ބަނގުރާ ވިއްކުމާ ގުޅޭ ވާހަކައެއް ނުދައްކަން: ނަޝީދު
ބަނގުރާ ވިއްކުމާ ގުޅޭ ވާހަކައެއް ނުދައްކަން: ނަޝީދު

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދޭން އެއްގޮތަކަށް ވެސް ފެނިވަޑައިނުގަންނަވާ ކަމަށާއި އަދި އެފަދަ ވާހަކައެއް ވެސް ދައްކަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. ތޮއްޑޫގައި ރޭ ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން އެމަނިކުފާނަށް ދަނީ އެތައް ބަޔަކު ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ.

ލޯކަލް ޓޫރިޒަމްގެ ވާހަކަފުޅު ދެއްކެވުމަށް ފަހު ނަޝީދު ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެއްޗަކީި ސެންޓާއި ޗޮކުލެޓާއި ރަލުގެ އިތުރުން ސިނގިރޭޓް ކަމަށެވެ. އެ އެއްޗެހިން ވިޔަފާރިކުރުމުން ފައިދާ ބޮޑުވާނެކަން އެންމެންނަށް ވެސް އެނގޭ ކަމަށް ވިދާޅުވި އެވެ.

"ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެއްޗަކީ ސެންޓާއި ޗޮކުލެޓާއި ރަލާއި ސިނގިރޭޓް. އަޅުގަނޑުމެންނަށް އެނގޭ މި އެއްޗެހިން ވިޔަފާރިކުރީމަ އިންތިހާ އަށް ފައިދާ ބޮޑުވާނެކަން. މުއްސަނދިވާކަން... ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގައި މާ ރަނގަޅަށް ހިންގޭނެ ވިޔަފާރިއެއް، އެ ވިޔަފާރިން ފައިދާ ނެގޭނެކަން އެއީ ކިރިޔާ ވެސް މި މައްސަލައާ ގުޅޭގޮތުން ވިސްނާލައިފިނަމަ އަބަދު ވެސް އެނގެން އޮތް ހަގީގަތެއް،" ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރަމުން އަންނަ ތޮއްޑޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް އެ ވާހަކަ އެހެން ގޮތަކަށް ފަތުރަނީ ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ފަރާތްތަކާ ގުޅިގެން ކަމަށެވެ.