މަދޫރީއާ އެކު މަސައްކަތް ކުރުމަކީ އުފަލެއް: ސަންޖޭ ދަތު
މަދޫރީއާ އެކު މަސައްކަތް ކުރުމަކީ އުފަލެއް: ސަންޖޭ ދަތު

ލޯބީގެ ގުޅުން ބޭއްވި ބޮލީވުޑްގެ ބައެއް ތަރިންނަކީ އެ ގުޅުން ނިމުމަކަށް އައި ފަހުން، އެކީގައި މަސައްކަތް ކުރަން ބޭނުންވާ ބައެއް ނޫނެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ ސަލްމާން ހާނާއި އައިޝްވާރިޔާ ރާއީ އެވެ.

އެކަމަކު މި ފަހުން ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ދީޕިކާ ޕަދްކޯން އަދި އަނުޝްކާ ޝަރުމާ އާއި ރަންވީރު ސިންގް ފަދަ ތަރިން ވަނީ އެ ޓްރެންޑަށް ނިމުމެއް ގެނެސްފަ އެވެ.

މަދޫރީ ޑިކްސިޓާއި ސަންޖޭ ދަތުގެ ޖޯޑަކީ 90 ގެ އަހަރުތަކުގައި އެންމެ ވިދައިލި އެއް ޖޯޑެވެ. ދެ ތަރިން އެކީގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު، އެންމެ ފަހުން ދެ ތަރިން އެކީގައި ސިނަމާތަކަށް އައީ މީގެ 22 އަހަރު ކުރިންނެވެ. އެއީ 1997 ގެ "މަހާންތާ" އިންނެވެ.

މި ދެ ތަރިން ވެސް ލޯބީގެ ހިތި ރަހަ އެއް ދުވަސްވަރެއްގައި ތަޖުރިބާކޮށްފައިވާތީ، އަލުން އެކީގައި ސްކްރީނަށް އަތުވެދާނެތޯ އުފެދިފައި އޮތް ބޮޑު ސުވާލަށް މިހާރު މި ވަނީ ނިމުމެއް އައިސްފަ އެވެ. އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ "ކަލަންކް" އިން ސަންޖޭ އާއި މަދޫރީ ފެނިގެން ދާނެ އެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމުން މަދޫރީ އަށް ފުރުސަތު ލިބުނީ އޭނާ ކުޅުނު ބަހާރު ބޭގަމްގެ ކެރެކްޓާ ކުރިން ކުޅެން އޮތް ސްރީދޭވީ މިދިޔަ އަހަރު މަރުވުމުން ކަމެވެ.

"ކަލަންކް" ގެ ޓީޒާ ދައްކައިލަން އަންގާރަ ދުވަހު ބޭއްވި އިވެންޓްގައި މަދޫރީ އަށް މެޑަމްއޭ މުހާތަބުކޮށް ދެއްކި ވާހަކައިގައި ސަންޖޭ ވަނީ ވަރަށް ޒަމާންކޮށްފައި މަދޫރީއާ އެކު ފިލްމެއް ކުޅެން ލިބުމުން ވަރަށް އުފާވި ކަމަށް ބުނެފަ އެވެ. އޭނާ ބުނީ މަދޫރީއާ އެކު އަލުން ފިލްމެއް ކުޅެން ލިބުނީ އެފަދަ ފުރުސަތެއްގެ އިންތިޒާރުގައި ވެސް ހުއްޓައި ކަމަށެވެ.

ސަންޖޭގެ ވާހަކަތަކާ ގުޅުވައިގެން މަދޫރީ ބުނީ އެކީގައި ގިނަ މަސައްކަތްތަކެއްކޮށްފައިވާ ތަރިއަކާ އެކު، މަސައްކަތްކޮށްލަން ލިބުމަކީ އަބަދު ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެއީ މަސައްކަތަށް ލިބޭ އިތުރު ފަސޭހައެއް ވެސް ކަމަށެވެ.

އެހެންވީމާ ބެލުންތެރިން ދެން ތިބޭނީ މި ޖޯޑު "ކަލަންކް" ގައި ފެނިގެން ދާނެ ގޮތެއް ބަލައިލުމުގެ ޝައުގުވެރިކަމުގަ އެވެ. ފިލްމުގައި ސަންޖޭ ކުޅެފައި ވަނީ ބަލްރާޖް ޗައުދަރީ ކިޔާ ކެރެކްޓާއެކެވެ.

މިދިޔަ މަހު ރިލީޒް ކުރި ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އަކީ މަދޫރީ އާއި އަނިލް ކަޕޫރްގެ ޖޯޑު 19 އަހަރު ފަހުން ސްކްރީނަށް އައި ފުރަތަމަ ފިލްމެވެ. މި ފިލްމުގެ އާމްދަނީ 100 ކްރޯޑް ރުޕީސް ފަހަނައަޅައި ދިޔަ އެއް ސަބަބަކީ ވެސް މި ޖޯޑުގެ މަގުބޫލުކަމެވެ.