ވިކީ ކޯޝަލްއާ އެކު ކުޅެން ލިބުނު ފިލްމު ސާރާ އަލީ ހާން ގަބޫލެއް ނުކުރި
ވިކީ ކޯޝަލްއާ އެކު ކުޅެން ލިބުނު ފިލްމު ސާރާ އަލީ ހާން ގަބޫލެއް ނުކުރި

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ އުންމީދީ އެކްޓަރު ވިކީ ކޯޝަލް، އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި އުދަމް ސިންގްގެ ރޯލް ކުޅޭ ބައޮގްރަފިކަލް ޑްރާމާގެ ބަތަލާގެ ރޯލް ސާރާ އަލީ ހާނަށް ހުށަހެޅުމުން އޭނާ އެ ފިލްމު ދޫކޮށްލައިފި އެވެ.

ޑެކަން ކްރޮނިކަލްސް އިން ބުނި ގޮތުގައި މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާ އެ ފިލްމަށް އެއްބަސް ނުވީ އޭގައި އޭނާ އަށް މާ ހާއްސަ ރޯލެއް ކުޅެން ނުލިބޭތީ އެވެ. އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމަކަށްވާތީ، ފިލްމުގެ މުޅި މައިގަނޑު ފޯކަސް ހުއްޓޭނީ އެ ރޯލް ކުޅޭ އެކްޓަރަށްވާތީ، ފިލްމަށް ސާރާ އެއްބަސް ނުވީ ކަމަށް މީޑިއާތަކުން ބުންޏެވެ.

އަނެއްކޮޅުން އޭނާ މިހާރު އިމްތިއާޒް އަލީގެ ފިލްމެއްގައި މަސައްކަތް ކުރަމުން އަންނާތީ، އަންނަ މަހު ޝޫޓިން ފަށާ ވިކީގެ ފިލްމަށް ވަގުތު ވެސް ދެވެން ނެތީ ކަމަށް ރިޕޯޓްތައް ބުންޏެވެ. "އުދަމް ސިންގް" އަކީ "ޕީކޫ" އާއި "އޮކްޓޯބާ" ފަދަ ފިލްމުތައް ގެނެސް ދިން ސުޖިތު ސިރްކާސް ޑައިރެކްޓް ކުރާ ފިލްމެކެވެ.

މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް އަންނާނެ އެވެ.

ސައިފް އަލީ ހާނާއި އަމްރިތާ ސިންގްގެ ދޮށީ އަންހެން ދަރިފުޅު ސާރާ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ރިލީޒް ކުރި "ކެދަރުނާތު" އިންނެވެ. އަދި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސިމްބާ" ގެ ރޯލަކުން ވެސް އޭނާ ފެނިފައިވެ އެވެ.