14 މާޗް 2019 - 11:37

ފެބްރުއަރީ މަހު ރާއްޖެ އަށް ޓޫރިސްޓުން އައި ވަރު 16.8 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ނިސްބަތް އޭގެ ކުރީ އަހަރަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. ފެބްރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 320،135 ޓޫރިސްޓުންނެވެ.
"ޓޫރިޒަމް ކުރިއަރަމުން ދިޔުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. މިއަދު ރާއްޖޭގެ އިގްތިސާދުގެ 70 އިންސައްތަ ހިއްސާވަނީ ފަތުރުވެރި ކަމަށް. އާ ސަރުކާރާ އެކު ރާއްޖެ އަށް ސްޓެބިލިޓީ ލިބިގެން ހިނގައްޖެ. އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓާ ގުޅިގެން މިކުރެވޭ މަސައްކަތުން މި ދާއިރާ ކުރިއަށް ދިޔުމަކީ އުފާކުރާ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.
އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޔޫރަޕްގެ ގައުމުތަކުން 55 ޕަސެންޓް ޓޫރިސްޓުން ހިއްސާވާ އިރު އެއީ 13 ޕަސެންޓްގެ ކުރިއެރުމެކެވެ. އޭޝިއާ ސަރަހައްދުން އައިސްފައިވާ ޓޫރިސްޓުންގެ އަދަދު 37 ޕަސެންޓް ހިއްސާކުރާ އިރު އެއީ މިދިޔަ އަހަރާ އަޅާ ބަލާ އިރު 8.5 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް އެމެރިކާއިން އައިސްފައިވާ ޓޫރިސްޓުންގެ ނިސްބަތް ފަސް ޕަސެންޓުގައި ހުރި އިރު އެއީ 26 ޕަސެންޓުގެ ކުރިއެރުމެކެވެ.
ގައުމުތަކުން ރާއްޖެ އަށް އައި ޓޫރިސްޓުންނަށް ބަލާއިރު އަދިވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ރާއްޖެ އަށް ޗައިނާއިން އައިސްފައިވާ ޓޫސްޓުންގެ ނިސްބަތް 17.8 ޕަސެންޓުގައި ހުރި އިރު އިޓަލީ އިން އައިސްފައިވާ ޓޫރިސްޓުންގެ ނިސްބަތް 10.8 ޕަސެންޓަށް އަރަ އެވެ.
މީގެ އިތުރުން އިންޑިޔާގެ ޓޫރިސްޓުންގެ ނިސްބަތް 7.6 ޕަސެންޓުގައި ހުރި އިރު އިނގިރޭސިވިލާތުން ރާއްޖެ އަށް އައިސްފައިވާ ޓޫރިސްޓުންގެ ނިސްބަތް ހުރީ 7.4 ޕަސެންޓުގަ އެވެ. ރާއްޖެ އަށް އައިސްފައިވާ ޓޫރިސްޓުންގެ ތެރެއިން ޖަރުމަންވިލާތަށް 6.5 ޕަސެންޓު ޓޫރިސްޓުން ނިސްބަތްވެ އެވެ.
މި ގައުމުތަކުގެ ތެރެއިން ޗައިނާއިން އަންނަ ޓޫރިސްޓުން ދަނީ މަދުވަމުންނެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާ އިރު ޗާއިނާގެ ޓޫރިސްޓުންގެ ނިސްބަތް ވަނީ ތިން ޕަސެންޓް ދަށަށް ގޮސްފަ އެވެ. އިންޑިއާއިން ރާއްޖެ އަށް އައިސްފައިވާ ޓޫރިސްޓުންގެ ނިސްބަތް ވަނީ 66.8 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ.