12 މާޗް 2019 - 10:29

ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް މީގެ ކުރިން ދެމުން އައި މާލީ އެހީތެރިކަން މާ ފުޅާ ދާއިރާއެއްގައި، އެހެން ކުޅިވަރު އެސޯސިއޭޝަންތައް ވެސް ހިމަނައިގެން ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން ފެށި އެސްއޯއީ ޕްރޮގްރާމްގެ ދަށުން ފުޓްބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީތެރިކަން މި ސަރުކާރު މެދުވެރިކޮށް ވެސް ހޯދަން އެފްއޭއެމުން މަސައްކަތްކުރުމުން ސަރުކާރުން ޔަގީންކަން ދިނެވެ. އެކަމަކު ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ޔަގީންކަމެއް ނެތުމުން އެ ފައިސާ އެފްއޭއެމުން އަމިއްލަ އަށް ދޭން ނިންމާފައިވާ ކަމަށެވެ.
"މި ސަރުކާރަށް މުހިއްމު ހުރިހާ ކުޅިވަރެއް ވެސް. ދިވެހި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހާލަތު ވަރަށް ރަނގަޅަށް ދެނެގަނެފިން. އަޅުގަނޑުމެން އުއްމީދުކުރަނީ ސަރުކާރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮންމެ ކުޅިވަރަކަށް ވެސް އެހީހޯދަން. އޭގެ މީޑިއޭޓަރެއްގެ ގޮތުގައި ކުޅިވަރާ ބެހޭ މިނިސްޓްރީ މަސައްކަތްކުރާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ފައިސާ އެކައުންޓަށް ވަދެފައިވާތީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިވަގުތު ގޭގައި ހުންނަވަން ސަރުކާރުން އެންގުމުން ވަގުތީ ގޮތުން މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވީ ހުރިހާ ނިންމުމެއް ނިންމަނީ ސްޕޯޓްސްގެ މިނިސްޓްރީގެ ހުރިހާ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު ކަމަށާއި ބޭނުންވަނީ ސަރުކާރުގެ ޕޮލިސީތައް ކުރިއަށްގެންދެވޭނެ ގޮތް މަގުފަހިކުރުން ކަމަށެވެ.
"ކުޅިވަރު އެސޯސިއޭޝަންގެ ތަންތަން މި ހުންނަނީ އެއް އަހަރު ދުވަހަށް ދީފައި. އެ އެއްޗެހި ވެސް އަޅުގަނޑު ބޭނުންވޭ ފަސް އަހަރަށް ބަދަލުކޮށް ބިޒްނަސް މޮޑެލްސްތައް ގެނެސް ކޮންމެ އެސޯސިއޭޝަނަކަށް ހާއްސަ ތަނެއް ގާއިމްކޮށްދޭން،" އަލީ ވަހީދު ވިދާޅުވި އެވެ.
ކުޅިވަރުގެ އިންފްރާސްޓްރަކްޗާއާ ގުޅުުން ހުރި ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ވެސް ކުޅުންތެރިން ބައިތިއްބާ ޔޫތު އެކޮމޮޑޭޝަން ބްލޮކްގެ ހާލަތު ވަރަށް ގޯހެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް މިދިޔަ ނޮވެމްބަރު މަހު މީޑިއާގައި ބުނީ އެކޮމަޑޭޝަން ބްލޮކްގެ ހާލަތު ހުރީ ކުޅުންތެރިން ބައިތިއްބޭ ވަރަށް ވުރެ ގޯސްކޮށް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އެކޮމޮޑޭޝަން ބްލޮކްގެ ހާލަތު ބަލާފައިވާ ކަމަށާއި މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން އެތަނަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވޭނެ ކަމަށެވެ.
މިދިޔަ އަހަރުތަކުގައި ކުޅިވަރު އާއިލާގެ އެންމެ ބޮޑު އެއް އަނެއް ކަންބޮޑުވުމަކީ ކުރީގެ ސަރުކާރުގެ ނުފޫޒު ވަނުމެވެ. މިނިސްޓަރު މަހުލޫފަށް އެފްއޭއެމުން އެ ތުހުމަތު ވަނީކޮށްފަ އެވެ. އެގޮތުން އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް މަހުލޫފު އިސްވެ ހުރެ ގިނަ ކަންތައްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އެކަން ފީފާ އަށް ހުށަހަޅާނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އަލީ ވަހީދު ވިދާޅުވީ އެއީ ހަގީގީ ތުހުމަތުތަކެއް ނޫން ކަމަށާއި ސަރުކާރުން ކުޅިވަރު ސިޔާސީ ނުކުރާނެ ކަމަށެވެ.
އަދި މިނިސްޓްރީ އާއި އެސޯސިއޭޝަންތަކާ އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި އެފްއޭއެމާ ވެސް މައްސަލަ ޖެހިގެން އުޅެނީ މިނިސްޓްރީއެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެފްއޭއެމަށް ވެސް ދިމާވެގެން އުޅޭ ކަންތައްތަކަށް ހައްލެއް ނުލިބި އޮތީ އެ އިދާރާއިން އަމިއްލަ އަށް އިސްވެ މައްސަލަތައް ހައްލުކުރަން ނޫޅޭތީ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ކުޅިވަރު ހާލަތު ރަނގަޅު ކުރަން ވަކި މިވެނި ގޮތެކޭ ކިޔާފައި ބުނާނެ ޖާދުލެއް ނެތް. ކުޅިވަރު ވާން ޖެހޭނެ ކޮންމެ ފިކުރެއް ހުރި މީހަކަށް ވެސް ގުޅިގެން ބައިވެރިވެވޭނެ އެއްޗަކަށް. އަޅުގަނޑުގެ އިލްތިމާސަކީ ކުޅިވަރުގެ އެސޯސިއޭޝަންތަކާއި ރާއްޖޭގެ ރަށްތަކުގައި ހެދޭ ކުޅިވަރު ކައުންސިލްތަކަށް ވެސް ކުޅިވަރު ސިޔާސީ ނުކުރުމަށް. އެކަން ނުކުރާތި،" އަލީ ވަހީދު ވިދާޅުވި އެވެ.