ވީއޭއާރް، ފުޓްބޯޅައިގެ ރޫހާ ހިލާފު: ޕްލެޓިނީ
ވީއޭއާރް، ފުޓްބޯޅައިގެ ރޫހާ ހިލާފު: ޕްލެޓިނީ

ޕެރިސް (މާޗް 12) – ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ފުޓްބޯޅައިގެ ރޫހާ ހިލާފު ކަމަށް ޔުއެފާގެ ކުރީގެ ރައީސް އަދި ފްރާންސްގެ ކުރީގެ ކެޕްޓަން މިޝޭލް ޕްލެޓިނީ ވިދާޅުވެއްޖެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިދިޔަ ހަފުތާގައި ފްރާންސްގެ ޕީއެސްޖީގެ މައްޗަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް 3-1 އިން ކުރި ހޯދައި ކުއާޓާ ފައިނަލަށް ދަތުރުކުރީ ވީއޭއާރް އިން ބަލައިގެން ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. ޕީއެސްޖީގެ ކިމްޕެމްބޭ އަތުގައި ބޯޅަ ޖެހިގެން ދިން އެ ޕެނަލްޓީގެ ނިންމުމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ޕްލެޓިނީ ވިދާޅުވީ ފުޓްބޯޅައިގެ ގަވާއިދު ހަދާ ބައިނަލްއަގްވާމީ ޖަމިއްޔާގައި އޭނާ މަސައްކަތްކުރެއްވި ދުވަސްވަރު ވެސް ބެއްލެވީ ކުޅުންތެރިން ދިފާއުކުރަން ކަމަށެވެ.

"ބުދަ ދުވަހު އެ ހިނގި ކަންތައް، އަހަރެންގެ މި ވާހަކަތައް ތެދުކޮށްދޭނެ. މި ހާލަތުގައި، ޕީއެސްޖީގެ ކުޅުންތެރިޔާ އެނބުރު ވަގުތު އޭނާގެ އަތުގައި ބޯޅަ ޖެހުނީ. އެއީ ގަސްދުގައި ކުރި ކަމެއް ނޫން،" ޕްލެޓިނީ ވިދާޅުވި އެވެ. "އެހިސާބުން ރެފްރީ އޭނާ ކުރަން ޖެހޭ ކަންތައް ކުރީ އެއީ ކޯނަރަކަށް ފުމުން. އެކަމަކު މީހުން އޭނާ ގާތު ބުނެފި އަލުން ބަލަން ޖެހެޔޭ."

އޭނާ ވިދާޅުވީ އަތުގައި ބޯޅަ ޖެހޭ ކޮންމެ ފަހަރަކު ޕެނަލްޓީއަކުން އަދަބު ދިނުމަކީ ފުޓްބޯޅައިގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ. އަދި މިހެން ވާ ނަމަ ގޯލަށް ޝޮޓް ޖެހުމުގެ ބަދަލުގައި ޑިފެންޑަރުގެ އަތުގައި ބޯޅަ ޖެހޭ ގޮތަށް ކުޅުންތެރިން ބޯޅަ ފޮނުވަން ފަށައިފާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ޕްލެޓިނީ ވިދާޅުވީ މައްސަލަ އަކީ ދަނޑުމަތީގައި ހުންނަ ރެފްރީ ނޫން ކަމަށާއި އެކަމުގައި ގޯހީ ވީޑިއޯ ބަލަން ތިބޭ ރެފްރީން ކަމަށެވެ. ސަބަބަކީ ވީޑިއޯ ރެފްރީން ބަލަނީ ކުޅުންތެރިޔާ ފައުލެއް ކުރިތޯ ނޫން ކަމަށާއި ބަލަނީ ބޯޅަ އަތުގައި ޖެހުނުތޯ ކަމަށް ވުމެވެ. އެހެންވެ އޭރިއާ ތެރެއިން ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހޭއިރަށް އެ މީހުން އެއީ ޕެނަލްޓީއެއް ކަމަށް ނިންމާ ކަމަށް ޕްލެޓިނީ ވިދާޅުވި އެވެ.

"އަތުގައި ބޯޅަ ޖެހޭ ކޮންމެ ފަހަރަކު ޕެނަލްޓީއަކަށް ނުވާނެ. ފެށުނީއްސުރެ އަހަރެން ވީއޭއާރްއާ ދެކޮޅު. ސަބަބަކީ ކުޅުނު އިރު އަހަންނަށް އެނގުނު، ދަނޑުމަތީގެ ހަގީގަތް ޓީވީއަކުން ނުފެންނާނެކަން،" ޕްލެޓިނީ ވިދާޅުވި އެވެ.

ވީޑީއާ އެސިސްޓަންޓް ރެފްރީ އަކީ ރީޕްލޭ މެދުވެރިކޮށް ނިންމުންތައް ބަލާ ސިސްޓަމެކެވެ. ރެފްރީ އަށް ޝައްކެއް އުފެދިއްޖެ ނަމަ ރީޕްލޭ ބަލައި އެތަނުގައި ތިބޭ ރެފްރީން ގޮތް ނިންމާނެ އެވެ. ބައެއް ހާލަތްތަކުގައި ރެފްރީ ވެސް ގޮސް ސީދާ ބަލަ އެވެ.