ސީއައިޑީ ޓީމުން "ކަޕިލް ޝަރުމާ ޝޯ" އަށް ވަދެއްޖެ
ސީއައިޑީ ޓީމުން "ކަޕިލް ޝަރުމާ ޝޯ" އަށް ވަދެއްޖެ

ސޮނީ ޗެނަލުން މިހާރު ދައްކަމުންދާ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ" ޝޯ އަށް ސީއައިޑީ ޓީމުން ވަދެއްޖެ އެވެ. މިއީ ހަގީގީ ސީއައިޑީ ޓީމެއް ނޫނެވެ. ފާއިތުވީ އެތައް އަހަރަކު ސޮނީ ޗެނަލްގެ އެންމެ ކާމިޔާބު އެއް ޝޯ ކަމަށްވާ "ސީއައިޑީ" ގެ ޓީމެވެ.

"ސީއައިޑީ" ޓީމު "ކަޕިލް ޝަރުމާ ޝޯ"ގައި މިފަހަރު ބައިވެރިވަނީ މި ދެ ޝޯގެ ފޭނުން އެކަމަށް ވަރަށް ބޮޑަށް އެދެމުންދާތީ އެވެ.

ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި ސޮނީން "ސީއައިޑީ" އެއްގޮތަކަށް ވެސް ނުދައްކާތީ ޝޯ ހުއްޓާލީކަމަށް ހިތާ ގިނަ ބަޔަކު ތިބީ ވަރަށް ދެރަވެފަ އެވެ. ނަމަވެސް އެ ޝޯ އުފައްދާ ޓީމުން ބުނެފައިވަނީ ޝޯ ހުއްޓާލީ ނޫން ކަމަށާއި ކުޑަކުޑަ ބްރޭކެއް ނެގީ ކަމަށެވެ.

އެހެންކަމުން މި ދެ ޝޯ ބަލާހިތުން ތިބި މީހުންނަށް ދެ ޓީމު އެކުވެގެން މި އުފައްދާ އެޕިސޯޑަކީ ވަރަށް މަޖާ އެހާމެ ބަލާހިތްވާ އެޕިސޯޑަކަށް ވާނެކަން ޔަގީނެވެ.

މި އެޕިސޯޑުގައި ދައްކަނީ "ސީއައިޑީ"ގެ ކުޅަދާނަ އޮފިސަރުންތައް ކަމަށްވާ އޭސީޕީ ޕްރަދިޔުމަން އާއި ދަޔާ އަދި އަބިޖީތު "ކަޕިކް ޝަރުމާ ޝޯ" އަށް ކުއްލިއަކަށް ވަދެގަނެ ތަންތަން ފާސްކުރަން ފަށާ ތަނެވެ.

އާއްމުކޮށް ސީއައިޑީގައި ވެސް ގޭގެ ފާސްކުރަން އިންސްޕެކްޓަރު ދަޔާ ވަންނަ ގޮތަށް މިފަހަރުވެސް އޭނާ ވަނީ ދޮރު ފަޅާލާފަ އެވެ. ނަމަވެސް ސީއައިޑީގައި ދަޔާ ކުޅެނީ ވަރަށް ސީރިއަސް އޮފިސަރެއްގެ ރޯލު ނަމަވެސް މި އެޕިސޯޑުގައި ދަޔާ ފެނިގެން ދާނީ ގިނަ ބަޔަކު ހައިރާން ކޮށްލާނެ މަޖާ ރޯލަކުންނެވެ.

މި ޝޯގައި ނާނީ (އަލީ އަސްގަރް)ގެ ކައިވެނީގެ ދައުވަތެއް އޭސީޕީ ޕްރަދިޔުމަން ގަބޫލުކުރެ އެވެ. އަދި އަބިޖީތު ވެސް ވަރަށް މަޖާ އުކުޅުތައް ބޭނުންކޮށްގެން ކަޕިލްގެ ޝޯގައި ދިމާވާ ގިނަ މައްސަލަތަކެއް ހައްލުކޮށްދޭނެ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ މި ޚާއްސަ އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވާއިރު އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޮނިހިރު، އާދިއްތަ ދުވަހެއްގެ ރޭ ގަވާއިދުން "ސީއައިޑީ"ގެ އާ އެޕިސޯޑުތައް ފަށަން ވަނީ ހަމަޖެހިފަ އެވެ.

މިއީ "ސީއައިޑީ" ގެ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެކަން ޔަގީނެވެ.