16 މާޗް 2019 - 08:39

"ބާހްބަލީ" އުފެެއްދި ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމު "އާރްއާރްއާރް" ގެ ރޯލްތަކެއް ބޮލީވުޑްގެ ތަރިން ކަމަށްވާ އަޖޭ ދޭވްގަން އާއި އާލިއާ ބަޓަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، އެ ދެ ތަރިން އެ ފިލްމަށް ސޮއިކުރިކަން ކަށަވަރުވެއްޖެ އެވެ.
އިންޑިއާގެ ސައުތުގެ މަޝްހޫރު ޒުވާން ދެ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ބަތަލުގެ ރޯލުން ފެނިގެންދާ ފިލްމަށް އަޖޭ އާއި އާލިއާ ސޮއިކުރިކަން އެ ފިލްމުގެ ރަސްމީ ޓްވިޓާގައި ވަނީ ހިއްސާކޮށްފަ އެވެ. އަދި އާލިއާ ވެސް "އާރްއާރްއާރް" އިން ފުރުސަތު ދިނުމުން ރާޖަމޯލީ އަށް ޝުކުރު އަދާކޮށް ޓްވީޓްކޮށްފަ އެވެ.
ނަމަވެސް އަޖޭ ފިލްމުން ފެންނާނީ ކޮން ކަހަލަ ރޯލްތަކަކުން ކަމެއް އަދި ނޭނގެ އެވެ.
އާލިއާ "އާރްއާރްއާރް" ސޮއިކުރިކަން ކަށަވަރުކޮށް ދީފައި ވަނީ މި ވަނީ އޭނާ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ފިލްމަށް ވަގުތު ދެވެން ނެތުމުން، ބަތަލާގެ ރޯލް ޕަރިނީތީ ޗޯޕްޅާ އަށް ވެސް ހުށަހަޅާފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
އާލިއާ އާއި އަޖޭގެ އިތުރުން މިދިޔަ އަހަރު ރިލީޒް ކުރި "ޕޮންޑް ލައިފް" ގެ އިނގިރޭސި ބަތަލާ ޑެއިޒީ އެޑްގާ ޖޯންސް ވެސް ވަނީ ފިލްމުގެ ރޯލަކަށް ސޮއިކޮށްފަ އެވެ.
ފިލްމުގެ ރަސްމީ ނަމަކީ "އާރްއާރްއާރް" ވެސް ކަށަވަރުކޮށް ދީފައިވާ މި ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ބަތަލުންތަކެއްގެ ވާހަކަ ކިޔައިދޭ އަދި 1920 ގެ އަހަރުތަކުގެ ހާދިސާއެއް ގެނެސް ދޭނެ ފިލްމެކެވެ.
ފިލްމުގެ ޝޫޓިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކުރިއަށްދާ އިރު، "އާރްއާރްއާރް" ސިނަމާތަކަށް އަންނާނީ ޖުލައި، 30، 2020 ގަ އެވެ.
ދެ ބަޔަކަށް ގެނެސް ދިން "ބާހްބަލީ" އާ އެއްގޮތަށް އެ ފިލްމު ވެސް ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ހިންދީ ބަހުން ގެނެސް ދޭނެ އެވެ. "އާރްއާރްއާރް" އަކީ 400 ކްރޯޑްގެ ބަޖެޓަކުން ބިޔަ ޕްރޮޖެކްޓެކެވެ.