13 މާޗް 2019 - 16:21

ގައުމީ ފުޓުބޯޅަ ޓީމުތަކުގެ އާ ޖާޒީ ފަރުމާކުރި ފަންނުވެރިޔާއަށް އިނާމެއްގެ ގޮތުން ބީއެމްއެލުން 25،000ރ މިއަދު ދީފި އެވެ.
ރާއްޖޭގެ ގައުމީ ބޭންކުން މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުތައް ލާނެ ޖާޒީގެ ޑިޒައިނަކަށް ހޮވުނީ ކްރެއޭޓިވް އާޓިސްޓެއް ކަމަށްވާ ޝާޒިފް އާދަމްގެ ފަރުމާ އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކީ ބީއެމްއެލް އެވެ. އެހެންކަމުން އެ ބޭންކުން އަންނަނީ ގައުމީ ޓީމުތަކަށް ހާއްސަކޮށްގެން ގިނަ ކަންކަން ކުރަމުންނެވެ.
ޝާޒިފް ވަނީ ހޯމް އަދި އަވޭ މެޗުތަކަށް ރަތާއި ނޫ ކުލައިން ދެ ޖާޒީއެއް ތަފާތު ގޮތަކަށް ފަރުމާކޮށްފަ އެވެ. އެގޮތުން ހޯމް މެޗުތަކަށް ރަތް ކުލައިގެ ޖާޒީގެ ޑިޒައިންގައި އޭނާ ބޭނުންކުރީ ރާއްޖޭގެ ގައުމީ ޓީމަށް ނިސްބަތްކޮށް ކިޔަމުން އަންނަ "ރެޑް ސްނެޕާ" ނުވަތަ ރަތްމަހުގެ ސިފަތަކެވެ.
އަވޭ މެޗުތަކުގައި ބޭނުންކުރާ ޖާޒީ ފަރުމާކުރުމުގައި އަސްލަކަށް ބަލާފައިވަނީ ކަނޑުގެ ރާޅުތަކެވެ.
އާ ޖާޒީ ފުރަތަމަ ފަހަރަށް ބޭނުންކުރާނީ މިހާރު ނޭޕާލްގައި ހިނގަމުން ދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމު ކުޅޭ މެޗުގަ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުތަކުން ގައުމަށް ހޯދައިދިން ރީތި ނަމަށް ބޭންކުން ފަހުރުވެރިވާ ކަމަށެވެ.