14 މާޗް 2019 - 11:24

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއިކުރުމަށް ފަހު ނަން އަނބުރާ ނެގި ކްލަބްތަކުގެ އަމަލުތައް ހުރި ގޮތުން، އެކަމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައި އޮތްކަމަށް ތުހުމަތުކުރުމުގެ ޖާގަ އެބައޮތް ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ވިކްޓްރީގެ ހުށަހެޅުމުގައި މެޖޯރިޓީ ކްލަބްތަކުން ސޮއިކުރި ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވޭ ގޮތް ނުވީ ހަތަރު ކްލަބަކުން ނަން އަނބުރާ ނެގުމުންނެވެ. އެއީ ކޮން ކްލަބްތަކެއްކަން އެފްއޭއެމުން ނުބުނެ އެވެ. އަދި އެ ކްލަބްތަކުން އެކަން ވިކްޓްރީ އަށް ވެސް އަންގާފައެއް ނުވެ އެވެ. އެކަމަކު ފީފާ އާއި އޭއެފްސީގެ މަންދޫބުން ކްލަބްތަކާ ބައްދަލުކުރުމުން، އޭގެ ތެރެއިން ހަތަރު ކްލަބަކުން ވަނީ ނަން އަނބުރާ ގެނެސްފައިވާ ކަމަށްވެ ބުނެފަ އެވެ. އެއާ އެކު ވިކްޓްރީގެ ހުށަހެޅަށް ގާނޫނީ ހައިސިއްޔަތު ގެއްލި ކޮންގްރެސް ބޭއްވޭ ގޮތް ނުވީ އެވެ.
އަލީ ވަހީދު ވިދާޅުވީ ގޮތް ނިންމާނީ ކްލަބްތަކުން ކަމަށާއި ބޭނުންވަނީ ސަތޭކަ މީހުންނާ އެކު މިހާރު މިއޮތް ގޮތަށް ފުޓްބޯޅަ ކުޅެންތޯ ވެސް ނިންމާނީ ކްލަބްތަކުން ކަމަށެވެ. އެކަމަކު ބައެއް ކްލަބްތަކުން އެއް ފަހަރު ސޮއިކޮށްފައި އަނެއް ފަހަރު ސޮއި ނަގައި ގޮތެއްގައި ހިފަހައްޓާނުލެވުމުން، ކުޅިވަރުގެ މީހެއްގެ ހައިސިއްޔަތުން އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ދިވެހި ފުޓްބޯޅަ ރަނގަޅުވާނީ ފުޓްބޯޅަ އާއިލާ މީހުން އެކައްޗެއް ކިޔައިގެން. މިގޮތަށް ސޮއި އަޅާފައި ސޮއި ނެގީމާ ތުހުމަތުތައް ކުރުމުގެ ޖާގަ އެބައޮތް. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ކްލަބެއްގެ މައްސަލައެއް އެއްވެސް ތާކަށް ލާކަށް. އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް ކްލަބަކަށް އެގޮތްގޮތަށް ގެއްލުން ލިބުމުން ފުޓްބޯޅައަށް ފައިދާއެއް ނުވާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަން ނެގީ ކޮން ކްލަބްތަކެއްކަން ވެސް އެނގޭ ކަމަށާއި އޭގެ ބައެއް ކްލަބްތަކުން އާ ސީޒަނަށް ކުޅުންތެރިންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ނަން ނުނަގާ ތިބި ކްލަބްތައް ތިބީ ހަމަ އެ ތިބި ހާލަތެއްގައި ކަމަށެވެ.
"އެހެންވީމާ މީގެން ފެނޭ އެބަ އެހެން މަންޒަރެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
ނަން އަނބުރާ ނަގުވަން އެ ކްލަބްތަކަށް އޮފާތަކެއް އައި ކަމަށް މިނިސްޓަރު ތުހުމަތެއްކުރެއްވި އިރު އެފްއޭއެމުން ވަނީ ކްލަބްތައް ލައްވާ ސޮއިކުރުވުމަކީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
އެކަމަކު، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވި މިވަގުތު ގޭގައި ހުންނެވި މިނިސްޓަރު މަހުލޫފުގެ ބަދަލުގައި މިނިސްޓްރީ މިވަގުތު ހިންގަވާ އަލީ ވަހީދު ވިދާޅުވީ ސޮއިކުރުވާ މަތިން ސަރުކާރުން އެއްވެސް ފައިސާއެއް ދީފައިނުވާނެ ކަމަށާއި ކްލަބްތަކުގައި އެދުނީ ފުޓްބޯޅަ އަށް ރަނގަޅު ގޮތެއް ނިންމަން ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފާވޭ ދިވެހި ސަރުކާރު ހަމަ އެއްވެސް ހިސާބަކުން މި ފަހަރު، ތާރީހުގައި ފުރަތަމަ ފަހަރަށް އެފްއޭއެމްގެ އިލެކްޝަނަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާ، އަދި އެއްވެސް ފައިސާގެ އެއްވެސް ކަމެއް ނެތީމާ،" މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އެސިސްޓަންޓްސް (އެސްއޯސީ) ދަށުން ކްލަބްތަކަށް ވެސް އަދި އެފްއޭއެމް އަށް ވެސް މިނިސްޓްރީގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެތޯ ނުވަތަ ނޫންތޯއާ މެދު މިވަގުތު އެއްޗެއް ބުނެވެން ނެތް ކަމަށެވެ. ސަބަބަކީ ސަރުކާރުން ކޮރަޕްޝަނަށް ދެނީ ޒީރޯ ޓޮލެރަންސް ކަމަށްވެފައި، ސަރުކާރުން ދޫކުރި ފައިސާ އަށް ވީގޮތް ނޭގި އަލުން ފައިސާ ދޭން ބޭނުންނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްއޯސީގެ ދަށުން ކްލަބްތަކަށް އެހީ ވާން ފެށީ ކުރީގެ ސަރުކާރުންނެވެ. މި ސަރުކާރުން ވެސް އެ ޕްރޮގްރާމް މި އަހަރު ކުރިއަށްގެންދާނެކަން އިއުލާންކުރި އެވެ. ނަމަވެސް ފަހުން އެފްއޭއެމުން ބުނީ އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތުމުން އެފްއޭއެމުން އަމިއްލަ އަށް ދޭން ނިންމާފައިވާ ކަމަށެވެ. އެފްއޭއެމުން ކުރިން ނިންމާފައި އޮތީ ވެސް އަންނަ އަހަރުން ފެށިގެން އަމިއްލަ އަށް ދޭގޮތަށެވެ.