14 މާޗް 2019 - 16:13

ކާސްޓްރޯލް ބްރޭންޑުގެ އޮޓޯމޯބައިލް އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް މި އަހަރު ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ކުންފުނީގެ ޓްރޭޑިން އެންޑް އިންޖިނިއަރިން ޑިޕާޓްމެންޓްގެ ހެޑް އިސްމާއިލް އަދުހަމު ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް ކާރާއި ސައިކަލް ގެންނަ ކުންފުނިތައް ހުރި ނަމަވެސް ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފު ކުރުމުން ރާއްޖޭގެ އޮޓޯމޯބައިލް ސިނާއަތަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
"ރާއްޖެ އިން ކާސްޓްރޯލް ބްރޭންޑް ތައާރަފު ކުރުމަކީ މި މާކެޓަށް ސްޓެބިލިޓީއެއް ގެނެވޭނެ ކަމެއް. އަގުތައް ހިފެހެއްޓިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ކާސްޓްރޯލަކީ ދުނިޔޭގައި ވެސް ނަން މަޝްހޫރު ބްރޭންޑެކެެވެ. އެ ބްރޭންޑްގެ އުފެއްދުންތައް އެމްޓީސީސީ އަށް ގެންނަތާ 20 އަހަރު ވެއްޖެ އެވެ.
އަދުހަމް ވިދާޅުވި ގޮތުގައި، އެމްޓީސީސީން ވިއްކާ އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް އަތޮޅު ތެރެއިން ކުރިމަގުގައި ލިބޭނެ ގޮތް ވެސް ފަހިކުރާނެ އެވެ. އެގޮތުން މިދިޔަ އަހަރު އޭޖެންޓުންތަކެއް އަތޮޅުތަކަށް ކަނޑައެޅި އިރު މި އަހަރު ވެސް އާ އެޖެންޓުން ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.