ސިޓީ ހަތް ގޯލުން މޮޅުވެ ކުއާޓާ ފައިނަލަށް
ސިޓީ ހަތް ގޯލުން މޮޅުވެ ކުއާޓާ ފައިނަލަށް

މެންޗެސްޓާ (މާޗް 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ޝާލްކާ އަތުން 7-0 އިން މޮޅުވެ މެންޗެސްޓާ ސިޓީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ކުއާޓާގެ ޖާގައެއް ސިޓީން ކަށަވަރުކުރީ ޝާލްކާގެ މައްޗަށް 10-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދައިގެންނެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ތަފާތު ބޮޑު އެގްރިގޭޓް ނަތީޖާ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ޝާލްކާ އިން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް ފުރަތަމަ ހާފުގެ ހަތަރު މިނިޓް ތެރޭ ސާޖިއޯ އަގުއޭރޯ ޖެހި ދެ ގޯލާ އެކު ސިޓީން މެޗުގެ ކޮންޓްރޯލް ނެގި އެވެ. މެޗުގެ 35 ވަނަ މިނިޓްގައި އަގުއޭރޯ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. އޭގެ ތިން މިނިޓް ފަހުން ދެ ވަނަ ލަނޑު ޖެހީ އޭރިއާ ތެރެއިން ލިބުނު ބޯޅަ އަކުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލެރޯއި ސާނޭ އެވެ. ލަނޑު ޖެހުމަށް ފަހު ކުރިން ޝާލްކާ އަށް ކުޅުނު ސާނޭ އުފާފާޅުނުކުރެ އެވެ. އެއީ އޭނާގެ ކުރީގެ ކްލަބަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ.

ސިޓީން އަނެއް ހަތަރު ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ރަހީމް ސްޓާލިން އާއި ބެނާޑޯ ސިލްވާގެ އިތުރުން ފިލް ފޯޑެން އަދި ގަބްރިއެލް ޖީސޫސް އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗު ފަށައިގެން ދިޔައީ ޕްރެޝަރު ގޮތަކަށް ކަމަށާއި އެކަމަކު ލަނޑެއް ޖެހުނު ހިސާބުން މަންޒަރު އެއްކޮށް ބަދަލުވެގެންދިޔަ ކަމަށެވެ.

"އަހަރެމެން ފެށީ ރަނގަޅަކަށް ނޫން. ބިރުންތިބެ ކުޅޭހެން ކުޅުނީ. އެކަމަކު ފުރަތަމަ ލަނޑު ޖެހުނު ހިސާބުން ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވެ އަހަރެމެންގެ ގޭމްޕްލޭނާ އެއްގޮތަށް ކުޅެން ފަށައިފި. އެކަމުގެ ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އެ އޮތީ. ކުއާޓާ ފައިނަލަށް ދެވުނީތީވެ އުފަލުން މި ތިބީ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ އިން ފުރުސަތު ނުލިބި ދިޔައީ އެންމެ ފަހަރަކު އެވެ. މިދިޔަ ސީޒަނުގައި ސިޓީގެ ކެޓީ ކުއާޓާގައި ލިވަޕޫލް އަތުންނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރުސަތު ހޯދަން މިރޭ ލިވަޕޫލް ރަށުންބޭރުގައި ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނައިރު، ގާޑިއޯލާ ބޭނުންވަނީ އެ މެޗުން ބަޔާން މޮޅުވުމެވެ. އެއީ އޭނާގެ ކުރީގެ ޓީމު ކަމަށްވާތީ އެވެ.