28 މެއި 2016 - 07:30

ފިތުރު އީދު ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ ސަލްމާން ޚާންގެ "ސުލްތާން" އިން ރެކޯޑްތައް މުގުރަން މިހާރުއްސުރެ އޭނާ ތައްޔާރުވަމުންދާއިރު އޭނާ ދެން ކުޅެން ހަމަޖެހިފައިވާ ފިލްމާ ބެހޭ ގޮތުން ވެސް ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ.
ޔަގީންވާ ކަމަކީ ސަލްމާން އަލަށް ކުޅެން ފަށާ ފިލްމަކީ ޑައިރެކްޓަރު ރާޖް ކުމާރު ސަންތޯޝީގެ ފިލްމެއް ކަމެވެ. މިއީ ސަލްމާން އާއެކު "އަންދާޒް އަޕްނާ އަޕްނާ" ގައި މަސައްކަތް ކުރި ފަހުން ސަންތޯޝީ އާއި ސަލްމާން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ނަމަވެސް ސަންތޯޝީ ޑައިރެކްޓްކުރި ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ "އަޖަބް ޕްރޭމް ކީ ޣަޒަބް ކަހާނީ"ގައި ސަލްމާން ކުޑަ ކުޑަ ރޯލެއް ކުޅެފައިވެ އެވެ.
ފިލްމުގެ ޝޫޓިން އަދި ނުފެށި ނަމަވެސް ސަންތޯޝީ އާއި ސަލްމާން ކޮންމެވެސް ވަރަކަށް މިހާރު މި ފިލްމުގެ ބައެއް މަސައްކަތްތައް ފަށާފައިވާ ކަމަށް ޚަބަރު ލިބެ އެވެ.
ކުރިން ބެލެވިފައި އޮތީ ސަލްމާނާ އެކު މި ފިލްމުގައި ބަތަލާގެ ރޯލު ކުޅޭނީ ކެޓުރީނާ ކައިފް ކަމަށެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ ބަތަލާކަން ދޭން ނިންމާފައިވަނީ ދީޕިކާ ޕަދުކޯން އަށެވެ. ދީޕިކާ މި ފިލްމު ކުޅެން ސޮއިކޮށްފިނަމަ މި ފިލްމު ވާނީ އޭނާ އާއި ސަލްމާން ކުޅޭ ފުރަތަމަ ފިލްމަށެވެ.
ދީޕިކާ މިހާރު އޭނާގެ ހޮލީވުޑް ފިލްމުގެ މަސައްކަތުގައި ބިޒީކޮށް އުޅުނު ނަމަވެސް ވަރަށް އަވަހަށް އިންޑީޔާއަށް އައިސް ސަލްމާނާއެކު މި އާ ފިލްމުގެ މަސައްކަތް ފަށާނެކަމަށް ވެއެވެ.