ކުޑަހުސެން ފަސް ދުވަސް ތެރޭ ފަސް މެރެތަން ފުރިހަމަކޮށްފި!
ކުޑަހުސެން ފަސް ދުވަސް ތެރޭ ފަސް މެރެތަން ފުރިހަމަކޮށްފި!

ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސެއިން ހަލީމް (ކުޑަހުސެން) އޭނާގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ޖެހިޖެހިގެން ފަސް ދުވަހު ފަސް މެރެތަން ދުވަން އަމިއްލަ ނަފުސަށް ކުރި ވަރުގަދަ ޗެލެންޖް ރޭ ފުރިހަމަކޮށްފި އެވެ.

ކުޑަހުސެން ފަސް ދުވަސް ތެރޭ ފަސް މެރެތަން ފުރިހަމަކޮށްފި!
ކުޑަހުސެން ފަސް ދުވަސް ތެރޭ ފަސް މެރެތަން ފުރިހަމަކޮށްފި!

ރާއްޖޭގެ މެރެތަން ރެކޯޑުގެ ތާޖު 28 އަހަރު ވަންދެއް އެޅި ކުޑަހުސެން އެ ޗެލެންޖް ފެށީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގަ އެވެ. އަނެއް ހަތަރު ދުވަހު ދުވީ މާލޭ އެކުވެނި ޓްރެކް ދަނޑުގަ އެވެ. އޭނާ އެ ހަތަރު ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު 42 ކިލޯމީޓަރު ކަޑައްތުކުރީ ޓްރެކް ވަށައި ސަތޭކައެއްހާ ބުރު ޖަހައިގެންނެވެ.

ކުޑަހުސެން ފަސް ދުވަސް ތެރޭ ފަސް މެރެތަން ފުރިހަމަކޮށްފި!
ކުޑަހުސެން ފަސް ދުވަސް ތެރޭ ފަސް މެރެތަން ފުރިހަމަކޮށްފި!

ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށް ގިނަ ބަޔަކު އެއްބަސްވާ އަޔަންމޭން ޓްރައިތެލޯން ފުރިހަމަކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް މީގެ ދެ އަހަރު ކުރިން ހޯދި ކުޑަހުސެން ބުނީ މި ކާމިޔާބުކުރެވުނީ ހަޔާތުގެ އެންމެ ބޮޑު ފިޒިކަލް ޗެލެންޖް ކަމަށެވެ.

"ސަބަބަކީ ފެށިއިރު އަހަންނަށް ނެތް ފުރިހަމަކުރެވޭނެ ކަމުގެ އެއް ޕަސެންޓުގެ ޔަގީންކަން ވެސް. އަޔަންމެން ފަށާއިރު ވެސް އިތުބާރު އޮވޭ ބޮޑު ކަމެއް ދިމާނުވެއްޖެއްޔާ ފުރިހަމަކުރެވޭނެ ކަމުގެ. އެހެންވެ މިކަން ހާސިލްކުރެވުމުން އަހަރެން ވެސް މިހިރީ ހައިރާންވެފައި،" ކުޑަހުސެން ބުންޏެވެ.

އޭނާ އަށް ޔަގީންކަން ނެތީ ހިތްވަރު ނެތިގެނެއް ނޫނެވެ. އުނަގަނޑާއި ދެ ކަކުލަށް ވެސް އަނިޔާވެ އަދި ކަކުލުގެ ބޮޑު އޮޕަރޭޝަނެއްކޮށްފައިވާތީ އަޅާ ވޭނުގެ ސަބަބުންނެވެ. އޭނާ ބުނި ގޮތުގައި ކާރެއްގައި ކިތަންމެ ވަރުގަދަ އިންޖީނެއް އަޅާފައި އޮތަސް، ފުރޮޅުގައި މައްސަލަ އުޅެންޏާ ހަގީގީ ދުވެއްޔެއް ނުލިބޭނެ ފަދައިން އަނިޔާގެ މައްސަލަތައް އޭނާ އަށްވީ ހުރަހަކަށް ކަމަށެވެ. އެހެންވިއްޔާ އަމުދުން މި އުމުރުގައި އޭނާ މިފަދަ ވަރުގަދަ ގޮންޖެހުމަކާ ކުރިމަތިލީ ކީއްވެ ހެއްޔެވެ؟

ފުރަތަމަ ކަމަކީ، ކުޑަހުސެން ބުނި ގޮތުގައި އުމުރުގެ ގޮތުން އަމިއްލަ ނަފްސަށް ލިބިފައިވާ ކުޑަ ނަމަވެސް ކަންނެތް ކަމެއް އޮތިއްޔާ އެކަން ފިލުވާލައި އަނެއްކާ ވެސް ހަށިގަނޑަށް އާރޯކަމެއް ގެނައުމެވެ. ދެ ވަނަ ކަމަކީ އޭނާ އަކީ ތިން ސަތޭކައެއްހާ ކުދިންނާއި އަށްޑިހައެއްހާ ބޮޑެތި މީހުންގެ ކޯޗަކަށް ވާތީ ކޯޗިންގެ ޕްރެކްޓިކަލް ދިރާސާތަކެއް ކުރުމެވެ. ތިއަރީގައި އޭނާ އަށް ދަސްވާ ކަންކަން އަމަލީ ގޮތުން މަސައްކަތްކުރޭތޯ ބެލުމާއި އޭނާ އަށް ކޯޗުކޮށްދޭ ކުދިންނަށް ހިތްވަރު ދިނުމަކީ ކުޑަހުސެން ބޭނުންވި ކަމެކެވެ.

އަނެއް ކަމަކީ 50 އަހަރު ވުމަކީ، މުސްކުޅިވުން ނޫން ކަމަށާއި ހަށިގަނޑުގައި ކިރިޔާ ވެސް ހިތްވަރެއް ހުރިއްޔާ، އެ މީހަކު ޝައުގުވެރިވާކަންކަމައިގެން ކުރިއަށްދާން ޖެހޭނެކަން އާއްމުންނަށް އަންގައިދިނުމެވެ.
"ކުރިން ކުރާ ވަރަށް ނުކުރެވުނަސް، އެ މީހަކު ޕެޝަން ހުންނަ ކަމެއް އެބަޖެހޭ ކުރެވޭ ވަރަކުން ކުރަން. އަނެއްކާ ކުޅިވަރުގެ ތެރެއިން ކުރީގެ މީހަކު އެބަ ގެއްލޭ ވަކި އުމުރަކަށް ދިޔައީމާ. އަޅުގަނޑުމެން އެބަޖެހޭ މިއަދުގެ ކުދިންނަށް ނަމޫނާއަކަށް ފެންނަން،" ކުޑަހުސެން ބުންޏެވެ.

އެކަން އިއްޔެގެ ދުވުމުން އެކަނި ވެސް ހާސިލްވި އެވެ. އެއީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުގެ ޖޫނިއާ ފެތުންތެރިން އޭނާއާ އެކު ދުވެލައި ހިތްވަރު ހޯދާފައިވާތީ އެވެ. އެއީ ކުޑަހުސެން އަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވި އެވެ.

އެންމެ ފުރަތަމަ ދެ ދުވަހު ފެނާއި އެނާޖީ ޖެލް އަދި ކަދުރު ހިފައިގެން ގޮސް ޓްރެކުގެ އެއްކައިރީ ބަހައްޓައިގެން އެކަނިމާއެކަނި ދުވަން ފެށި ނަމަވެސް ފަހުން އޭނާ ކޯޗުކޮށްދޭ ދުވުންތެރިން ވެސް ގޮސް ތަރުހީބުދީ ހިތްވަރުދީ ހެދި އެވެ. ނަމާދުކުރަން ނޫން ގޮތަކަށް އޭނާ ބްރޭކެއް ނުނަގައި ރޭސް ފުރިހަމަކުރަން ދިޔައިރު، އެންމެ އުނދަގުވީ ހަތަރު ވަނަ ދުވަހު އެވެ.

"ހިތަށް އެރި ވާނެބާއޭ. ވޭން އަޅަމުން ދިޔަވަރުން ރޮވުނު،" ކުޑަހުސެން ބުންޏެވެ.

އަށްޑިހައިގެ ފަހުކޮޅުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ގައުމީ ޓީމަށް ދުވުމަށް ފަހު، ޕީއެޗްޑީ ހާސިލްކޮށް އަދި ދިވެހި އަސްކަރިއްޔާ އަށް ވެސް ހިދުމަތްކުރި ކުޑަހުސެން ހުރީ އަދިވެސް މިފަދަ ޗެލެންޖްތައް ކުރުން ހުއްޓާލާ ގޮތަކަށް ނޫނެވެ.

"ދެން އޮތީ ކޮން ކަމެއް؟" މި ޗެލެންޖުން ހަށިގަނޑުގައި އެޅި ވޭނާއި ތަދު ނުފިލައިގެން އުޅޭއިރު، މިއަދު ވެސް އޭނާގެ ސިކުނޑީގައި އެނބުރެނީ މި ސުވާލެވެ.