12 މާޗް 2019 - 15:59

ތެހެރާން (މާޗް 12) - އީރާނުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މަޝްހޫރު ގާނޫނީ ވަކީލް ނަސްރީން ސަތޫދާ 38 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

އޭނާގެ މައްޗަށް ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ އެތައް ދައުވާއެއް ކޮށްފަ އެވެ. އިންސާނީ ހައްގުތަކުގެ ދާއިރާ އިން އެވޯޑް ހާސިލްކޮށްފައިވާ ވަކީލު ޖަލަށްލުމުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަތޫދާ ވަނީ ބުރުގާ އެޅުމާ ދެކޮޅަށް އިހްތިޖާޖް ކުރި އަންހެނުންތަކެއްގެ ދިފާއުގައި ވަކާލާތުކޮށްފަ އެވެ.
"ނަސްރީން ސަތޫދާގެ ހަޔާތުގެ ބޮޑު ބައި ހޭދަކޮށްފައި ވަނީ އަންހެނުންގެ ހައްގުތައް ދިފާއުކޮށް މަރުގެ އަދަބާ ދެކޮޅަށް އަޑު އުފުލުމުގައި،" އެމްނެސްޓީ އިންޓަނޭޝަނަލްގެ ފިލިޕް ލޫތާ ވިދާޅުވި އެވެ.
ސަތޫދާގެ މައްޗަށް ދައުވާކޮށްފައި ވަނީ އީރާނުގެ ދައުލަތާ ދެކޮޅަށް ދޮގު މައުލޫމާތު ފެތުރުމާއި ރޫހީ ލީޑަރަށް އިހްތިރާމް ކުޑަވާ ގޮތަށް ވާހަކަ ދެއްކުމުން ކަމަށް އޭނާގެ ވަކީލް ބުންޏެވެ.
އީރާނުން މިދިޔަ އަހަރު ހައްޔަރުކުރި އިންސާނީ ހައްގުތަކާ ބެހޭ ހަތް ވަކީލުންގެ ތެރޭގައި ވެސް ސަތޫދާ ހިމެނެ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ކުރިން ވެސް އެތައް ފަހަރަކު އޭނާ ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ. ސަތޫދާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތަކަށް އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ.
ޖަލުގައި ހުއްޓާ ސަތޫދާ އަށް ވަނީ ޔޫރަޕިއަން ޕާލަމެންޓުން ދޭ ޚިޔާލު ފާޅުކުރުމުގެ އެވޯޑް ދީފަ އެވެ.