އާސާރީ ތަނެއް ހަލާކު ކުރުމުން ހިންގާ ފުރަތަމަ ޝަރީއަތުގެ ހުކުމް އަންނަ މަހު
އާސާރީ ތަނެއް ހަލާކު ކުރުމުން ހިންގާ ފުރަތަމަ ޝަރީއަތުގެ ހުކުމް އަންނަ މަހު

ދަ ހޭގް (27 އޮގަސްޓް) - އާސާރީ ބިނާތަކަކަށް ގެއްލުން ދިން މައްސަލައެއްގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައި ފުރަތަމަ ފަހަރަށް ހިންގާ ޝަރީއަތުގެ ހުކުމް އަންނަ މަހު އިއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.

އާސާރީ ތަނަކަށް ގެއްލުން ދީގެން އައިސީސީގައި ހިންގާ ފުރަތަމަ ޝަރީއަތަކީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގައި ހުންނަ އިސްލާމީ ތާރީޚާއި ގުޅޭ މުހިންމު ސިޓީއެއް ކަމަށްވާ ޓިމްބުކްޓޫ ސިޓީގެ އާސާރީ ބިނާތަކަކަށް 2012 ގައި ގެއްލުން ދީގެން ހިންގާ ޝަރީއަތެވެ.

އެ މައްސަލާގެ އައިސީސީގައި ޝަރީއަތް ހިންގަނީ މާލީގެ ހަނގުރާމަވެރި ޖަމާއަތެއްގެ މެމްބަރެއް ކަމަށްވާ އަހުމަދު އަލް ފަހީ އަލް މަހްދީގެ މައްޗަށެވެ. އޭނާ ވަނީ އައިސީސީގެ ޝަރީއަތުގައި ކުށަށް އިއުތިރާފްވެ، އެކަމަށް މައާފަށް ވެސް އެދިފަ އެވެ.

އެ މައްސަލައިގެ ހުކުމް އަންނަ މަހުގެ 27 ވަނަ ދުވަހު އައިސީސީން އިއްވާނެ އެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން މަހްދީގެ މައްޗަށް ގިނަވެގެން 30 އަހަރުގެ ޖަލު ހުކުމެއް އިއްވާނެ ކަމަށް ބެލެވެ އެވެ. މަހްދީ އަކީ އައިސީސީގެ ތާރީޚުގައި ވެސް އެ ކޯޓުގައި ކުށަށް އެއްބަސްވި ފުރަތަމަ މީހާ އެވެ.

ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީ އަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ބަލާ ކޯޓެއް ނަމަވެސް ވަކި ޚާއްސަ ހާލަތްތަކެއްގައި އެހެން ބައެއް ކުށުގެ މައްސަލަތައް ވެސް ވެސް އެ ކޯޓުން ބަލަ އެވެ.

ޔުނެސްކޯ އިން އެކުލަވާލާފައިވާ ދުނިޔޭގެ މުހިންމު އާސާރީ ތަންތަނުގެ ލިސްޓުގައި ހިމެނޭ ޓިމްބުކްޓޫ ސިޓީއަކީ ހުޅަނގު އެފްރިކާގެ ގައުމުތަކަށް އިސްލާމް ދީން ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރި ތަނެކެވެ. އެތަނުގައި އިސްލާމީ ތާރީޚީ އެތައް ހާސް ލިޔުންތަކެއް ރައްކާކޮށްފައިވާއިރު 13 ވަނަ ގަރުނުން ފެށިގެން 17 ވަނަ ގަރުނާއި ހަމައަށް އެތަނަކީ އިސްލާމް ދީން އުނގަންނައިދިން މަރުކަޒެއް ވެސް މެ އެވެ.