14 މާޗް 2019 - 10:35

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން މޫސާ މުންސިފް އަހުމަދާއި އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އަދި އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި ލައިސާ ފަހުތުﷲ ހޯދައިފި އެވެ.

މުންސިފާއި ތާޅަފިލި އަލިބެގެ ޕެއާ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުހައްމަދު ޝައްފާން އިސްމާއިލް އާއި ހުސެއިން ޝިފްނާން އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.
ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ރަފާ އާއި ލައިސާގެ ޕެއާ އިން ތަށި ހޯދީ ފާތިމަތު ދީމާ އަލީ އާއި ޖުމާނާ ނިމާލްގެ ޕެއާ އަތުން 3-2 ސެޓުން މޮޅުވެގެންނެވެ.
މިކްސް ޑަބަލްސް ޗެމްޕިއަން އަކީ ރަފާ އާއި ތާޅަފިލި އަލިބެގެ ޕެއާ އެވެ. ފައިނަލުގައި މޮޅުވީ މުންސިފާއި ލައިސާގެ ޕެއާ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.
ފިރިހެން އެއް ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ވިކްޓްރީ ސްޕޯޓްސް ކްލަބް 3-1 ސެޓުން ބަލިކޮށް މޯލްޑިވްސް ޓޫރިޒަމް ކްލަބެވެ. އެ ޓީމުގައި ހިމެނުނީ މުންސިފާއި ޝިފްނާން އަދި އިސްމާއިލް ސުޖާއު އެވެ. ވިކްޓްރީ އަށް ކުޅުނީ ޝައްފާން އާއި އިބްރާހިމް ލަތީފް އަދި ތާޅަފިލި އަލިބެ އެބެ. މި އިވެންޓުގެ ތިން ވަނަ އަކީ ޔުނައިޓެޑް ވިކްޓްރީ އެވެ.
އަންހެން އެއް ވަނަ ޑިވިޝަނުގެ ތަށި ހޯދީ ވިކްޓްރީ އެވެ. ފައިނަލުގައި މޮޅުވީ ޓީރެކްސް އަތުން 3-0 ސެޓުން މޮޅުވެގެންނެވެ. ވިކްޓްރީ އަށް ޖުމާނާ އާއި ދީމާ އަދި ސްރީ ލަންކާ ކުޅުންތެރިޔަ ކުޅުނުއިރު ޓީރެކްސްގައި ހިމެނުނު ރަފާ އާއި ލައިސާ އަދި ޒުބާ އަހުމަދު ރިޔާޒެވެ. ތިން ވަނަ އަކީ ޔުނައިޓެޑް ވިކްޓްރީ އެވެ.
މުބާރާތުގެ އަންހެން ސިންގްލަސް ފައިނަލުގައި މިއަދު ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ރަފާ އާއި ދީމާ އެވެ. ފިރިހެން ސިންގަލްސް ފައިނަލުގައި 4:30 ގައި ވާދަކުރާނީ މުންސިފާއި ޝައްފާން އެވެ. މެޗުތައް އޮންނާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.