ޒިދާން އަލުން ރެއާލް މެޑްރިޑާ ހަވާލުވެއްޖެ
ޒިދާން އަލުން ރެއާލް މެޑްރިޑާ ހަވާލުވެއްޖެ

މެޑްރިޑް (މާޗް 11) - މިދިޔަ މެއި މަހު ކުއްލި ގޮތަކަށް ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިވި ޒައިނުއްދީން ޒިދާން އަލުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިން ސީޒަނުގައި ހޯދައިދިން ޒިދާން އެ ޓީމަށް ގެނައީ ސަންޓިއާގޯ ސޮލާރީ ވަކިކުރުމަށް ފަހު 2022 ވަނަ އަހަރުގެ ނިޔަލަށެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ މެއި މަހު ޒިދާން ރެއާލް ދޫކޮށްލީ ކްލަބްގެ ޓްރާންސްފާ ކަންތައްތަކުގެ ބާރު އޭނާ އަށް ނެތުމުންނެވެ. މެޑްރިޑުން މިދިޔަ ޓްރާންސްފާ މާކެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލީ ޒިދާންގެ ނުރުހުމުގައި ކަމަށްވެ އެވެ. ޒިދާން އޭރު ބޭނުންވީ ރޮނާލްޑޯ ބެހެއްޓުމަށް ފަހު ގަރެތު ބޭލް ވިއްކާލަން ކަމަށްވެ އެވެ. މި ފަހަރު އޭނާ އައީ އެ ބާރުތަކާ އެކު ކަމަށްވެ އެވެ.

ޒިދާން މަގާމުން އިސްތިއުފާ ދިނުމުން ރެއާލުން މިދިޔަ ޖޫން މަހު އެ ޓީމަށް ގެނައީ އޭރު ސްޕެއިން ގައުމީ ޓީމުގެ ކޯޗަކަށް ހުރި ހުލެން ލޮޕެޓީގު އެވެ. ސްޕެއިނާ އެކު ވޯލްޑް ކަޕަށް ނުކުންނަން ތައްޔާރުވެފައިވަނިކޮށް ލޮޕެޓީގް މެޑްރިޑާ ހަވާލުވާން އެއްބަސްވުމުން ސްޕެއިނުގެ ފެޑެރޭޝަނުން ވަނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ބޯމަތީގައި އޮއްވައި ލޮޕެޓީގް ސްޕެއިނުގެ ކޯޗުކަމުން ވަކިކުރި އެވެ،

މެޑްރިޑުގައި ލޮޕެޓީގަށް އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުގެ ނަތީޖާ އަކަށްވީ މަގާމާ ހަވާލުވިތާ ފަސް މަސް ނުވަނީސް އޭނާ ކޯޗުކަމުން ވަކިކުރުމެވެ. ލޮޕެޓީގު ވަކިކޮށް ރެއާލުން ވަގުތީ ކޯޗަކަށް ގެނައީ އޭރު ރެއާލުގެ ބީ ޓީމުގައި ހުރި ސޮލާރީ އެވެ.

އެކަމަކު އޭނާ އަށް ޓީމުގެ ނަތީޖާތައް އެއް ފެންވަރެއްގައި ނުހިފެހެއްޓުނެވެ. އެންމެ ފަހުން ސޮލާރީގެ މަގާމާ މެދު ސުވާލު އުފެދުނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަމިއްލަ ދަނޑުގައި އަޔަކްސް އަތުން ކެޓުމުންނެވެ. އަދި ވާދަވެރި ބާސެލޯނާ އަތުން ބަލިވެ ސްޕެނިޝް ކަޕުން ކެޓިއިރު، ސްޕެނިޝް ލީގު ހޯދުމުގެ ދޮރު ވެސް ގާތްގަނޑަކަށް ވަނީ ބަންދުވެފަ އެވެ.

ޒިދާން އަލުން މެޑްރިޑާ މިހަވާލުވަނީ އޭނާ އަންނަ ސީޒަނުގައި ޔުވެންޓަސްއާ ހަވާލުވާނެ ކަމަށް އަޑުފެތުރިފައިވަނިކޮށެވެ. އަނެއްކޮޅުން މެޑްރިޑުގެ ކޯޗަކަށް އަންނަ ސީޒަނުގައި ހޯސޭ މޮރީނިއޯ ގެންނަން ވާހަކަދެކެވިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި އޮއްވަ އެވެ.