13 މާޗް 2019 - 21:26

އިމާރާތް ކުއްޔަށް ދިނުމުގެ ގާނޫނު ޑްރާފްޓް ކުރަން ޕްރިމިއާ ޗެމްބާސް އަށް ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
ދިރިއުޅުމަށް ތަންތަން ކުއްޔަށް ދިނުމާ ބެހޭ ބިލެއް ހެދުމުގެ އެއްބަސްވުމުގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދާއި ޕްރިމިއާ ޗެމްބާސްގެ ސީނިއާ އެސޯސިއޭޓް ޑރ. މުހައްމަދު އިބްރާހިމް ވަނީ ސޮއިކުރައްވައިފަ އެވެ.
އެ ބިލް ތައްޔާރުކުރާނީ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އާއްމުންގެ ހިޔާލާ ވެސް އެކު ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ކުރިން ވިދާޅުވީ ދިރިއުޅުމަށް ތަންތަން ކުއްޔަށް ދިނުމާ ބެހޭ ބިލެއް ޑްރާފްޓް ކުރަނީ ކުލި ކޮންޓްރޯލްކުރަން ނޫން ކަމަށެވެ. އެއީ ކުއްޔަށް ދޫކުރާ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ރައްކާތެރިކޮށް، ކުލީގެ މުއާމަލާތްތައް ހިންގަންޖެހޭ ގޮތުގެ ތަފްސީލުތައް ހިމެނޭނެ ބިލެއް ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.
ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަންޖެހޭ ފެންވަރާއި ފުރިހަމަ ވާންޖެހޭ ޒަރޫރީ ޚިދުމަތްތަކުގެ އިތުރުން ކުއްޔަށް ދިނުމުގެ މުއްދަތާއި އެޑްވާންސް ފައިސާ ނެގުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް އެ ބިލުގައި ހިމެނޭނެ އެވެ.