ޓޫރިޒަމާ ގުޅޭ ތިން ގަވައިދެއް އޭޖީ އޮފީހަށް ފޮނުވައިފި
ޓޫރިޒަމާ ގުޅޭ ތިން ގަވައިދެއް އޭޖީ އޮފީހަށް ފޮނުވައިފި

ޓޫރިޒަމާ ގުޅޭ ތިން ގަވައިދެއް ބަންޑާރަ ނައިބު އޮފީހަށް ފޮނުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު މިއަދު ވިދާޅުވީ، ޓޫރިޒަމްގެ ދާއިރާ ހަރުދަނާކޮށް އިސްލާހު ކުރުމަށް ގަވައިދުތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ރިސޯޓުތަކުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގަވައިދާއި ޓޫރިޒަމްގެ ތަފާސްހިސާބުތަކާ ބެހޭ ގަވައިދުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކާ ބެހޭ ގަވައިދުގެ ދެވަނަ އިސްލާހެވެ. މި ގަވައިދުތައް އެ އޮފީހުން ފައިނަލް ކުރުމުން ގެޒެޓް ކުރެވޭނެ އެވެ.

"އެންމެ އަވަހަށް ނިންމޭނެ ކަމަށް ލަފާކުރެވެނީ ޓޫރިސްޓް ސޭފްޓީ ގަވައިދު، ހޮޓެލް ގަވައިދު، ގެސްޓްހައުސް ގަވައިދު އަދި ފިއުލް ގަވައިދު،" އޭނާ ވިދާޅުވި އެވެ.

ކުރިޔަށް އޮތްތަނުގައި ޓޫރިޒަމް ދާއިރާ އަކީ އެންމެންނަށް ވެސް ފަސޭހަކަމާ އެކު ވިޔަފާރި ކުރެވޭ ދާއިރާއަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން މިކަމަށްޓަކައި ކެބިނެޓް ޕޭޕަރެއް ތައްޔާރު ކުރަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ރާއްޖޭގައި ބައެއް ގާނޫނާ ގަވައިދުތައް މިހުރީ ވަރަށް ކުރީގެ އެއްޗެހި. ޓޫރިޒަމް ދާއިރާއާ ގުޅޭ ގަވައިދުތައް. ޖޫރިމަނާތަކަށް ބެލިޔަސް ވަރަށް ބޮޑެތި އަދަދުތައް ހުރީ. ވިޔަފާރިވެރިޔާ ހަލާކުވާ ވަރުގެ އަދަދުތައް ހުރީ،" އޭނާ ވިދާޅުވި އެވެ.

މި ޖޫރިމަނާތައް ކަނޑައެޅި ފަހުން ރާއްޖެ އަށް ޓެކްސް ނިޒާމު ތައާރަފްވެފައިވާ ކަމަށާއި އެހެންކަމުން ޓެކްސް ނިޒަމާ ބައްދަލު ގޮތަކަށް ބައެއް ގަވައިދުތަކަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މި މަހުގެ ތެރޭގައި ކެބިނެޓަށް ހުށަހަޅާނެ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

ގަވައިދުތަކަށް އިސްލާހު ގެނައުމުގައި އޮސްޓްރޭލިއާ އާއި ނިއުޒީލެންޑް ފަދަ ގައުމުތަކާއި މޫދުގައި ދިމަވާ ހާދިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ބަލައިގެން ރާއްޖެ އަށް އެފަދަ ގަވައިދެއް ހެދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ ރާއްޖޭގައި މޫދުގައި ހިންގާ ކަންކަން ހުއްޓުވާ އެދެވޭ ބަދަލެއް ގެނައުން. މިނިސްޓްރީން ވެސް ކުރެވިދާނެ ކަންކަން އިތުރަށް ބަލާނަން،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިންސްޕެކްޓް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އަލީ ވަހީދު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލެ އާއި ވިލިމާލޭ އިންސްޕެކްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.