14 މާޗް 2019 - 19:10

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭނަށް، ހެޔޮއެދޭ ފަރާތްތަކުން މިހާތަނަށް 4.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
މި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝާން ލަތީފް ވިދާޅުވީ "އެޖެންޑާ 19"ގެ ކެމްޕެއިނަށް ޚަރަދުކުރުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށާއި އެކި ހަރަކާތްތަކުން އެކަމަށް ފައިސާ ހޯދަމުން އަންނަ ކަމަށެވެ. އަދި ކެމްޕެއިނަށް ޚަރަދު ކުރުމަށް މިހާރު ވެސް ހެޔޮއެދޭ ފަރާތްތަކުން 4.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ އިތުރުން ފޮއްޗާއި ކުލަ އާއި ޓީޝާޓު ފަދަ ކެމްޕޭން މެޓީރިއަލް ދެއްވާ. އަދި ޕްރިންޓް ކުރުން ފަދަ ކަންކަން ކޮށްދެއްވާ،" އަފްޝާން ވިދާޅުވި އެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާތަކަކަށް އެމްޑީޕީން ވާދަކުރެ އެވެ. އިންތިޚާބަށް މަހެއްހާ ދުވަސް ވެފައިވާއިރު، ކެމްޕެއިން ހަރަކާތްތަކަށް ޕާޓީގެ އިސްވެރިން އަންނަނީ އެކި ރަށްތަކަށް ދަތުރުކުރަމުންނެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އަންނަނީ ރަށްތަކަށް ވަޑައިގެން، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުތައް މެދު ކަނޑާލެއްވުމަށް ފަހު ނަޝީދު ވަނީ ރޭ ސްރީ ލަންކާ އަށް ފުރާވަޑައިގެންފަ އެވެ.
އެމްޑީޕީން ބުނީ ލަންކާ އަށް އެ މަނިކުފާނު ވަޑައިގަތީ ވެސް ކެމްޕެއިނަށް ކަމަށެވެ. އެގޮތުން، އެ ގައުމުގައި އުޅޭ ބައެއް ދިވެހިންނާ ނަޝީދު ބައްދަލުކުރައްވައި، 'އެޖެންޑާ 19' އިގެ މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްޑީޕީން ބުންޏެވެ.