29 އޯގަސްޓް 2016 - 06:29

ގިނަ ބަޔަކަށް އެކްޓަރު ދޭވް ޕަޓޭލް ބޮޑަށް ފާހަގަކުރެވިފައި ވާނީ އޮސްކާ ހޯދި "ސްލަމްޑޯގް މިލިއަނާ" އިންނެވެ.
އިންޑިއާ ދަރިކޮޅަކަށް ނިސްބަތްވާ އިނގިރޭސިވިލާތުގެ މި އެކްޓަރަކީ އެއްގޮތަކަށް ވެސް އާދައިގެ އެކްޓަރެއް ނޫންކަން އޭނާ މި ވަނީ އަނެއްކާ ވެސް ސާބިތުކޮށް ދީފަ އެވެ. ކުރިއަށް އޮތް ފިލްމް "ލަޔަން" ގެ ޓްރެއިލާ ރިލީޒް ކުރުމާ އެކު ގިނަ ބަޔަކު އަންނަނީ ދޭވްގެ އެކްޓިން އަށް ތައުރީފު ކުރަމުންނެވެ.
ނޮވެމްބަރު މަހުގެ 25 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ލަޔަން" ގައި ދޭވް ފެނިގެން ދާނީ އުމުރުން އެންމެ ފަސް އަހަރުގައި އާއިލާ އަށް ގެއްލޭ ކުއްޖެއްގެ ރޯލުންނެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ކަލްކަޓާ އަށް ގެއްލޭ ސަރޫ ބްރިއަލީ ނަމަކަށް ކިޔާ ކުއްޖެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ވާހަކަ "އަ ލޯންގް ވޭ ހޯމް" އަށެވެ.
ފިލްމުގައި ފެންނާނީ އޮސްޓޭލިއާގެ އާއިލާއަކުން އޭނާ އެޑޮޕްޓްކޮށްގެން ގެންގުޅެނިކޮށް 25 އަހަރު ފަހުން އަމިއްލަ އާއިލާއާ ދިމާވުމުން ދެން ހިނގާ ކަންތައްތަކެވެ.
ފިލްމުގެ ޓްރެއިލާ ބެލި ގިނަ ބަޔަކު ވަނީ ދޭވް، 26، ދައްކާފައިވާ އެކްޓިންގެ ސަބަބުން ހިތަށް ވަރަށް އަސަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ރޯލް ވަރަށް ފުރިހަމަކަން ފާހަގަކޮށްފައިވެ އެވެ.
ގާތު ޑޭވިސް ޑައިރެކްޓްކޮށްފައިވާ "ލަޔަން" ގެ ކާސްޓުންގެ ތެރޭގައި ނިކޯލް ކިޑްމަން، ރޫނީ މާރާ އަދި ޑޭވިޑް ވެހަމް ހިމެނެ އެވެ.
މީގެ އިތުރުން ފިލްމުގެ ކާސްޓުންގެ ތެރޭގައި ބޮލީވުޑްގެ ބައެއް ފަންނާނުން ވެސް ހިމެނެ އެވެ.
އޭގެ ތެރޭގައި ދާދި ފަހުން ރިލީޒްވި "އަންއިންޑިއަން" ގެ ބަތަލާ ތަނިޝްތާ ޗެޓަޖީ އާއި "ބަޖިރަންގީ ބައިޖާން" ފަދަ ފިލްމުތައް ކުޅެފައިވާ ނަވާޒުއްދީން ސިއްދީގީ އާއި "ބޭޝަރަމް"ގެ ބަތަލާ ޕައްލަވީ ޝްރަދާގެ އިތުރުން ތަޖުރިބާކާރު ބަތަލާ ދީޕްތީ ނަވަލް ފާހަގަކޮށްލެވެ އެވެ.