14 މާޗް 2019 - 12:26

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ބޭނުން ކުރާނެ ވޯޓު ކަރުދާސް ޗާޕްކޮށްދިނުމަށް އެމް7 އާއި ނޮވެލްޓީ ޕްރިންޓާސް އިން ބީލަން ހުށަހަޅައިފި އެވެ.
ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ބައެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ދެ ފަހަރެއްގެ މަތިން އިއުލާންކޮށްފަ އެވެ. އެގޮތުން، ފުރަތަމަ ފަހަރު އީސީ އިން ކުރި އިއުލާން ބާތިލް ކުރީ އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް މިއަދު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ބައެއް ހޯދަން ކުރިން ކުރި އިއުލާނާ ގުޅިގެން އެ ކަމަށް ޝައުގުވެރިވެ ބީލަން ހުށަހެޅީ ނޮވެލްޓީ އާއި އެމް7 އެކަނި ކަމަށެވެ. އަދި ބިޑްތައް އިވެލިއުޓް ކުރުމުގެ މަސައްކަތްކޮށް، ވީހާވެސް އަވަހަކަށް ކޮށް، ޗާޕް ކުރަން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އިންތިޚާބަށް ވަނީ ވަރަށް ވަގުތު ކުޑަތަން ވެފައި. އެހެންވެ ކޮމިޝަނުން މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް ގާބިލް ބަޔަކަށް އެކަން ހަވާލު ކުރަން،" އަކްރަމް ވިދާޅުވި އެވެ.
މަޖިލިހުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޗާޕްކޮށްދޭން ބީލަށް ހުށަހެޅި އެމް7 އަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވޯޓު ކަރުދާސް ޗާޕް ކުރި ކުންފުންޏެވެ. އެ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕް ކުރުމުގެ ޝައުގުވެރިކަން ނޮވެލްޓީން ފާޅުކޮށް ބީލަން ހުށަހެޅި އެވެ. އެކަމަކު، ވޯޓު ކަރުދާސް ޗާޕް ކުރަން އީސީ އަށް އެންމެ ރަނގަޅު ބައެއްގެ ގޮތުގައި ފެނުނީ އެމް7 އެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕުކުރީ އެކަމަށް ކުރިމަތިލި ދެ ވަނަ ޗާޕުހާނާ އިން ހުށަހެޅި އަގަށް ވުރެ ތިން މިލިއަން ރުފިޔާ ބޮޑުކޮށެވެ. ކުޑަ އަގެއް ހުށަހެޅީ ނޮވެލްޓީންނެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޗާޕުޚާނާ އިން ހުށަހެޅީ 25 ވޯޓު ކަރުދާސް ހިމެނޭ ފޮތެއް ޗާޕުކުރަން 63.80ރ. އެވެ. އެކަމަކު 25 ކަރުދާސް ހިމެނޭ ފޮތެއް ޗާޕްކުރެވޭނެ އަގަކަށް އެމް7 އިން ހުށަހެޅީ 345.85ރ. އެވެ.
ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާހާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިކޮށް، އެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އިންތިޚާބު ބާތިލް ކުރަން އެންމެ ބޮޑަށް ފާހަގަ ކުރި އެއް ކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދެ ދަރިކަލެއްގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށްވާ އެމް7 އަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިނުމެވެ.
ވޯޓު ކަރުދާސް ޕްރިންޓް ކުރަން ނޮވެލްޓީން ބިޑް ހުށަހަޅައި، ގިނަ ޕޮއިންޓް ލިބިފައި ވަނިކޮށް އެ ބިޑްތައް ބާތިލް ކުރުމަށް ފަހު، އެމް7 ކުންފުންޏަށް އެ މަސައްކަތް ދިނީ ވަކި ގޮތަކަށް އިންތިޚާބުގެ ކަންކަން އަނބުރާލަން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔުން އަމާޒުވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް އޭރު އަމާޒުވި ފާޑުކިއުންތަކަށް އެ ކޮމިޝަނުން ރައްދު ދެމުން ބުނެފައި ވަނީ ބިޑް ކުރުމެއް ނެތި އެމް7 އަށް އެ މަސައްކަތް ދިނީ ސީދާ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުއްދަ ދެއްވައިގެން، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.