14 މާޗް 2019 - 10:52

ނިއު ދިއްލީ (މާޗް 14) - އަލަތު ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުވެ އިންޑިއާގެ ޝިކާ ގާގަށް ޖެހުނީ އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމުގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ކެންޔާގެ ނައިރޯބީ އަށް ދިއުމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ވެއްޓުނު އިތިއޯޕިއަން އެއާލައިންސުން ދަތުރު ކުރި ގާގުގެ ފިރިމީހާ ސޫމިޔާ ބަޓަޗާރިޔާ އަށް ފޮނުވި އެންމެ ފަހުގެ މެސެޖުގައި ބުނެފައި ވަނީ "ބޯޓު ޖެއްސީމާ ގުޅާލަން" ކަމަށެވެ. ތިން އަހަރު ދުވަހު އެކުގައި އުޅުމަށް ފަހު އެ ދެ މީހުން ކައިވެނި ކުރީގެ މީގެ ތިން މަސް ކުރިންނެވެ.
ކުރިން ހަމަޖެހިފައި އޮތީ ގާގްއާ އެކު ބަޓަޗާރިޔާ ވެސް ނައިޖީރިއާ އަށް ދަތުރު ކުރާ ގޮތަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު ޚިޔާލު ބަދަލުވެ ނިއު ދިއްލީގައި މަޑުކުރަން ނިންމީ ކުއްލި ބައްދަލުވުމެއް އޮވެގެން ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވެ އެވެ.
"އަހަރެން ފްލައިޓަށް އަރައިފިން. ބޯޓު ޖެއްސީމާ ގުޅާލާނަން،" ބަޓަޗާރިޔާ އަށް ގާގް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
އެކަމަކު ބަޓަޗާރިޔާ އަށް އެ މެސެޖުގެ ޖަވާބު ނުފޮނުވެވި އުޅެނިކޮށް އޭނާގެ ރައްޓެއްސަކު ގުޅާފައި އެ ހިތާމަވެރި ޚަބަރު ދިނެވެ.
ނިއު ދިއްލީގައި ދިރިއުޅޭ އެ ދަމަފިރިން ވަނީ ގާގުގެ ނައިރޯބީ ދަތުރު ނިންމާފައި ދިއުމުން ޗުއްޓީއަކަށް ދާން ވެސް ޕްލޭންކޮށްފަ އެވެ.
މި ވާހަކަތައް ނޫހުގައި ޖެހުމާ އެކު އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވަނީ ގާގުގެ އާއިލާއާ ގުޅޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ޓްވިޓާ މެދުވެރިކޮށް އެދިވަޑައިގެންފަ އެވެ. ސްވަރާޖް ފަހުން ވަނީ ގާގުގެ އާއިލާއާ އަދި އެ ބޯޓުން ދަތުރުކުރި އިންޑިއާގެ އަނެއް ތިން މީހުންގެ އާއިލާއާ ވެސް ވާހަކަ ދައްކަވައިފަ އެވެ.
ގާގް އަކީ އިންޑިއާގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކޮންސަލްޓެންޓެކެވެ. އޭނާ ވަނީ ޕެރިސް ކްލައިމެޓް އެއްބަސްވުމުގެ މަޝްވަރާތަކުގައި ވެސް ބައިވެރިވެފަ އެވެ.
އިތިއޯޕިން އެއާލައިންސްގެ ބޯއިން 737 މެކްސް 8 މޮޑެލްގެ ބޯޓުން 35 ގައުމެއްގެ މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި އދ.އާ ގުޅިފައިވާ 21 މީހަކު ވެސް ހިމެނެ އެވެ.