ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑައެއް ނުލަން: މަޖިލިހުގެ އިދާރާ
ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑައެއް ނުލަން: މަޖިލިހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައި ނުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

މަޖިލީހުގައި މި ހަފުތާގައި އެއްވެސް ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ. އަދި ޖަލްސާތައް އަލުން ފަށާނެ އިރެއް ވެސް މަޖިލީހުން އަދި ހާމައެއް ނުކުރެ އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިއާއު މިއަދު ވިދާޅުވީ، މި ހަފުތާގައި ޖަލްސާތައް ނެތީ މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންގެ މަޝްވަރާއާ އެކު ކަމަށެވެ. އަދި ޖަލްސާތައް ބާއްވާނެ ދުވަސްތައް ނިންމަނީ އެ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި މަޖިލިހުގެ ކޮމިޓީތަކުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ގެންދެ އެވެ.

މަޖިލީހުގެ ޖަލްސާއެއް މި ހަފުތާގައި ނުބާއްވާއިރު، މުހިންމު ބިލްތަކެއް މަޖިލީހުގައި މިހާރު ވެސް އެބަހުއްޓެވެ. އެގޮތުން ރިޔާސީ ކޮމިޝަންގެ ބިލާއި ގާނޫނީ ޚިދުމަތުގެ ބިލުގެ އިތުރުން ހެއްކާ ބެހޭ ބިލު ފަދަ ބިލްތައް އެބަހުއްޓެވެ. އޭގެ ތެރެއިން ގިނަ ބިލްތައް އަދިވެސް ހުރީ ކޮމެޓީ މަރުހަލާގަ އެވެ.