13 މާޗް 2019 - 15:37

ނިއު ދިއްލީ (މާޗް 13) - އަންނަ މަހު ބާއްވާ އިންޑިއާގެ އާއްމު އިންތިޚާބުގެ ކެމްޕޭން ޕޯސްޓަރުތަކުގައި، ޕައިލެޓް އަބީނަންދަން ވާތަމަންގެ ފޮޓޯ ބޭނުން ކުރަން ފެށުމުން އިލެކްޝަންސް ކޮމިޝަނުން އެކަން މަނާކޮށްފި އެވެ.
ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ބޮން އަޅަން ދިޔަ އިންޑިއާގެ އެއާ ފޯސްގެ ވިންގް ކޮމާންޑަރު އަބިނަންދަން ދުއްވި ބޯޓު ވައްޓާލައި އޭނާ ވަނީ ޕާކިސްތާނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ޕާކިސްތާނުގެ ބެލުމުގެ ދަށުގައި 60 ގަޑިއިރު ބެހެއްޓުމަށް ފަހު އިންޑިއާއާ ހަވާލު ކުރި ޕައިލެޓަށް އިންޑިއާގައި ވަނީ ބަތަލެއްގެ ދަރަޖަ ދީފަ އެވެ.
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ ކެމްޕޭން ޕޯސްޓަރުތަކުގައި އަސްކަރީ ޚިދުމަތުގައި އުޅޭ މީހުންގެ ފޮޓޯ ބޭނުން ކުރުމަކީ މަނާ ކަމެއްކަން ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި އިންޑިއާގެ ބަޔަކު ދާދި ފަހުން ވަނީ ކެމްޕޭން ޕޯސްޓަރެއްގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯއެއްގެ މޫނުގައި އަބިނަންދަންގެ މޫނު ބޭނުންކޮށްފަ އެވެ.