15 މާޗް 2019 - 08:43

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީން ބޮލީވުޑަށް އަންނަ ތަރިން އިތުރުވަމުން އަންނަ އިރު، އަނެއްކާ ވެސް އެ އިންޑަސްޓްރީގެ ބަތަލާ އަކު ބޮލީވުޑްގެ ދަތުރު ފަށަން ތައްޔާރުވެއްޖެ އެވެ.
އެއީ ސައުތުގެ މިހާރު އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކީރްތީ ސުރޭޝް، 26، އެވެ. އޭނާއަކީ ތަމަޅަ، ތެލެގޫ އަދި މަލަޔާޅަމް ބަހުން އުފައްދާ ފިލްމުތައް ކުޅޭ ބަތަލާއެކެވެ.
ކީރްތީ ސޮއިކުރި ފުރަތަމަ ހިންދީ ފިލްމަކީ އަޖޭ ދޭވްގަންއާ އެކު ކުޅޭ ފިލްމެކެވެ. އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ ބޯނީ ކަޕޫރް ޕްރޮޑިއުސްކުރާ، އިންޑިއާގެ ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ކުރިން މަޝްހޫރުވި ސައީދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެވެ.
ސައީދު ވަނީ 1950-1963 އަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްކަމާއި މެނޭޖަރުކަން ކޮށްފަ އެވެ. އެ ދައުރުގެ ތެރޭގައި އޭނާގެ ބެލުމުގެ ދަށުން އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމް 1956 ގެ އޮލިމްޕިކްސްގައި ވެސް ވާދަކުރި އެވެ.
ސައީދުގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، މިފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބަދާއީ ހޯ" ގެނެސް ދިން އަމިތު ޝަރުމާ އެވެ.
އަޖޭ ސައީދުގެ ރޯލް ކުޅޭ ފިލްމަކީ ބޯނީ އަށް، އަމިތު ޑައިރެކްޓްކޮށްދޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ބޯނީގެ ދަރިފުޅު އަރުޖުން ކަޕޫރް 2015 ގައި ކުޅުނު "ތޭވަރު" އެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަމިތުގެ ތިން ވަނަ ފީޗާ ފިލްމުގެ ޝޫޓިން ފަށާނީ އަޖޭ މިހާރު ކުޅެމުން އަންނަ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" ގެ ޝޫޓިން ނިމުމުންނެވެ.
މިދިޔަ މަހު ރިލީޒް ކުރި "ޓޯޓަލް ދަމާލް" އިން ފެނިގެން ދިޔަ އަޖޭ ދެން އެންމެ އަވަހަށް ފެންނާނީ މެއި 17 ގައި ރިލީޒް ކުރާ ލޯބީ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރް ދޭ" އިންނެވެ. ތައްބޫ ވެސް ފެނިގެންދާ މި ފިލްމުގެ އެއް ބަތަލާއަކީ ސައުތު ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ތަރިއެއް ކަމަށްވާ ރަކުލް ޕްރީތު ސިންގެވެ.
ދެހާސް އެގާރައިގައި ރިލީޒް ކުރި "ސިންގަމް" ގައި ވެސް އަޖޭއާ އެކު ބަތަލާގެ ރޯލް ކުޅެފައި ވަނީ ސައުތުގެ ތަރިއެކެވެ. އެއީ ކާޖަލް އަގަރްވާލެވެ. އަދި އަޖޭއާ އެކު "ރެއިޑް" އާއި "ބާދުޝާހޯ" ކުޅުނު އިލިއާނާ ޑި ކްރޫޒަކީ ވެސް ސައުތުގެ ނުފޫޒު ގަދަ ބަތަލާއެކެވެ.