވެފައި، މައުސޫމްއާ ސަލާންކޮށްލި އެވެ. ( ދެ ވަނަ ބައި މާދަމާ)

ޔާސިރުގެ ވާހަކަ ހިމެނޭ އަދި 10 ސިލްސިލާގެ ފުރަތަމަ ބައި "މަރުތެޔޮ"، ޝާއިއުކުރީ ޖޫން 12، 14، 16 ވަނަ ދުވަހު އެވެ.