އެންމެ ކުޑަ އުޖޫރައާ އެކު އެންމެންނަށް ވަޒީފާ ލިބޭނެ: ނަޝީދު
އެންމެ ކުޑަ އުޖޫރައާ އެކު އެންމެންނަށް ވަޒީފާ ލިބޭނެ: ނަޝީދު

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް އެންމެ ކުޑަކޮށް ލިބޭ އުޖޫރަ ކަނޑައެޅުމުން އެންމެންނަށް ވަޒީފާ ލިބިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ގއ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެންމެ ކުޑަ އުޖޫރައެއް ދިނުމަށް މިހާރު ވެސް މަސައްކަތް ކުރުމާ ބެހޭ ގާނޫނު ބާރު އަޅާ ކަމަށެވެ. އަދި ގާނޫނުއަސާސީ ވެސް ބިނާވެފައި އޮތީ އެ ތަރަހައިގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި "އެޖެންޑާ 19" އިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ އެވެ. އޭގެ ސަބަބުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވެގެންދާނީ ދިވެހިންނަށް ވަޒީފާ ލިބުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ބޭރު މީހުން ލައްވައި މަސައްކަތް ކުރުވަނީ އެމީހުންގެ އަގު ހެޔޮވާތީ. އެމީހުން ބިކަ ހާލުގައި ބައިތިއްބައިގެން މަސައްކަތް ކުރިއަށް ގެންދެވޭތީ. އެންމެ ކުޑަ އުޖޫރަ، ދިވެހި މީހާގެ އަގަށް ބޭރު މީހާ ގެނެސްދޭނެ. އެހެންވީމަ ދިވެހި މީހާ ބާކީއެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

"ބޭރު މީހާ އަގުހެޔޮ ނުވީމަ، ބޭރު މީހާ ދިވެހި މީހާ އަށް ވުރެ އަގު ބޮޑުވާނެ. ބޮޑުވީމަ، ދިވެހި މީހާ އަށް 6000ރ.-8000ރ. ލިބިގެން މަސައްކަތެއް ލިބޭނެ."

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް އެންމެ ކުޑަކޮށް ލިބޭ އުޖޫރައިގެ ގޮތުގައި 200ރ. ކަނޑައަޅައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ ކަރުދާހެއް ތައްޔާރުކޮށްފަ އެވެ. އެ ކަރުދާހުގައި ވަޒީފާ ހޯދަން އުޅޭ މީހުންނަށް އިނާޔަތެއް ދިނުމަށް ވެސް ހިމަނާފައިވެ އެވެ.

އެމްޑީޕީން ބުނީ އެންމެ ކުޑަކޮށް އުޖޫރަ ލިބޭ އުސޫލު ކަނޑައަޅާނީ އެކި މަސައްކަތްތަކަށް އުޖޫރަ ކަނޑައަޅާ އުސޫލުން ކަމަށާއި އެގޮތަށް އުޖޫރަ ކަނޑައަޅާނީ މަހު އުޖޫރައިން ދުވަހަކަށް ޖެހޭ އަދަދުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަރަންޓުގެ އަގު ހެޔޮ ކުރަން ވައުދުވެފައިވެ އެވެ. އަދި މި އަހަރަށް ފާސް ކުރި 30.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަރަންޓުގެ އަގުހެޔޮ ކުރުމަށް 272 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކަރަންޓު ޔުނިޓެއް އެންމެ ބޮޑުކޮށް 2.30ރ. އަށް ވިއްކެން އެބައޮތެވެ. އަދި އެޖެންޑާ 19 އިން ރައްޔިތުންގެ ކަރަންޓު ބިލް ދެ ގުނަ ކުޑަކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"ތިއިން ގެއެއްގެ ކަރަންޓު ބިލް އަޅުގަނޑަށް ޔަގީން، ދެހާހާއި ތިންހާހާ ދެމެދު ހުންނާނެ. މިހާރު އެއާ ކޮންޑިޝަނެއް ބަހައްޓަން އެބަޖެހޭ. ދޮންނަ މެޝިނެއް އެބަ ހުންނަން ޖެހޭ. ކަރަންޓު އިސްތިރިއަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް. މި ސާމާނު ބޭނުން ކުރެވޭ ގޮތަށް ތަންކޮޅެއް ރަނގަޅު އަގުގައި ކަރަންޓު ލިބެން ޖެހޭ. ހަކަތަ ބޭނުންކޮށްގެން ނޫނީ އުފެއްދުންތެރިކަން އިތުރު ކުރެވޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވެއިތުވެދިޔަ 20 އަހަރު ކުރި ކަމަކީ ސިޔާސީ ޕާޓީއެއް ބިނާކޮށް، ހަމަޖެހޭ ސިޔާސީ ނިޒާމަކާއި ހެޔޮވެރިކަމެއް ކޮށްދެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތެވެ. އަދި އެ މަސައްކަތުގެ އެންމެ ބޮޑު އެއް އަސާސަކީ "ދެ ލޯ މަރާފައި ގޮސް" އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ކަމަށާއި އެކަމުގައި އިތުރު ވާހަކައެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.