13 މާޗް 2019 - 13:16

ނިއު ދިއްލީ (މާޗް 13) - ބޯއިން 737 މެކްސް މަރުކާގެ ބޯޓުތައް ޔޫރަޕިއަން ޔޫނިއަން އާއި އިންޑިއާގެ ވައިގެ ސަރަހައްދުގައި ދަތުރު ކުރުމުން މަނާކޮށްފި އެވެ.
މެކްސް 8 ގެ ބޯޓު ފަހަރު މިހާރު ވަނީ ސިންގަޕޫރާއި އޮސްޓްރޭލިއާ، ޗައިނާ އަދި އިނގިރޭސި ވިލާތުން ވެސް މަނާކޮށްފަ އެވެ. މެކްސް 8 މޮޑެލްގެ ބޯޓުތައް ގައުމުތަކުން މަނާކުރަމުން ދަނީ އިތިއޯޕިއަން އެއާލައިންސްގެ މެކްސް 8 ގެ ބޯޓެއް މިދިޔަ އާދިއްތަ ދުވަހު ވެއްޓުމާ ގުޅިގެންނެވެ. މިއީ ފަސް މަސްތެރޭ ވެއްޓުނު މި މަރުކާގެ ދެ ވަނަ ބޯޓެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ މެކްސް 8 ގެ މޮޑެލް އަކީ ދަތުރު ކުރަން ރައްކާތެރި ބޯޓެއް ކަމަށެވެ. ނަމަވެސް އެމެރިކާގެ އެސޯސިއޭޝަން އޮފް ފްލައިޓް އެޓެންޑެންޓްސް - ސީޑަބްލިއުއޭ ޔޫނިއަން އިން ވަނީ 737 މެކްސްގެ ފްލީޓް ގްރައުންޑް ކުރުމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނަށް ގޮވާލައިފަ އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނީ ބޯއިން 737 މެކްސްގެ ބޯޓުތައް ވަގުތުން ހުއްޓުވާފައިވާ ކަމަށެވެ.
"އެކަށީގެންވާ ބަދަލުތައް ގެނެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ޔަގީންކަން ލިބެންދެން މި މޮޑެލްގެ ހުރިހާ ބޯޓެއް ގްރައުންޑްކޮށްފައި ވަނީ،" ސިވިލް އޭވިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އީޔޫ އޭވިއޭޝަން ސޭފްޓީ އެޖެންސީން ބުނީ މެކްސް8 ގެ ބޯޓުތައް ސަސްޕެންޑް ކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ޓީޔޫއައި އެއާވޭސް އާއި ނޯވޭޖިއަން އެއާވޭސް އިން ޔޫކޭ އަށް އޮޕަރޭޓް ކުރާ މެކްސް 8 ގެ ފްލައިޓްތައް ވަނީ ހުއްޓާލައިފަ އެވެ. ބާމިންހަމް އަށް ދަތުރު ކުރި ޓާކިޝް އެއާލައިންސްގެ ބޯޓެއް އިއްޔެ ވަނީ އަނބުރާ އިސްތަންބޫލަށް ގޮހެވެ. ސްޓޮކްހޯމުން ތެލް އަވީވަށް ދަތުރު ކުރި ނޯވޭޖިއަން އެއާގެ މެކްސް 8 ގެ ބޯޓެއް ވަނި އަނބުރާ ރޫމޭނިއާ އަށް ތިރިކޮށްފަ އެވެ.
އިންޑިއާގެ ސްޕައިސްޖެޓުން މެކްސް 8 ގެ 13 ބޯޓު ބޭނުން ކުރެ އެވެ. އެ އެއާލައިންގެ މެކްސް8 ގެ ހުރިހާ ބޯޓެއް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ސިންގަޕޫރު
އޮސްޓްރޭލިއާ
ޗައިނާ
އިތިއޯޕިއާ
ފްރާންސް
އަޔަލޭންޑް
ޖާމަނީ
އިންޑޮނީޝއާ
މެލޭޝިއާ
ނޯވޭ
ސައުތުވެސްޓް އެއާލައިންސް (އެމެރިކާ) 34 ބޯޓު
އެއާ ކެނެޑާ 24 ބޯޓު
އެމެރިކަން އެއާލައިންސް 24 ބޯޓު
ޗައިނާ ސަދަން 24 ބޯޓު
ނޯވޭޖިއަން އެއާާ 18 ބޯޓު
އެއާ ޗައިނާ 15 ބޯޓު
ޓީޔޫއައި ގްރޫޕް (ޔޫރަޕް) 15 ބޯޓު
ސްޕައިސްޖެޓް (އިންޑިއާ) 13 ބޯޓު
ވެސްޓްޖެޓް (ކެނެޑާ) 13 ބޯޓު
ފްލައިދުބާއީ 11 ބޯޓު
ހައިނަން އެއާލައިންސް (ޗައިނާ) 11 ބޯޓު
ޓާކިޝް އެއާލައިންސް 11 ބޯޓު
ލަޔަން އެއާ (އިންޑޮނީޝިއާ) 10 ބޯޓު
ޖީއޯއެލް ލިންހާސް އެއަރިއާސް (ބްރެޒިލް) 7 ބޯޓު
ޝަންޑޮންގް އެއާލައިންސް (ޗައިނާ) 7 ބޯޓު
ޝްމާޓްވިންގްސް (ޗެކް ރިޕަބްލިކް) 7 ބޯޓު
އެއަރޯމެކްސިކޯ 6 ބޯޓު
ސިލްކްއެއާ (ސިންގަޕޫރު) 6 ބޯޓު
ޖެޓް އެއާވޭސް (އިންޑިއާ) 5 ބޯޓު
އެއާރޯލިނިއަސް އެޖެންޓިނަސް 5 ބޯޓު
އައިސްލޭންޑްއެއާ 5 ބޯޓު
އެލްއޯޓީ އެއާލައިންސް (ޕޮލެންޑް) 5 ބޯޓު
އޮމާން އެއާ 5 ބޯޓު
ޝެންޒެން އެއާލައިންސް (ޗައިނާ) 5 ބޯޓު
އިތިއޯޕިއަން އެއާލައިންސް 4 ބޯޓު
ސަންވިންގް އެއާލައިންސް (ކެނެޑާ) 4 ބޯޓު
އެއާ އިޓަލީ 3 ބޯޓު
ޗައިނާ އީސްޓަން 3 ބޯޓު
ބޯއިން 737 މެކްސް އަކީ އެ ކުންފުނީގެ ފަހުގެ އުފެއްދުމެކެވެ. ބޯއިން 737 ގައި މެކްސް 7، 8، 9 އަދި 10 ވެސް ހިމެނެ އެވެ. ޖެނުއަރީ މަހުގެ ނިޔަލަށް ބޯއިން އިން ވަނީ މެކްސް 8 މޮޑެލްގެ 350 ބޯޓު އެއާލައިންތަކަށް ފޯރުކޮށްދީފަ އެވެ. މި މޮޑެލް އަށް 5،011 އޯޑަރު ބޯއިން އަށް ލިބިފައިވެ އެވެ. މިއިން ބޯޓެއްގެ އަގަކީ ގާތްގަނޑަކަށް 120 މިލިއަން ޑޮލަރެވެ.