ކައިވެނި ހަފުލާގެ ފައިވާނުގައި، މަރުވެފައިވާ މަންމަގެ މެސެޖެއް
ކައިވެނި ހަފުލާގެ ފައިވާނުގައި، މަރުވެފައިވާ މަންމަގެ މެސެޖެއް

އިނގިރޭސިވިލާތުގެ ލެއިސެސްޓަޝަޔާގައި ދިރިއުޅޭ އެމާ ލޯބިވެރިޔާ ރިޗަޑްއާ އެންގޭޖްވީ 2016 ގަ އެވެ. އޭނާ އެންމެ ބޮޑަށް ދެކެމުން ދިޔަ އެއް ހުވެފަނަކީ މި އަހަރުގެ އޮގަސްޓްގައި ކައިވެނިކުރާ އިރު، އެ ހަފުލާގައި މަންމަ ވެސް ބައިވެރިވުމެވެ.

ކައިވެނި ހަފުލާގެ ފައިވާނުގައި، މަރުވެފައިވާ މަންމަގެ މެސެޖެއް
ކައިވެނި ހަފުލާގެ ފައިވާނުގައި، މަރުވެފައިވާ މަންމަގެ މެސެޖެއް

އެކަމަކު ނަސީބު ދިމާކުރި ގޮތުން އެމާ، 38، އެންގޭޖްވިތާ މާ ގިނަ ދުވަހެއް ނުވެ މަންމަ ފުއްޕާމޭގެ ކެންސަރު ބަލީގައި 2017 ގައި ވަނީ މަރުވެފަ އެވެ. ކައިވެންޏަށް އޯޑަރު ކުރި ކަސްޓަމައިޒްޑް ހީލްސް އެމާ އަށް ލިބުނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ހައިރާންވީ ބޫޓް ލިބުނު އިރު، އެއަށް ވެސް މަންމަ ފައިސާ ދައްކާފައި އޮތުމުންނެވެ. އެކަމަކު އެއަށް ވުރެ ބޮޑު ހައިރާންކަމެއް ލިބުނީ ހީލްސްގެ ފުއްކިބައިގައި މަންމަގެ ހާއްސަ ބަސްކޮޅެއް ވެސް އިންކަން އެނގުމުންނެވެ.

އޭގައި ލިޔެފައި ވަނީ ކައިވެނީގެ ދުވަހުގެ ހަދިޔާއަކަށް ދަރިފުޅަށް، ހަދިޔާއެއް ދޭން ބޭނުންވީ ކަމަށާއި އެ ހަދިޔާއަކީ ދަރިފުޅުގެ ކައިވެނީގެ ބޫޓް ކަމަށެވެ. އަދި "ކައިވެނީ ދުވަހަކީ ވަރަށް ވެސް އުފާވެރި ދުވަހަކަށް ވާނެކަމަށް އުންމީދު ކުރާ" ކަމަށާއި "ދަރިފުޅު ދެކެ ވަރަށް ލޯބިވާ" ކަމަށް ވެސް ލިޔެފައިވެ އެވެ.

މަންމަ ވަކިވެ ދިޔަތާ ދެ އަހަރެއްހާ ދުވަސް ފަހުން ކައިވެނި ކުރާ އިރު، އެމާ އަށް މި ހީލްސްވެގެން ދިޔައީ ވަރަށް އުންމީދު ނުކުރާ ކަހަލަ ހަދިޔާއަކަށެވެ.

"މިއަށް ވުރެ ވަކި ހާއްސަ ހަދިޔާއެއް ނެތް،" އޭނާ ބީބީސީ އަށް ބުންޏެވެ. "ބޫޓްގައި އިން މެސެޖް ފެނިފައި އަހަންނަށް ރޮވުނު. ނޭވާ ކުރުވި. ވާހަކަ ވެސް ނުދެއްކުނު. ހަގީގަތުގައި މިއީ ވަރަށް އަސަރުކުރި ކަމެއް. މަންމަގެ މި ހަދިޔާގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ."

އޭނާ ބުނި ގޮތުގައި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާން މަންމަ ނެތުމަކީ ލިބޭނެ އެންމެ ބޮޑު އުނިކަމެވެ. އެކަމަކު މަންމަ ހަދިޔާކުރި ބޫޓް، ކައިވެނީގެ މުހިއްމު ހިއްސާއަކަށް ވާނެ ކަމަށް އެމާ ބުންޏެވެ.

އޭނާގެ ކައިވެނީގެ ބޫޓް ކަސްޓަމައިޒްޑްކޮށްދިން އޮންލައިން ފިހާރަ "ލޭސް އެންޑް ލަވް" ގެ ވެރިޔާ އެމެންޑާ ވެއިޒް ބުނީ ބޫޓަށް އޯޑަރު ކުރިތަނާ އެމާގެ މަންމަ ގުޅާފައި ބޫޓަށް ގެންނަން ބޭނުންވި ބަދަލު ކިޔައިދިން ކަމަށެވެ. އަދި ބޫޓް ތައްޔާރުކުރީ އޭނާ ކިޔައި ދިން ގޮތަށް ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް ހަނދާން އެބަހުރި ވަރަށް ދެރަވެފައި އޭނާ ބުނި ދަރިފުޅުގެ ކައިވެންޏާ ހަމައަށްދާ އިރު ދުނިޔޭގައި ހުންނާނެކަމާ މެދު ޝައްކޭ. އެހެންވީމާ ހަދިޔާއަކަށް ތިމަންނަގެ މެސެޖާ އެކު ބޫޓް ތައްޔާރުކޮށްދޭށޭ،" އެމެންޑާ ބުންޏެވެ.